”ދިރާސީ އަހަރު ފެށުމުގެ ކުރިން މުދައްރިސުންނަށް ލައިސަންސް ދޫކޮށް ނިންމާނެ“

b_PgDkCRf8LV1kVSJJOQCXfLZUA.jpg

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ކޮންމެ މުދައްރިސަކީވެސް ޑިގްރީ ފެންވަރަށް ކިޔަވާފައިވާ މީހަކަށް ހެދުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު މުދައްރިސުންނަށް ލައިސަންސް ދޫކުރުމަކީވެސް މި މަސައްކަތުގެ ދަށުން ކުރާ ކަމެކެވެ.

2021 ވަނަ އަހަރު ތަންފީޒްކުރަން ފެށި ތައުލީމީ ގާނޫނުގެ ދަށުން މުދައްރިސުންގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި “ޓީޗާރސް ރަޖިސްޓްރޭޝަން” ބޯޑެއް ވަނީ އެކުލަވާލާފައެވެ.

ތައުލީމުގެ ގާނޫނުން ހަވާލުކުރެވިފައިވާ އެންމެ މުހިއްމު ކަމަކީ ތައުލީމީ ނިޒާމުގެ ފެންވަރު މަތިކުރުންކަމަށްވާއިރު އެކަމަށްޓަކައި އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުންކަން އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްްޓަރ ވިދާޅުވީ އެކަން ކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރު ތައްޔާރުކޮށް މިދިޔަ އޯގަސްޓް މަހުން ފެށިގެން މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ވަނީ ފަށާފައިކަމަށެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބި ދަރިވަރުންގެ ފެންވަރު ރަނގަޅުވާނުމަށް މަގުފަހިވާނެކަން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ތަޢުލީމީ ޤާނޫނުގެ ސަބަބުން މިދާއިރާއަށް ބޮޑެތި ކުރިއެރުންކަން އަންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ޤާނޫނުގެ ދަށުން ގްރޭޑް 10 ނިންމުމަށްފަހު 18 އަހަރުވަންދެން ސްކޫލްތެރެއިން ކޮންމެވެސް ހުނަރެއް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަން 28 ސްކޫލްއެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ވޯލްޑް ބޭންކުން ފައިސާގެ އެހީ ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި 6000 އަށް ވުރެ ގިނަ ދިވެހި މުދައްރިސުން ރާއްޖޭގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top