ބ. މާޅޮހުގައި ޕްލާސްޓިކުން އުފެދޭ ކުނި ނާންދައި، ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ފެށުމަށް އެރަށު ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.
ކުނި މެނޭޖް ކުރުމުގައި މުޅިރާއްޖެއަށް ނަމޫނާއެއްކަމަށް ބައެއް މީހުންދެކޭ މާޅޮހުގައި އުފެދޭ ޕްލާސްޓިކް ކުނިބުނި ނާންދައި ރިސައިކަލް ކުރުމަށް އެރަށު ކައުންސިލުން ޕްރޮޖެކްޓެއް ފެށުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރީ އިއްޔެ އެރަށުގެ ސްކޫލް ކުދިންނަށާއި، އާންމުންނަށް ބޭއްވި ކުނި މެނޭޖް ކުރުމާބެހޭ ބައްދަލުވުމެއްގައެވެ. އުކާލެވޭ ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ތަކެތި އުފައްދައި، އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމާއަތެއްކަމަށްވާ “ޕާލޭ ފޯ ދަ އޯޝަން” ގެ އޮފިޝަލުންނާއެކު އިއްޔެ މާޅޮހުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ އިއްޔެ އަކީ ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި މާޅޮހަށް ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އިއްޔެ މިފެށުނު މަސައްކަތުގެ ދަށުން މިއަދުން ފެށިގެން ގޭގެއިން ކުނިކޮށްޓަށް އުކާލެވޭ ޕްލާސްޓިކް ކުނި ވަކިކޮށް ގުދަން ކުރެވިގެންދާނޭކަމަށެވެ. އަދި މިތަކެތި ހަމަޖެހޭ އުސޫލެއްގެ މަތީން “ޕާލޭ ފޯ ދަ އޯޝަން” އާ ގުޅިގެން ރިސައިކަލް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިހާރު ގޭގެއަށްވެސް އަންގައިފިން މިއަދުން ފެށިގެން ކުނި ނަގަން ދާއިރު ޕްލާސްޓިކް ކުނި ހުންނަން ޖެހޭނީ ވަކިންކަމަށް، އެތަކެތި ޖަމާކުރާނީވެސް ކުނިކޮށީގެ ހާއްސަ ބަޔަކަށް. ޕާލޭއާ ގުޅިގެން އެތަކެތި ރީސައިކަލް ކުރުމަށް ބޭރުކުރުމަށް ހަމަޖެހިފައި މިއޮތީ” ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މާޅޮހުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ދިރާގާ ގުޅިގެން އިއްޔެ އެރަށުގެ ގޭގެއަށް ނައިލޯން ކޮތަޅު ބަހާފައިވާ ކަމަށާ، މިއީވެސް ޕްލާސްޓިކް މަދުކުރުމަށް އެޅުނު ފިޔަވަޅެއްކަމަށެވެ.

އިއްޔެ މާޅޮހުގައި އޮތް ކުންޏާބެހޭ ބައްދަލުވުމުގައި މާޅޮހުގެ އާންމު ރައްޔިތަކާ ކައުންސިލްގެ ރައީސް ނައިލޯން ކޮތަޅެއް ހަވާލުކުރަނީ / ފޮޓޯ: މާޅޮހު ކައުންސިލް
600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މާޅޮހަކީ ބ. އަތޮޅުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ވަކިއުސޫލްތަކެއްގެ މަތީން ހަމަޖައްސައި، މެނޭޖްކުރަން ފެށި ފުރަތަމަ ރަށެވެ. މިރަށުގެ ކާމިޔާބު ޕްރޮޖެކްޓް ނަމޫނާއަކަށް ބަލައިގެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.