2007އިން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާ ކުރަން މަޖިލީހުން ފާސްކޮށްފި

tFe6UPvx4vMHTs6OgyzfmMph6iLlj3bfB3Yr0AtY-1-850x548-1.jpg

2007 ވަނައަހަރުން ފެށިގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރުމަށް ކެބިނެޓުން ނިންމި”ޖެނެރޭޝަން ބޭން“ ގެ ސިޔާސަތު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް “ޖެނެރޭޝަން ބޭން” ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ މާޗު މަހުގެ ފަހުކޮޅުގަ އެވެ.

އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ވޯޓު ދިނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތް މަނާ ކުރުމަަށެވެ. އެހެންނަމަވެސް އެ ސިޔާސަތު އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ދިރާސާކޮށް ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށް ފަހުގައި ކެބިނެޓުން ނިންމާފައި ވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އުފަންވި އަދި އެ ތާރީހުގެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާ އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށެވެ.

މިބިލު ފާސްކޮށްފައި ވަނީ 63 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާ އެކު ބިލާ އެއްކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވޯޓު ދިނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ގާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top