ރާއްޖޭގެ ހުރިހާ ރަށެއްގައި ޒިކުރާ ބޯޑުތަކާ ނަސޭހަތް ބޯޑުތައް ހަރުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ނެތެމުންދާ އިޙްތިރާމް އާދަކުރުމުގެ ރިވެތި އާދަކާދަ އަލުން އިޔާދަކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” ފެށުމާ ގުޅުން ހުރި ކަންކަން، އާދީއްތަދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވާފައިވާކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަޝްރޫޢު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކަންމިހެން އޮތްނަމަވެސް، މަޝްރޫޢު ފެށުމަށް ތައްޔާރީތައް ވަމުން ދިޔައިރު، ސަރުކާރުން ދިން ދަޢުވަތު ޤަބޫލުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހެދިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ ހިތާމަފުޅުކުރައްވާ ކަމެއްކަމަށާ، ގައުމަށް ފައިދާ ކުރަނިވި ކަމެއްގައި ކޮންމެ ބަޔަކުވެސް އެކައްޗެއް ކިޔަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެންމެންގެ ބައިވެރިވުމާއެކު މިމަޝްރޫއު ކާމިޔާބުކޮށްދެއްވުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަސައްކަތްތައްވެސް ހިއްސާކުރައްވާފައެވެ. މިގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
”ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ހުރިހާ ސަރަހައްދެއްގައި މައި ހުރިހާ މަގެއްގައި އިރާދަކުރެއްވިއްޔާ ޒިކުރު ބޯޑުތައް ނަސޭހަތު ބޯޑުތައް ބަހައްޓާނަން،“ ރައީސް ވިދާޅުވިއެވެ.





