ހުރިހާ ޝުކުރެއް މަންމައާއި ބައްޕައަށް: ރަމްޝާ

DSCN8641.jpg

ރަމްޝާ، އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަގާމަށް ހޮވުމުން ލިބުނު އިނާމާއި ޓްރޮފީ ތަކާ އެކު --އީވީ ފޮޓޯ

“ހުުރިހާ ޝުކުރެއް ހައްގުވަނީ މަންމަ އާއި ބައްޕައަށް. އެ ދެމީހުންގެ ގުރުބާނީ އާ ނުލާ މި ހިސާބަށް އާދެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ.” މިއީ 2018 ވަނަ އަހަރު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އޭދަފުށީ ސަންފްލާވަރ، ރަމްޝާ އަބްދުއްރަހުމާންގެ ކާމިޔާބާމެދު އޭނާ ދެކޭ ގޮތެވެ.

ރަމްޝާ ވަނީ މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދިހަ ދަރިވަރުންގެ ތެރޭގައި ހިމެނި ތިން މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން އަހަރުގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައިވެސް ހޮވިފައެވެ. އެ ތިން މާއްދާއިން އޭނާއަށް ލިބިފައިވަނީ އޭ އެވެ. އޭ ސްޓާ އާއި އޭ އިން މެދު މަދަރުސީ ތައުލީމު ނިންމާފައިވާ ރަމްޝާ މިހާ ހިސާބަށް އައީ ހުރިހާ ގްރޭޑެއްގައި ހުރިހާ މާއްދާއަކުންވެސް އޭ ފާސް ހޯދައިގެންނެވެ.

އެކަމަކު އޭނާ މަސައްކަތް ކުރަމުން އައީ އެންމެ މޮޅު ދަރިވަރަކަށް ހޮވޭނެކަމަށް އުއްމީދު ކޮށްގެން ނޫނެވެ.

“ކިޔަވަމުން އައީ މޮޅު ކުއްޖަކަށްވެ މަންމައާއި ބައްޕައާ ދެމީހުން އެއްވަރަށް ކޮށްދެމުން އައި ބުރަ މަސައްކަތުގެ އަގު އަދާ ކޮށްދެވޭތޯ. އެންމެ މޮޅު ކުއްޖާގެ މަގާމަށް އުއްމީދެއް ނުކުރަން. އެކަމަކު އެ މަގާމު ލިބުމުން އުފާވި. އަދި އެއީ ކުރިމަގުގައި ކިޔެވުމަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް. ” ރަމްޝާ ބުންޏެވެ.

ކުޑައިރުއްސުރެ ކިޔެވުމާ އެއްވަރަށް އަޚުލާގީ ގޮތުންވެސް ފާހަގަ ކުރެވޭ ރަމްޝާގެ ކާމިޔާބީއާ ގުޅި ލާމެހިފައިވާ މައިންބަފައިންގެ އަގު ވަޒަން ކުރަމުން ރަމްޝާ އިތުރަށް ބުނީ ބައްޕަ އާއި މަންމަ އޭނާއަށް ކޮށްދެއްވި އަގު ނުކުރެވޭނެ ޚިދުމަތްތައް އަޅާކިޔޭނެ ގޮތެއް ނޯންނާނެ ކަމުގައެވެ. ރަމްޝާ، ރަމްޝާގެ ގޮތުގައި މިއަދު ފެންނަން މިހިރީ އެދެމީހުންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

“ބައްޕަ އަބަދުވެސް ބައްލަވާނެ. އަޅުގަނޑުގެ ބޭނުންތަކަށް. އަޅުގަނޑު އުޅޭ ނޫޅޭ ގޮތް. ދީނަށް ހުރުމަތް ތެރިކޮށް ހިތުމަށާ އަޚްލާގު ރަނގަޅު ކުއްޖަކަށް ހެދޭތޯ މަސައްކަތް ކުރައްވަމުން އައީ ނަމޫނާވެސް ދައްކަވަމުން. މަންމަ އަކީ އަޅުގަނޑުގެ ފުރަތަމަ އަދި ދެވަނަ މަދަރުސާ. އަޅުގަނޑުގެ ސުޕަރ ހީރޯވެސް މެ. ފިލާވަޅުތައް އަޕްޑޭޓް ވަމުން ދޭތޯއާއި ސްކޫލްގެ ކަންކަމުގައި އެންމެ ކަމެއްވެސް ފަހަށް ނުބާއްވައި ދުވަހުން ދުވަހަށް ނިންމުމަށް ބާރު އަޅައިދޭ އަސްލު ޓީޗަރު އެއީ. މެޝިނެކޭ އެއްގޮތަށް މަންމަގެ ސިކުނޑި 24 ގަޑިއިރު އެނބުރޭނީ އަޅުގަނޑުމެން ބެލެހެއްޓުމުގައި.” 17 އަހަރުގެ ރަމްޝާ ބުންޏެވެ.

ރަމްޝާ ފަދަ މޮޅު ކުއްޖަކަށް ވުމަށް ކޮންމެ ކުއްޖަކުވެސް ބޭނުންވާނެއެވެ. އެތައް ސަތޭކަ ކުދިން ބައިވެރި އިމްތިހާނަކުން އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނުނީ އާދައިގެ ކަމެއް ނޫނެވެ. މިއީ މޮޅު ކުއްޖަކަށް ވާން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް ބޭނުންތެރި ފިލާވަޅެކެވެ.

އެންމެ ފުރަތަމަ އޭނާގެ ދުވަހުގެ ތާވަލް ހަމަޖައްސާފައިވާ ގޮތެވެ.

“ފަތިހު ހޭލައިގެން ފަތިސްނަމާދު އަދާ ކުރުމަކީ ދުވަހުގެ ފެށުން. ހަށިގަނޑު ދުވަހަށް ހޭލައްވައިލުމުގެ ގޮތުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފަތިސް ނަމާދު. އެއަށްފަހު ސްކޫލް ނިމިގެން އައިސް މަންމަ އަށް އެހީތެރިވުމުގައި ވަގުތު ހޭދަކުރަން. ހަވީރު ކިޔެވުން ނިންމާލާފައި މަންމައާއެކު އުޅެނީ. ބޭރަށްވެސް ދަން އެކަމަކު މަންމަ އާއެކު. އިޝާ ނަމާދު ކޮށް ނިމިގެން ހޯމްވާކް ފުރިހަމަ ކުރުމަށްފަހު 9ޖަހާ އެހާކަށް ހާއިރު އާއްމު ކޮށް ނިދަން. ”

ރަމްޝާގެ ދުވަހު ޓޭބަލް މިހެން އޮތްކަމަށް ވިޔަސް ޓެސްޓް ކައިރިވުމުން ގިނަ ރޭރޭ އިޝާ ކޮށްގެން އަވަހަށް ނިދާފައި ދަންވަރު ހޭލައެވެ. ދަންވަރު އެކެއް ޖަހާއިރު ހޭލައިގެން ފިލާވަލުތައް ދަސްކޮށް ހެދުމަށް ފަހު ނިދަން އޮށޯންނަނީ ފަތިސް ނަމާދުކޮށްގެންނެވެ.

މޮޅު ކުއްޖަކަށް ވާން ބޭނުން ކުދިންނަށް ނަސޭހަތުގެ ގޮތުގައި ބުނެލަން ރަމްޝާ ބޭނުންވާ ބަސް ކޮޅަކީ މިއެވެ.

“ކިޔެވުމުގެ ދުވަސްކޮޅު އެހެން ހުރިހާކަމެއް ހަނދާން ނައްތާލާފައި އެކަމަށް ގަދައަޅައި މަސައްކަތް ކުރަންވާނެ. މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޯންނާނެ. މައިން ބަފައިންގެ ބަސް އެހުމަކީ ރަނގަޅު ކުއްޖަކަށް ވުމަށް އެންމެ ބޭނުންތެރި ކަންތައް. އެއްވެސް ކަމެއް އެމީހުންނަށް ސިއްރުކޮށްގެން ނުވާނެ. ވަގުތުތައް ބޭކާރު ގޮތުގައި ހޭދަ ކުރުމުގެ ބަދަލުގައި ބޭނުން ތެރި ކަމެއްގައި ހޭދަކުރުމަކީ ކާމިޔާބީއާ ހަމައަށް ދިއުމަށް އޮތް އެންމެ ކުރު އަދި ފަސޭހަ މަގު. ގަވާއިދުން ފަސް ނަމާދު އަދާކުރުމަކީ މުސްލިމަކަށް ވީތީވެ އަދާކުރަންޖެހޭ ފަރުޟެއް. ނަމާދު ކުރުމުގެ ސަބަބުން ނަފްސު ތާހިރުވެގެން ދާނެ. އޭރުން ކިޔެވުމާއެކު ރަނގަޅު އަޚްލާގެއްގެ ވެރިއަކަށްވެސް ވާނެ. ” ސައިންސްގެ ދާއިރާއަކުން ކުރިއަށް ދާން ގަސްދު ކުރާ ރަމްޝާގެ ނަސޭހަތަކީ މިއެވެ.

ރަމްޝާ،ބައްޕަ އާއެކު

ރަމްޝާ ގަބޫލު ކުރަނީ ކިޔަވާ ކުދިން ވާން ޖެހޭނީ އަވަހަށް ނިދާފައި އަވަހަށް ހޭލާ ކުއްޖަކަށެވެ. އެހެން ނޫންނަމަ ދުވަސް އެ ފެށެނީ ރަނގަޅަކަށް ނޫނެވެ.

“ހަމަ އެގޮތަށް ކްލާހުގައި ޓީޗަރު ދައްކާ ވާހަކައަށް ސަމާލުކަން ދިނުމަކީ މޮޅު ކުއްޖަކަށް ވާން ބޭނުންވާ ކޮންމެ ކުއްޖަކުވެސް ފަރުވާތެރިވާން ޖެހޭ ކަމެއް. އެހެން ނޫންނަމަ ކިތަންމެ ބޭނުން ވިޔަސް ދެވަނަ ފަހަރަށް އެ ފުރުސަތެއް ނުލިބޭނެ. ކްލާސް ނިމުމުން އެނިމުނީ. ޓީޗަރ ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދީފިނަމަ އެގެއްލުނީ ފޫނުބެއްދޭ ވަރުގެ އަގުބޮޑު ފުރުސަތެއް.”

ރަމްޝާ މިވާހަކަތައް ހަދިޔާ ކުރިއިރު އޭނާގެ މަންމަ އައިޝަތު ޝިފާާނާ، ރަމްޝާ އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟

“އެންމެ ކުޑައިރުން ފެށިގެން ވެސް ރަމްޝާއަކީ ވަރަށް ބަސްއަހާ ކުއްޖެއް. ކިޔެވުމަށް މޮޅު ކުއްޖެއް. ގަބޫލު ކުރެވެނީ ރަމްޝާގެ ކާމިޔާބީއަކީ މި ދެކަން ފުރިހަމަ ވެގެން ހާސިލުކުރެވުނު ކަމެއް ކަމުގައި.” ރަމްޝާގެ މަންމަ ބުންޏެވެ.

ރަމްޝާ ،މަންމަ އާއި ބައްޕަ އާ އެކު

ރަމްޝާގެ ބައްޕަ، އަބްދުއްރަހުމާންގެ ވާހަކަވެސް ހުރީ މިކަހަލަ ގޮތަކަށެވެ.

“ރަމްޝާ އަށް އެމަގާމު ލިބުނުކަން އިއުލާނު ކުރުމާއެކު ރަސްމީ އިއްޒަތުގައި ބެރު ދުންމާރު ތާލަފިލީގައި ދަރިފުޅު ސްޓޭޖަށް ދާތަން ފެނުމުން ބުނަން ނޭގެ ކަހަލަ އުފާވެރި އިހުސާސެއް ވި. އެކަމަކު ސްޓޭޖްމަތިން އެލިބޭ އިނާމާއި ޝީލްޑަށް ވުރެ ބޮޑަށް ބޭނުންވަނީ ރަނގަޅު ތައުލީމާއެކު އިސްލާމީ ތަރުބިއްޔަތެއް ލިބިފައި ތިބި ދަރިން ތަކަކަށް ވުން.” އިތުރު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްހުރި ބައްޕަ، އެ ދަރިންނާމެދު ކުރެވޭ އުއްމީދު ހުރީ މިގޮތަށެވެ.

ރަމްޝާގެ ކާމިޔާބާ މެދު މައިން ބަފައިން ތިބީ އުފަލުންނެވެ. ނަމަވެސް މިއީ ރަމްޝާގެ ތައުލީމީ ހަޔާތުގެ ފުރަތަމަ ދަންފަޅި ކަމަށް ދެކެމުން އެދެމީހުންގެ އުއްމީދު އަދި މުޅިން ފުރިހަމައެއް ނުވެއެވެ. ބޭނުންވަނީ  މިފަދަ ކާމިޔާބެއް އޭލެވެލްގައި ވެސް ހޯދުމެވެ. އަހަރެމެންގެ އެދުމަކީވެސް އެއީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top