ކޮވިޑަކީ އާންމު ރޯގާއެއް ކަމަށް ސިންގަޕޫރުން ކަނޑަައަޅައިފި

c6310b2cc10c4d389617675bac8b97b4_18.jpeg

ކޮވިޑް-19 އަކީ އާންމު ރޯގާތައް ފަދަ ބައްޔެއްގެ ގޮތުގައި ކަނޑައަޅައި، އެ ބައްޔާ މެދު އަމަލުކުރަމުން އައި ހާއްސަ އުސޫލުތައް ދޫކޮށްލަން، ކޮވިޑް ކޮންޓްރޯލްކުރުމުގައި އެންމެ ކާމިޔާބުކަމާ އެކު އަމަލުކުރި އެއް ގައުމު ކަމަށްވާ ސިންގަޕޫރުން ނިންމައިފި އެވެ.

މިއާއެކު 5.7 މިލިޔަން މީހުންގެ އާބާދީއެއް އޮތް ސިންގަޕޫރުގެ ތިން ބައިކުޅަ ދެ ބައި މީހުންނަށް ވެކްސިން ދެވުމުން މިގޮތަށް އަމަލުކުރަން ފަަށާނެ އެވެ. އަންނަ އޮގަސްޓް މާހު މިއަމާޒަށް ދެވޭނެކަމަށް އެ ގައުމުން ލަފާކުރެއެވެ.

މިގޮތަށް ކަނޑައެޅުމާއެކު މީގެ ފަހުން ވޭދަނަތައް މުޅިން ނައްތާލުމަށް ސިންގަޕޫރުން މަސައްކަތެއް ނުކުރާނެ އެވެ. އެގޮތުން ދަތުރު ކޮށްފައި އަންނަ މީހުން ކަރަންޓީންވާން ނުޖެހުމާއި، ފައްސިވީ މީހަކާއި ގާތުން އެއްތާވި ކަމުގައި ވިޔަސް އެކަހެރިވާން ނުޖެހޭނެކަމަށް ސިންގަޕޫރުން އެކުލަވާލައިފައިވާ އާ ޕްލޭންގައި ބަޔާން ކޮށްފައިވެއެވެ. އޭގެ އިތުރުން އެ ޕްލޭންގެ ދަށުން ދުވާލެއްގެ މައްޗަަށް ފައްސިވާ މީހުންގެ އަދަދު ވެސް އިއުލާން ނުކުރަން ވަނީ ނިންމާފައެވެ.

ނަމަވެސް، ފިހާރައަށާއި މަސައްކަތުގެ މާހައުލަށް ނުކުންނަނަމަ ޓެސްޓު ހަދަން ޖެެހެއެެވެ. ސިންގަޕޫރު އިސް މިނިސްޓަރުން ވިދާޅުވަނީ މިއީ ‘ނިއު ނޯމަލް’ ގައި ކޮވިޑާއި އެކު ދިރިއުޅުން ކަމަށެވެ.

ވައިރަހާއި އެކުގައި އުޅެވިދާނެ ކަމުގެ ޚަބަރާއި އެކު ސިންގަޕޫރުގެ މިނިސްޓަރުން ވަނީ ކޮވިޑް މުޅިން ފިލައިގެން ނުގޮސް ހުރެދާނެ ކަމަށާ އެހެން ބަލިތަކެކޭ ވެސް އެއްފަދައިން މުޖްތަމައުތެރޭގައި ކޮވިޑްގެ ކޭސް ތައް އަބަދުވެސް ކޮންމެވެސް ވަރަކަށް އުޅެފާނެ ކަމަށް ލަފާކޮށްފަ އެވެ.

އާ އުސޫލަށް އަމަލުކުރަން ފަށާއިރު ފަސޭހައިން ބައްޔަށް ޓެސްޓްކުރެވޭ ކިޓްތައް އެއާޕޯޓްތަކާއި އޮފީސްތަކާއި މޯލްތަކުގައި އަދި އާންމުކޮށް ގިނަ މީހުން ގޮސް އުޅޭ ތަންތަނުން ލިބޭ ގޮތް ހަދާނެ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު އިއުލާނުކުރުމުގެ ބަދަލުގައި އިސްކަން ދޭނީ ބަލީގެ ހާލަތަށް ކަމަށާއި ބަލި ޖެހިގެން ވަރަށް ބޮޑަށް ބަލިވަނީ ކިތަން މީހުންތޯ އާއި އައިސީޔޫ އަށް ލާންޖެހެނީ ކިތަން މީހުންތޯ އާއި ވެންޓިލޭޓަރު ގުޅަން ޖެހެނީ ކިތަން މީހުންނަށްތޯ ބަލާނެ ކަމަށް އާ އުސޫލުގައި ކަނޑައަޅާނެ އެވެ.

ސިންގަޕޫރުގައި މިދިޔަ އަހަރު ކޮވިޑްގެ ކޭސްތައް އިތުރުވެގެން ދިޔަ ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ފައްސިވެ ރިޕޯޓު ކުރަމުން ދަނީ ވިއްސަކަށް މީހުންނެވެ.

ސިންގަޕޫރުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 62،544 އަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 36އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top