ގާޒީ ބާރީ، މަގާމުން ވަކިކުރަން މަޖިލީހަށް

big_nIATbYF7yd7Qxe3.jpeg

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަދި މިހާރު ޖުވެނައިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވި ބ.ކެންދުއަށް އުފަން އަބްދުލްބާރީ ޔޫސުފް މަގާމުން ވަކި ކުރަން ޖޭއެސްއީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖޭއެސްސީން ބުނީ ގާޒީ އަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ގާޒީ ބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން މިމައްސަލަތަކުގެ ތަހުގީގުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އާއި ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ބާރީ ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދައުވާގައި، ރައީސް ނަޝީދުގެ މައްޗަށް ހުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ހުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ގާޒީ ބާރީ ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވި ގޮތަށް ނިންމައިދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ބާރީ އަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ބާރީ އަށް ދީފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

އަދި ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން އޭނާ ދައްކާފައިވާއިރު، އެފައިސާއަކީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް ފާހަގަވާ ކަމަށްވެސް ބުނެފައިވެއެވެ.

ގާޒީ ބާރީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ބާރީއާ ބެހޭގޮތުން ޖިނާއީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާތީ އޭނާ ހުންނެވީ ސަސްޕެންޑުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top