ކޮވިޑްގެ ހާލަތަށް ބަލައި އަންނަމަހު 1އިން ފެށިގެން ސްރީލަންކާ ހުޅުވާލަން ވިސްނަމުންދާ ކަމަށް އެގައުމުން ބުނެފި އެވެ.
އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، ޑރ ކެހޭލިއާ ރަމްބުކްވެއްލާ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެގައުމު ހުޅުވާލާނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކާއެކުގަ އެވެ.
އެހެންނަމަވެސް މިކަމާމެދު އެއްބަސްވެވޭ ގޮތެއް ނިންމުމުގެ ކުރިން ރައްކާތެރިކަމުގެ ގޮތުން އިސްކަންދޭންޖެހޭ ކަންކަން ނިންމާނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
އެގައުމުގެ ސަރުކާރުން ބުނީ ގައުމު އަލުން ހުޅުވާލިނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ނުވަތަ މި ބައްޔާއެކު ދިރިއުޅެން ދަސްކުރުމަށް ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.
ސްރީ ލަންކާގައި ކޮވިޑު ކޭސްތައް އިތުރުވާން ފެށުމާއެކު ހަރުކަށި ފިޔަވަޅުތަކާއެކު އެގައުުމު އަދިވެސް އޮތީ ކާފިއު އިއުލާންކޮށް، ލޮކްޑައުން ގަ އެވެ.
ފާއިތުވީ 7 ދުވަހުގެ ތެރޭގައި ލަންކާއިން ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ 9118 ކޭހެވެ. މިއީ އޭގެ ކުރީހަފްތާއާއި އަޅާ ބަލާއިރު 51 ޕަސެންޓްގެ ދަށްވުމެކެވެ.އޭގެ ކުރީ ހަފުތާގައި ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 18569 ކޭހެވެ.