ރާއްޖޭގައި މިހާރު އޮތީ އެމްޑީޕީގެ ސަރުކާރުގައި ޑޮލަރު ނުލިބިގެން އުޅުނު ފަދަ ހާލަތެއް ނޫން ކަމަށާއި، ތާރީޚުގައިވެސް ނުލިބޭ ވަރަށް މިހާރު ރަސްމީ ރޭޓުގައި ދިވެހި ބޭންކުތަކުން ޑޮލަރު ދޫކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ޑޮލަރު ތާށިކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވާހަކަދެއްކުމުން ޑޮލަރުގެ ކަޅު ބާޒާރަށް ހިތްވަރު ލިބޭ ކަމަށާއި އިގުތިޞާދަށް ނުރައްކާވާ ކަމަށެވެ.
މިނިސްޓަރު ވަނީ، އެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަނީ ކީއްވެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
”މި ކުރާ މަގުސަދު ވެސް އިނގޭ. މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި މި ކަން ކުރަނީ. އެހެންނަމަވެސް ރައްޔިތުންނަށް މި ކަންކަމުގެ ހަގީގަތް އެނގޭ. ކަންކަން ވަމުންދާ ގޮތް ކިޔައިދެވޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވެސް ޒިންމާއެއް“ މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމީ ރޭޓުގައި ދޫކުރެވޭ ޑޮލަރާއި، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާ ޑޮލަރަށް ބަލާއިރު، 2021 ވަނަ އަހަރު ބޭންކުތަކުން ދޫކޮށްފައިވަނީ މަހަކު ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، މިހާރު ބޭންކުތައް މެދުވެރިކޮށް މަހަކު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އީ-ކޮމާސްގެ ދާއިރާއަށްވެސް ޔޫއެސް ޑޮލަރުގެ ސަޕޯޓް ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ވެރިކަމާ އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
”ދަންނަވަން މިއުޅޭ ވާހަކައަކީ، އެމްޑީޕީގެ ސަރުކާރުގައި އޭރުގައި އޮތް ހާލަތެއް ނޫން މިހާރު މިއޮތީ. މިހާރު ޑޮލަރު ދޫކުރާ އަދަދު—ވިޔަފާރިވެރިންނަށް، ކިޔަވަމުންދާ ދަރިވަރުންނަށް، މެޑިކަލްއަށް، އަދި ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭންކު މެދުވެރިކޮށް ދޭ އަދަދު މިހުރީ އެމްއެމްއޭއިންވެސް އަދި ބީއެމްއެލްއިންވެސް ދުވަހަކުވެސް މީގެ ކުރިން ދޫނުކުރާ އަދަދަށް،“ މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އުފުލޭ މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަން އެގޮތަށް ހިނގަނީ ބޭންކިންގ ސިސްޓަމްގެ ތެރެއަށް ޑޮލަރު ނުވައްދައި، ބްލެކް މާކެޓުގައި ޑޮލަރު ލިބޭ ފަރާތްތަކުން އެ ތަކެތި ވިއްކާތީ ކަމަށެވެ. އަދި އެކަމަށް ހިތްވަރު ލިބެނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކާއި، ކުރީގެ ވެރިން ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢީދު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އޭރު އެމްއެމްއޭގެ ދޮރާށިން ފެށިގެން މަސްމާކެޓާ ހަމައަށް ޑޮލަރު ނުލިބިގެން ކިއު ހަދަންޖެހުނު ކަމަށާއި، ޑޮލަރުގެ އަގު ކުޑަކުރުމަށް 10 ރުފިޔާގެ ބޭންޑެއް ކަނޑައަޅައި 15.42 އަށް ރޭޓު ބަދަލުކުރުމުންވެސް، ސަރުކާރު ނިމުނުއިރު މާކެޓު ރޭޓު 17 ރުފިޔާއަށްވުރެ މައްޗަށް ދިޔަކަން ސަޢީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތަކެތީގެ އަގުތައް އުފުލޭ ވާހަކަ މިހާރު ރައީސް ނަޝީދު ދައްކަވާއިރު، އެ މަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލެއްވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވީ، ކުރީގެ ރައީސުންނަށް ރައްޔިތުން ”ނޫނެކޭ ބުނުމުން ”ހުދު ގަމީހެއް“ތުރުކުރައްވައިގެން އަލުން ނިކުންނަވަނީ ކަމަށާއި ރައްޔިތުންނަށް ހަމަ ނޭވާ ލެވުނީ، ދަތިތަކާ އެކު ވެސް ލޯނުތައް ދެއްކުމުން ކަމަށެވެ.
އޭރު މަޖީދިއްޔާ ސުކޫލަށް ރައީސް ނަޝީދު ވަޑައިގެން ދަރިވަރުންނަށް ކްލާސް ނަންގަވައިދެއްވައިގެން ޑޮލަރުގެ އަގު ތިރިކުރާނެ ގޮތްތައް ކިޔައިދެއްވި ނަމަވެސް، އިޤްތިޞާދީ ގޮތުން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށްވިދާޅުވެ، މިނިސްޓަރު ވަނީ އިދިކޮޅު ފަރާތްތަކުން ދައްކަވާ އިޤްތިޞާދީ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
މީގެ އިތުރުން ސަޢީދު ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ގައުމު އަލުން ތެދުވުމުގެ މަސައްކަތް ހިނގަމުންދާއިރު، އިގްތިސާދަށް ނުރައްކާވާ ފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރައްްވާފައެވެ. އަދި ރައީސް ޑރ. މުއިއްޒު ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއެއް ގައުމަށް ހޯދައިދިނުން ކަމަށްމިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.







