ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ ) އުތުރުގެ ހަތަރު އަަތޮޅަކަށް ކުރައްވަން ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރޭ މަޑުކުރެއްވީ އޭދަފުށީގައެވެ. އޭދަފުށިން އެކަމަނާ ފުރާވަޑައިގައީ މިއަދު މެންދުރުފަހުގައއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ބިސާމާގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ،ރ،ބ،ޅ މިހަތަރު އަތޮޅަށް ކަމުގައި ޕީޖީއޮފީހުން މައުލޫމާތު ދެއެވެ. އެއަތޮޅުތަކުގެ ކައުންސިލްތަކާއި އެއަތޮޅުގައި ތިބޭ ފުލުހުންނާއި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅެވެއެވެ.
މީގެ އިތުރުން މި އަތޮޅުތަކުގައި ހުންނަ ޕީޖީ އޮފީހުގެ ގޮފިތަކުގައި މަސައްކަތް ހިނގާނުހިނގާގޮތް ބައްލަވައިލެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.
ޕީޖީ ބިސާމާގެ މިދަތުރުފުޅުގައި އެއޮފީހުގެ އިސް ބައެއްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެކަމަނާ މަޑުކުރައްވާނީ އުނގޫފާރުގައެވެ. އަދި މާދަމާގެ ވަގުތެއްގައި ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
މިއީ މަގާމާ ހަވާލުވުމަށް ފަހު އެކަމަނާ އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.