އަށް ކޯހެއް އޮންލައިންކޮށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި

large_162978903313kYdF.jpg

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ --ފޮޓޯ :ސަން

ކީރިތި ގުރުއާނާއި ގުޅުން ހުރި ދާއިރާތަކުގެ ކޯސްތަކާއި ޓީޗިން ކޯސްތައް ހިމެނޭހެން އަށް ކޯހެއް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ކަނޑައަޅައިފިއެވެ.

އެ އޮތޯރިޓީން ގެޒެޓުކުރި ގައިޑްލައިންގައި، އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަނީ ފާހަގަކޮށްފައެވެ.

އީ-ލާނިން ކަމަށް ބުނެފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިން ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.

އޮންލައިންކޮށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ޑޮކްޓަރުކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ޚާއްސަ ލައިސަންސެއް ބޭނުންވާ ހެލްތު ސައިންސަސް އާއި ގުޅޭ ކޯހާއި ނާސިން ކޯހާއި ގުރުއާން އަދި ގުރުއާނާ ގުޅުން ހުރި ދާއިރާތަކުގެ ކޯސް ހިމެނެއެވެ.

ހަމައެއާއެކު، ޓެކްނިކަލް އަދި ވޮކޭޝަނަލް ތައުލީމުގެ ކޯސްތަކާއި އިންޖިނިއަރިންގެ ކޯސްތަކާއި އާކިޓެކްޗާގެ ކޯސްތަކުގެ އިތުރުން ޓީޗިން ކޯސްތައް ވެސް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތަކުގެ ތެރޭގައި ވަނީ ކަނޑައަޅާފައެވެ.

އެކަމާ ގުޅިގެން އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާނު ވަހީދު ވިދާޅުވީ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތައް ކަނޑައަޅާފައި ވަނީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށާ މިހާރު އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކޯސްތަކަކީ އޮންލައިންކޮށް އެ ކޯސްތައް ގެންގޮސްގެން އޭގެ ފެންވަރު ދަށްވާނެ ކަމަށް ފެންނަ ކޯސްތައް ކަމަށެވެ.

ރާއްޖޭގައި ގިނަ ބަޔަކު އޮންލައިންކޮށް ހަދަަމުން އަންނަ ޓީޗިން ކޯސް އޮންލައިންކޮށް ނުގެންދެވޭނެ ގޮތަށް ނިންމީ ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގެ މަޝްވަރާގެ މަތިން ކަމަށް ޑރ. ހަންނާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ގުރުއާން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ ކަމަށް ނިންމީ ގުރުއާނާ ބެހޭ މަރުކަޒާއި ގާރީންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ކައުންސިލަކުން ނުވަތަ ބޯޑަކުން، އެކަމާ ގުޅޭ ކޯހެއް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފިނަމަ އެ އުސޫލުން ކިޔަވައިދެވޭނެ ކަމަށް ޑރ. ހަންނާނު ވިދާޅުވިއެވެ.

މި ގައިޑްލައިން އާއްމުކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފެށުމުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ކަންކަން ހަމަޖައްސަން ޖެހޭނީ އާ ގައިޑްލައިނާ އެއްގޮތަށެވެ. އެހެންވެ، ގައިޑްލައިނަށް އަމަލުކުރަން ފެށުމާއެކު އެ އަށް ވައްތަރުގެ ކޯސްތައް އޮންލައިކޮން ނުހިންގޭނެއެވެ.

އެކަމަކު، އޮންލައިންކޮށް ގެންދަން މީގެ ކުރިން ހުއްދަ ދީފައިވާ ޕްރޮގްރާމަށް ވެސް ބަދަލުތައް ގެނެސް، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ގައިޑްލައިނަށް ފައްތަން ޖެހޭނެކަމަށް ގައިޑްލައިން ގައި ބުނެފައިވެއެވެ.

އެއާ ހިލާފަށް ކުރިއަށްގެންދާނަމަ ފުރަތަމަ ފަހަރު ލިޔުމުން ނޯޓިސް ދިނުމަށްފަހު، ދެ ވަނަ ފަހަރު އެކަން ތަކުރާރުވާނަމަ 10،000ރ. އިން ޖޫރިމަނާކުރެވޭނެއެވެ. އަދި، ގައިޑްލައިނާ ހިލާފަށް ކިޔަވައިދޭކަން ތިން ވަނަ ފަހަރު ފަޅާއަރައިފިނަމަ އެ ކޯހަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެ ކަމަށް ވެސް ގައިޑް ލައިން ގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top