އުޅެއުޅެ ނިންމައިނުލެވުނު އޭދަފުށީ ފެރީ ޓާމިނަލް!

viber_image_2022-08-02_12-11-03-724-800x600-800x600-1.jpg

ގައްޔޫމްނަސީރު

އޭދަފުއްޓަށް ޒިޔާރަތް ކުރާ ދަތުރުވެރިން ހަމަޖެހިލައިގެން ތިބެލެވޭނެ ވަގުތީ ހިޔަލެއް ބަނދަރުމަތީގައި ހުންނަން ޖެހެއެވެ. އެފަދަ ތަނެއް ނުވަތަ ފެރީ ޓާމިނަލެއް ހެދުމަށް ރަށު ކައުންސިލަށް ވުރެ ކުރިން ސަރުކާރުން އިސް ނެންގެވި އެވެ. އެޓޮލްސް އީކޯ ސިސްޓަމް ކޮންޒަވޭޝަން ޕްރޮޖެކްޓްގެ ދަށުން އެކަމަށް ބޮޑު އެހީއެއް ވެސް ވެދެއްވި އެވެ. ވީނުވީއެއް ނޭނގި އަހަރުތަކެއް ފަހުން ފެރީ ޓާމިނަލް އެއްގެ ބިންގާ އެޅުނީ 2013 ވަނަ އަހަރު އެވެ. އަމަލީ މަސައްކަތް ފެށޭވަރުވީ އޭގެ ދެ އަހަރު ފަހުންނެވެ. ނިންމައިލެވުނީ ހަމައެކަނި ކޮންކްރިޓް މަސައްކަތެވެ. އެހުރި ގޮތަށް ހުރެ 6 އަހަރު ވީފަހުން ތަޅައިލީއެވެ. އަނެއްކާވެސް އާ ޓާމިނަލް އެއްގެ މަސައްކަތް ފެށީ 2021 ވަނައަހަރު މިހާރުގެ ކައުންސިލުންނެވެ.

އޭދަފުށީ ކައުންސިލުގެ މިހިނގާ ދައުރާއެކު ވޭތުވެދިޔަ ދެ ދައުރުގައިވެސް އޭދަފުށީ ރައްޔިތުންނަށް ރަށު ކައުންސިލުން ކަންތައްތަކެއް ކޮށްދޭ ކަމަށް ދެއްކުމަށް ކުރި ވަރަށް މަދު ކަންތައް ތަކެއްގެ ތެރެއިން އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ދެއްކިީ ފެރީ ޓާމިނަލްގެ ނަންބޯޑެވެ. އޭދަފުށީ ބަނދަރު ސަރަހައްދުގެ ހުޅަނގު އުތުރު ކަންމަތީގައި އިމާރާތް ކުރަން ފަށާފައި އެހެރީއެވެ. މިހާރު ފެންނަން އެހެރީ ނުވަދިހަ އެތައްހާސް ރުފިޔާއެއް ހަރަދު ކޮށް ކޮންކްރިޓް މަސައްކަތް ނިންމާފައި ހުއްޓާ އެތަން ތަޅާލުމަށްފަހު މި ދައުރުގައި އަނެއްކާވެސް އަލަށް އިމާރާތް ކުރަން ފަށާފައި ހުރި ފެރީ ޓާމިނަލް އެވެ.

ހަނދާނާއި ތާރީޚަށް ޓަކައި

އޭދަފުއްޓަށް ޒިޔާރަތް ކުރާ މީހުންގެ ޒަރޫރީ ބޭނުންތަކަށް އިސްކަން ދީގެން ބަނދަރު ސަރަހައްދުގައި ފެރީ ޓާމިނަލްގެ ނަން ނުކިއެއްކަމަކު އެކޮންސެޕްޓަށް ތަނެއް ހެދުމަށް އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އެދުނެވެ. ދެ ޖިންސަށް ދެ ފާހާނާ އާއި އަންހެނުންނަށް ނިވައިވެލެވޭނެ ތަންކޮޅަކާއި ނަމާދު ކުރެވޭނެ ޖާގައަކާއި ކުޑަ ޕްލޭ އޭރިޔާ އެއްވެސް ހިމަނައިގެންނެވެ. ބ.އަތޮޅު ކައުންސިލްގެ އުތުރުން އެއޮތް ބިންކޮޅުގައެވެ. އެފުރުސަތު ޖަމިއްޔާއަށް ނުދިނީ، ވަރަށް އަވަހަށް އޭދަފުށީގައި ފެރީ ޓާމިނަލް ގެ މަސައްކަތް ފަށަން ތައްޔާރުވެ ނިމިފައިވާ ކަމަށް ވިދާޅުވަމުންނެވެ. ޒުވާނުންގެ ޖަމިއްޔާއެކޭ އެއްފަދައިން ބައެއް އެހެން ޖަމިއްޔާތަކުންވެސް ރަށަށް އަރާ ފައިބާ މެހެމާނުންނަށް ޚިދުމަތް ދިނުމަށް މިފަދަ ހިޔާވަހި ކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ބިންކޮޅެއް ދިނުމަށް ރަށު ކައުންސިލުގައި އެދުނެވެ. އެއްވެސް ބަޔަކަށް އެފުރަސަތެއް ނުދިނެވެ.

ފެރީ ޓާމިނަލް ތަޅާލީ ކީއްވެ؟ ޒިންމާވާން ޖެހޭ މީހަކު ހުންނާނެ!

ރައްޔިތުންގެ ފައިސާ އިން ނުވަދިހަ ނުވަހާސް ރުފިޔާ ހަރަދު ކޮށްގެން ހަދަން ފަށާފައި ހުރި އިމާރާތެއް ތަޅާލަން ޖެހުނީ ކީއްވެގެން ހެއްޔެވެ. ކޮންމެ ސަބަބަކާއި ލައިގެން ކަމަށްވިޔަސް އެކަމުގައި ޒިންމާވާން ޖެހޭ ފަރާތެއް ހުންނަންވާނެ އެވެ. ކައުންސިލްގެ ރައީސް ހެއްޔެވެ. އޭދަފުށި ކައުންސިލް ހެއްޔެވެ. ނޫންނަމަ މަސައްކަތް ހަވާލުކުރި ކުންފުނި ހެއްޔެވެ. މި ސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެއެވެ. ރައްޔިތުންގެ ފައިސާއިން އެހާ ބޮޑު ހަރަދެއް ކުރުމަށް ފަހު، ހަމަ ތަލާލަން ބޭނުންވިޔަސް އެކަން އެގޮތަކަށް ނުކުރެވޭނެ އެވެ. އެކަން އެހިސާބަކުން ނުވެސް ނިމޭނެ އެވެ.

ރައީސް ފާތިހު ވިދާޅުވީ ޒިންމާވާނީ ރަށު ކައުންސިލު ކަމަށް!

ރައީސް ފާތިހު ވިދާޅުވަނީ ކޮންމެ ހާލަތެއް މެދުވެރި ވެގެން ކަމަށް ވިޔަސް އެތަން ތަޅާލަން ޖެހުނީ ބައެއް ގެ އިހުމާލުން ކަމަށެވެ.

”އެހެންވީމާ ގެއްލިގެން ދިޔަ އެނުވަދިހަ ނުވަހާސް ވިހި ރުފިޔާ އަށް ރަށު ކައުންސިލުން ޒިންމާވާން ޖެހޭނެ“ ރައީސް ފާތިހު ވިދާޅުވި އެވެ.

އޭދަފުށީގައި ފެރީޓާމިނަލް އެއް ހުންނަން ޖެހޭތަ؟ ކީއްވެ؟

ސުވާލެއް އޮތް ކަމެއް ނޫނެވެ. ފެރީ ޓާމިނަލް އެއް ހުންނަން ޖެހެއެވެ. ދުވާލަކު އެތައް ސަތޭކަ ދަތުރުވެރިންނާއި ފަތުރުވެރިން އައިސް ގޮސްވާ ޓްރާންސިިޓް ބަނދަރަކަށް ވާތީ އެކަންޏެއް ނޫނެވެ. ބޭހަށާއި ޒަރޫރީ ބޭނުންތަކަށް މަޖުބޫރު ވެގެން އޭދަފުއްޓަށް އަންނަ މެހެމާނުންނަށް ޓަކައެވެ. ދަތުރުވެރިން އޭދަފުއްޓަށް އައިސް ނުވަތަ ރަށުން ފުރުމަށް ބަނދަރަށް އައިސް، އުޅަނދުގެ އިންތިޒާރުގައި މަޑުކޮށްލަން ޖެހޭ ހާލަތްތަކުގައި ޅަދަރި މައިންނާއި އަންހެނުން ތާޒާވެލުމަށާއި ކުޑަކުދިންނާއި ބޮޑެތި މީހުން މުނިފޫހި ފިލުވައިލުމަށް މަޑުކޮށްލާނެ ޖަގަހައެއް ހުރުމަކީ ރަށެއް ރަށަކަށް ވުމުގެ ޝަރުތެކެވެ. ބ.އަތޮޅުގެ ބައެއް ރަށްރަށުގައި މި އިންތިޒާމު ހަމަޖެހިފައި ހުރިއިރު އަތޮޅުގެ ވެރިރަށް އޭދަފުށީ މިއުޅެނީ މާފަހަތުގައެވެ. ރަށަށް އަރާ މީހަކު ފާހާނާ ކޮށްލެވޭނެ އާއްމު ފާޚާނާއެއް ނެތެވެ. ބުއްދޭ މައިންނަށް ނިވާވެލޭނެ ތަންކޮޅެއްވެސް ނެތެވެ.

ރަށު ކައުންސިލުގެ އަސްލު މަޑު ދުވެލީގައި ހިނގަމުން އައިސް އޭދަފުށީގައި ފެރީ ޓާމިނަލެއްގެ ބިންގާ އަޅާލެވޭ ވަރުވީ 2013ވަނަ އަހަރު އެވެ. ހަމައެކަނި ބިންގަލެވެ. އަމަލީ މަސައްކަތް ފެށުނީ 2015ވަނަ އަހަރުއެވެ. ރަށު ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް ގައި ހިމެނޭ ކޮންކްރިޓް މަސައްކަަތް ހަވާލު ކުރީ އޭދަފުށީގެ އާރް ޓެން އިންވެސްޓްމަންޓް (އާރްޓީއައި) އާއެވެ. އެއްބަސްވުމުގައި ކައުންސިލުން ސޮއިކުރީ އޭރުގެ ނާއިބު ރައީސް މުހައްމަދު ނައުރީފް އެވެ. 90 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 99020 ރުފިޔާ އަށެވެ.

މަސައްކަތް ހަވާލު ކުރުމަށްފަހު އޭރުގެ ކައުންސިލްގެ ހީވާގި މެންބަރު މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި ފެރީޓާމިނަލް އަޅަން ނިންމާފައިވާ 1000 އަކަފޫޓްގެ އިމާރާތުގައި ހިމެނެނީ ދަތުރުވެރިން މަޑުކޮށްލުމަށް ތިބޭ ފެންޑާއަކާ ފިހާރައަކާ ދެޖިންސްގެ މީހުން ބޭނުން ކުރުމަށް ދެ ފާޚާނާގެ އިތުރުން ގުދަނެކެވެ. ރިޒާ އެދުވަހު ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން މި މަސައްކަތް ކުރި ނަމަވެސް މެދު ނުކެޑި ކުރިއަށް ދާނެ ކަމަށާއި އެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެޔަގީން ކަންވެސް ވެގެން ދިޔައީ ފުއްދަން ބުނެ ނުފުއްދި ހުރި ގިނަ ވައުދުތަކުގެ ތެރެއަށް އިތުރުވި ދޮގަކަށެވެ. ރައްޔިތުންނާއި ކައުންސިލާ ދެމެދު އޮތް ދުރުމިން އިތުރަށް ދުރުވެގެން ދިޔަ ސަބަބަކަށް ވެސް މެއެވެ.

ދެވަނަ ފެރީ ޓާމިނަލް

މިހާރު މިހިނގާ ކައުންސިލް ހުވާކުރުމަށް ފަހު، ކުރީ ދައުރުގައި ބަޖެޓް ކޮށް ހަމައެކަނި ސޮއިކުރުމާ ހަމައިގާ އޮތް ފެރީ ޓާމިނަލްގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތަށް އިސްކަން ދެއްވި އެވެ. އެހެން ނަމަވެސް އަބަދުވެސް ”ނަގައިގަތް ކަތީބު “ގޯސްވާ ފަދައިން މި ކައުންސިލަށް ވެސް ވީ ހަމަ އެހެންނެވެ. އިމާރާތް ކުރަން ފަށާފައި ހުރި ފެރީ ޓާމިނަލް ކަމުނުދިޔައީ އެވެ. ކުރެހުމަށް ބަދަލު ތަކެއް ގެންނަން ޖެހެނީއެވެ. އެހެންވެ ލައްކަ އަކާއި ގާތްކުރާ އަދަދަކަށް ޚަރަދު ކޮށްގެން ކޮންކްރިޓް މަސައްކަތް ނިންމާފައިހުރި އިމާރާތް ތަޅާލައި ހަމަބިމާ އެއްވަރު ކޮށްލީ އެވެ.

ފެރީ ޓާމިނަލް ގެ ޑިޒައިނަށް ބަދަލުގެނެސް އާ ފެރީ ޓާމިނަލެއް އެޅުމުގެ މަސައްކަތް އާ ކުންފުންޏަކާއި ހަވާލުކުރީ 5 އޮގަސްޓް 2021  ގައެވެ.

5އޮގަސްޓް 2021، އާ ފެރީ ޓާމިނަލްގެ އެއްބަސްވުމުގައި ސޮއިކުރުން.

މި ފެރީ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ހަވާލު ކޮށްފައިވަނީ 3.85 މިލިޔަން ރުފިޔާ އަށް ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށެވެ. މަސައްކަތް ނިންމަން ޖެހޭ މުއްދަތަކީ 180 ދުވަސް ނުވަތަ ހަމަސްދުވަހެވެ.

4900 އަކަފޫޓުގެ 2 ބުރިއަށް އިމާރާތް ކުރާ މިފެރީ ޓާމިނަލްގެ ތިރީގައި ހުންނާނީ 80 މީހުންގެ ޖާގައިގެ ހޯލެއްގެ އިތުރުން 580 އަކަފޫޓުގެ ދެ ތަނެވެ. ދެ ފާޚާނާއާއި ޅަދަރި މައިންނަށް ބޭނުންވާ ޚިދުމަތްވެސް މި ފްލޯއިން ލިބެން ހުރުމާއެކު މަތީބުރި ޚާއްސަ ކޮށްފައި ހުންނާނީ ވިޔަފާރި އުސޫލުން ކުއްޔަށް ދޫކުރާ ރެސްޓޯރެންޓް ނުވަތަ ކެފޭ އަކަށް ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

ފެރީ ޓާމިނަލް ނިންމަން ދީފައިވާ މުއްދަތު ފާއިތުވެގެން ދިޔަތާވެސް މިހާރު ކިތަންމެ ދުވަހެކެވެ. ދެ ބުރިއަށް ހަދާ އިމާރާތުގެ ތިރީގެ ކޮންކްރީތް މަސައްކަތާއި ފުރަތަމަޝީޓު އަޅާފައި ދެން މިހާރު އެ ކުންފުނީ ވީތަނެއް ކައުންސިލަކަށް ވެސް ނޭނގުނެވެ. ކީއްވެގެން ހެއްޔެވެ. ރައްޔިތުންނަށް އެވަރުގެ ބޮޑު ދޯކާއެއް ދީފައި އެދިޔައީއެވެ. ރަށު ކައުންސިލު ހިމޭނުންނެވެ. ރައްޔިތުން އަށްޑިހަ އަށް އަރާފައެވެ.

ދެން ވާނީ ކިހިނެއް؟

ރައީސް ފާތިހު ނިކަން ފަސޭހައިން ވިދާޅުވެއެވެ. އެމީހުންނަށް ފައިސާ ދިނީ ކުރި މަސައްކަތަކަށް އެކަންޏެވެ. އެކަމަކު ރައްޔިތުންނަށް ވީ މަދަނީ ގެއްލުމުގެ އަގުކޮބައި ހެއްޔެވެ. މިވާހަކަވެސް ދެކެވެން ޖެހޭނެއެވެ.

“ނުވާނެ އެއްވެސް ގެއްލުމެއް. އެގްރީމެންޓް ކުރެވުނީވެސް ކުރެވޭ މަސައްކަތްތަކަށް ފައިސާ ދޭގޮތަށް. އެގޮތުން ކޮންޓްރެކްޓަރު ކުރި މަސައްކަތަށް ދިނީ 1.6 މިލިޔަން ރުފިޔާ. އެއީ މިހާރު ކޮށް ނިމިފަ ހުރި މަސައްކަތަށް.“ފާތިހު ކުރިން ވިދާޅުވެފައި ވެއެވެ.

އުފާވެރި ޚަބަރަކީ ފެރީ ޓާމިނަލްގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މިއަދު އަނެއްކާވެސް އިއުލާނު ކޮށްފި އެވެ. ކުރެހުމަށް ކުދިކުދި ބަދަލުތަކެއްވެސް ގެނެސްގެން ކަމަށް ފާތިހު ވިދާޅުވިއެވެ.

އޭދަފުށީގައި ފެރީ ޓާމިނަލެއްއަޅަން ބިނގާ އެޅިތާ ނުވަ އަހަރުވީއެވެ. ރަށު ކައުންސިލުގެ ދެ ދައުރުވެސް ނިމިގެން ދިޔައީ އެކަން ނުކުރެވި އެވެ. ތިންވަނަ ދައުރު ދެބައިވާން އުޅޭ އިރު އަދިވެސް އުއްމީދީ ކުލަތަކެއް ނުފެނެ އެވެ. ކޮންމެވެސް ދުވަަކުން ނިމޭނެ ކަމަށް ބަލަމާ ހިނގާށެވެ. ދުނިޔޭގައި ތިބި ބަޔަކަށް އެދުވަސް ފެނިދާނެ ތޯއްޗެކެވެ. ރައްޔިތުމީހާ އަށް އޮތީ މަންޒަރު ބަދަލުވާގޮތް ދެކެން ހުރުމެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top