ރ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގެ ފައިނަލް މެޗުގައި ސަޕޯޓަރުން ކުރިމަތި ލުމަކަށް!

ހަމަނުޖެހުމުގެ ތެރެއިން

ރ. އަތޮޅު އުނގޫފާރުގައި މިއަދު ހަވީރު ކުޅުނު ލިޓަސް ރ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގެ ފައިނަލް މެޗު ބެލުމަށް ގޮސް ތިބި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގައި، ކުޅިބަލަން ގޮސްތިބި ބައެއް ކުޑަކުދިންނަށާއި އަންހެނުންނަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.

މަންޒަރުދުށް މީހަކު  ބުނީ، ހަމަނުޖެހުން ހިނގަން ފެށީ މެޗުގައި އިނގުރައިދޫއިން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އިދިކޮޅު ދުވާފަރު ޓީމުގެ ސަޕޯޓަރުން ދަނޑަށް ފެންފުޅި އާއި ގައު ފަދަ ތަކެތި އުކަން ފެށި ހިސާބުން ކަމަށެވެ. އެ ހިސާބުން ދެ ޓީމުގެ ސަޕޯޓަރުން ހޫނުވެ ކުރިމަތިލުމަކަށް ދިޔައެވެ.

ހަމަނުޖެހުންތައް ހިނގުމާއެކު ފުލުހުން ވަނީ ދެބައިމީހުން ދަނޑުގެ ދެފަރާތަށް ގެންގޮސްފައެވެ. ނަމަވެސް މެޗު ނިމުމަށްފަހު ދެވަނަ ފަހަރަށް ހަމަނުޖެހުންތައް ހިނގިއެވެ.

މެޗު ނިމުމަށްފަހު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެބައިމީހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ވެއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ އިރު ބައެއް މީހުންނަށް ލިބުނު އަނިޔާތަކަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

އެ ހާދިސާ ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު އެ ވީޑިއޯއިން ފެންނަނީ ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ފުލުހުންތަކެއް ސަފެއްހެން އެތުރިގެން ތިބެ އެ މީހުން ދުރުކުރަން އުޅޭ މަންޒަރެވެ.

ބައެއް މީހުން ހަޑި ހުތުރުބަހުން އެއްޗެހި ކިޔައި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން މަސައްކަތް ކުރެ އެވެ. އަދި އަނެއް ކޮޅުގައި ތިބި މީހުންނާ މެދު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެ އެވެ.

އެ މެޗު ބައްލަވާލެއްވުމަށް ވަޑައިގެންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ)އަށްވެސް އެ ހަމަނުޖެހުންތަކުގައި ކޮންމެވެސް ވަރަކަށް ހާނިއްކަވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ހަމަނުޖެހުމުގައި 14 އަހަރުގެ ކުޑަކުއްޖަކަށް އަދި 39 އަހަރުގެ މީހަކަށް އަނިޔާވެގެން ފަރުވާ ހޯދާފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަމެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top