ޕީޕީއެމްގެ “ސައިޒު” އޭދަފުށީގައި ކުޑަވީތަ!

20799143_10155419905755049_4347983390316651857_n.jpg

ހޮނިހިރު ދުވަހު ޕީޕީއެމްގެ ފަރާތުން އޭދަފުށިގައި ބޭއްވި ސައިކަލް ބުރުގެ ބައިވެރިން މަގަކުން ދުއްވާފައިދާ މަންޒަރު ޑްރޯންއަކުން ފޮޓޯ ނަގާފައި / ފޮޓޯ: ފޭސްބުކް

ރައީސް އަބްދުﷲ ޔާމީނާއެކު ރައްޔިތުން ތިބިކަން ހާމަކުރުމުގެ ގޮތުން “ތަރައްޤީއާއެކު ރައްޔިތުން” މި ޝިއާރުގެ ދަށުން، މާލެއާއި އަތޮޅު ތަކުގެ 25 ރަށުގައި އިއްޔެވަނީ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ތިންހާހަށްވުރެ ބޮޑު އާބާދީއެއްއޮތް އޭދަފުށި ހިމެނުނީ އޭދަފުށްޓަކީ ޕީޕީއެމަށް ސަޕޯޓްކުރާ ބޮޑު އިންސައްތައެއް އޮތް ރަށަކަށް ވާތީއެވެ. އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އެކަން ވަނީ ވޭތުވެ ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުންގެ ވޯޓުން ދައްކާފައެވެ. އެހެންނަމަވެސް އިއްޔެ ބޭއްވި ސައިކަލްބުރުގެ އަދަދަށް ބަލާއިރު ރައީސް ޔާމީން އާއެކު އޭދަފުށީ ރައްޔިތުން ތިބިކަން ދައްކައެއް ނުލެވުނެވެ. “ތަރައްގީއާއެކު ރައްޔިތުން” ތިބިކަން ދައްކައެއް ނުލެވުނެވެ. މުޅި ރަށުން އެންމެ ވިއްސަކަށް ސައިކަލް ނުކުތުމަކީ އޭދަފުށީގައި ޕީޕީއެމް ބަލިކަށިވާން ފަށައިފިކަން ކަމުގެ އަލާމާތެއް ނޫން ބާއެވެ؟

ރައީސް ޔާމީންގެ ސަރުކާރުން އޭދަފުށްޓަށް ގިނަ ކަންތައް ތަކެއް ކޮށްދީފިއެވެ. މިހާރުވެސް ބިޔަ އެތައް ޕްރޮޖެކްޓެއް ދަނީ ހިނގަމުންނެވެ. އޭދަފުށީ ރައްޔިތުންގެ ޒަމާންވީ އުއްމީދު ތަކެއް ހަގީގަތަކަށް ހަދައިދީފިއެވެ. ބިން ފުރިފައިވާ އޭދަފުށްޓަށް 26 ހެކްޓަރުގެ ބިން އިތުރު ކޮށްދެއްވައި ގެދޮރު ނެތް މީހުންނަށް އުއްމީދީ އަލިކަމެއް ފޯރުކޮށްދީފިއެވެ. އެބިމުން ގޯތި ދިނުން ދެން މާލަހެއް ނުވާނެއެވެ. ނުވަތަ އެބިމުގައި 100ފްލެޓް އެޅުމަށް މިއަހަރުގެ ތެރޭގައި ހަވާލުކުރާނެކަން އިއުލާނު ކޮށްފައިވާތީ އެއީވެސް އޭދަފުށީގައި ގެދޮރުގެ ދަތިކަން އިހްސާސްކުރަން ޖެހިފައިވާ އެތައް ބައެއްގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ހަމަޖެހުމަކަށް ވާނެއެވެ. އެހެންވީމާ ހޮނިހިރު ދުވަހު މިއީ އެކަމަށް އަމަލީ ގޮތުން ޝުކުރުވެރިވެ އަތްޖަހަންވީ ދުވަހެވެ. އެކަމަކު އެއަޑެއް ނީވުނެވެ.

އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ކުރިން ފިނިހަކަ ދުވެލީގައި ކުރަމުން އައިނަމަވެސް މިހާރު ރޮކެޓް ސްޕީޑްގައެވެ. މަގުތަކުގެ ޕޭމަންޓުގައި ގާއަތުރަން ފަށައިފިއެވެ. ދެން އަޅަން ފަށާނީ ތާރެވެ. މިއީ ރައްޔިތުންނުކުމެ އަތް ޖަހަންޖެހޭ އަނެއް ސަބަބެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން އައިސް އޮއްވަޅުގަނޑެއް ހެން އޮތް މަގުތައް ދުއްވާއެއްޗިއްސާ ހިނގާ މީހުންނަށް ފަސޭހަ އަމާންތަނަކަށް ބަދަލު ކޮށްލަނީއެވެ. އެކަމަކު އަތްޖަހާތަނެއް ނުފެނުނެވެ. ކީއްވެގެން ހެއްޔެވެ؟

ބޯފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި މި ނިޒާމް ގާއިމް ކުރެވި ފަސޭހަކަމާއެކު ކޮންމެ ގެއަކަށް މީރު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.

ހޮނިހިރު ދުވަހަކީ އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން އެންމެން ނުކުމެ އެއްއަޑަކަށް އަތްޖަހަން ވީ ދުވަހެވެ. އެކަމަކު އެކަމެއް ނުފެނުނެވެ.

މި ދެންނެވީ ހަމައެކަނި މިހާރު ކުރެވެމުންދާ ބައެއް މަސައްކަތްތަކެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާނަމަ ސަރުކާރުންވަނީ މިލިޔަން މިލިޔަނުން ގުނާލެވޭ ޕްރޮޖެކްޓް ހިންގައި ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަވެފައިވާ ރަށަކަށް އޭދަފުށި ހައްދަވާފައެވެ.

އެހެންނަމަވެސް ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން ބޭއްވި ސައިކަލް ބުރުގައި އެކަމެއް ދައްކައެއް ނުލެވުނެވެ. ކީއްވެގެން ހެއްޔެވެ.

” އިންތިޒާމެއްނެތީ. އަހަންނަށްވެސް ކަމެއް އޮތްކަން އެނގުނީ އެދުވަހު މެންދުރު ދެގަޑިބައިވީފަހުން ހަމައެކަނި އަޑުގަދަ ކުރާއިން ގޮވުމުން. އެހެންނަމަވެސް އޭރު ހުރީ ގެއެއްގެ ސިމެންތި ޖެހުމުގެ މަސައްކަތުގައި ކަމުން ދެވޭ ގޮތް ނުވީ. އެކަމަކު އޭގެ ކުރިން އަންގަން ޖެހޭނެ. ވަގުތު ކުޑަތަންވީމައެއް ނޫން އަންގަންވާނީ. އެހެންނޫންނަމަ ޕާޓީގެ މިކަހަލަ ކޮންމެ ހަރަކާތަކުވެސް އަހަރެން ކުރީސަފުން ފެންނަ ގޮތަށް އިއްޔެގެ ސައިކަލް ބުރުންވެސް ފެނުނިސް.” ޕީޕީއެމްގެ މެންބަރަކު ޚިޔާލު ފާޅުކުރިއެވެ.

“މިވަރުގެ ބޮޑު ކަމެއް ކުރަން އުޅޭއިރު މިކަމަށް ތައްޔާރުވުމަށް ދުރާލާ ރައްޔިތުންނަށް އަންގާނުލީ ކީއްވެ؟ ކޮބާ ބޮޑެތި ވަޒީފާއާ އެކު ބޮޑުމުސާރަ ދީފައި ޕާޓީ ހިންގަން ލާފައި ތިބި މީހުން؟ އެމީހުން ކުރަނީ ކޮންކަމެއް؟ މިވީހާ ދުވަހު ޕާޓީއަށް ކޮށްދިނީ ކޮން ކަމެއް؟ “މަޝްހޫރު މުންޑު ކޯލިޝަންގެ މީހަކު” ރުޅިއައިސްހުރެ އޭނާގެ ޝުއޫރު ފާޅުކުރިއެވެ.

އޭނާ ބުނީ ޕީޕީއެމް މިރަށުގައި ތަމްސީލުކުރުމަށް ސިޔާސީ މަގާމްތައް ދީފައި ތިބި މީހުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ފެއިލްވެއްޖެކަމެވެ.

އޭނާގެ ވާހަކައަށް ބާރު ލިބޭގޮތަށް އެހެން މީހަކު ބުނީ ފެއިލްވީ މިއަދަކު ނޫންކަމުގައެވެ. އެކަމަކު އެކަން އެހެންވީ މަގާމަށް އެކަށީގެންނުވާ މީހުން އިސްކުރުމުގެ ސަބަބުން ކަމުގައެވެ. “ރައްޔިތުން ގަބޫލު ނުކުރާ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހުން އޭދަފުށީގެ ސިޔާސީ މަގާމްތަކުގައިއެތިބެނީ. އެމީހުންނަކީ އެމީހުންނާ ހަވާލުކޮށްފައިވާ ވަޒީފާތަކަށްވެސް މަކަރުހަދާ މީހުން. އެވަރު ބަޔަކު ލައިގެން އުޅުމުން ލިބުނު ހިތި ނަތީޖާއެއް މިއީ . މުޅި ރައްޔިތުން މި ބަދުނާމު ވީ.”

ހަގީގަތަކީ މިއަދު އޭދަފުށީގެ މެޖޯރިޓީ އޮތީ އެމްޕީސަލީމަށް ސަޕޯޓް ކުރާ މީހުންގެ އަތުގައިތޯ ނުވަތަ ޕީޕީއެމްގެ އަތުގައި ކުރެވޭތޯ ކުރެވޭ ސުވާލެވެ. ގަބޫލު ކުރެވޭ ގޮތުގައި އަދި ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު ބޮޑަށް ބުރަވެވެނީ އޭދަފުށީގެ ކޮންޓްރޯލް އޮތީ ސަލީމް އަތުގައި ކަމެވެ. ލޯކަލް ކައުންސިލް އިންތިޚާބު ފަސޭހަ ކަމާއެކު އޭދަފުށިން ޕީޕީއެމް އަށް ކާމިޔާބު ކުރެވުނީ ސަލީމް ކުރެއްވި މަސައްކަތުގެ ނަތީޖާއެވެ.ހަމައެއާއެކު އެމްޕީ ސަލީމަކީ ޕީޕީއެމް އޭދަފުށީގެ ފުރާނަކަން ހަނދާންނައްތާލައިގެން ނުވާނެއެވެ.

އިއްޔެގެ ހިނގާލުމުގައި ބައިވެރިވުމަށް ސަލީމް ވަޑައެއް ނުގަންނަވައެވެ. އަމިއްލަފުޅު ވިޔަފާރި ދަތުރެއްގައި ފުރާވަޑައިގަންނަވަން ޖެހުނީތީވެ ވަޑައިގެންނެވޭ ގޮތް ނުވީއެވެ. އެކަމަކު ސަލީމް ވަޑައިގެންނެވި ނަމަ އޭދަފުށީ ރައްޔިތުންގެ ބޮޑު އާބާދީއެއް ސަލީމް ފަހަތުން ނުކުންނަވައި މަންޒަރު ބަދަލު ކޮށްލާނެކަމަށް އެކަކުވެސް ޝައްކެއް ނުކުރާނެއެވެ.

ވޭތެވެދިޔަ ރިޔާސީ އިންތިޚާބަށް ފަހު ޕީޕީއެމް ގެ ހަރަކާތްތަކެއް އޭދަފުށްޓަކު ނުހިނގައެވެ. އެއީ ޕީޕީއެމްގެ ސަރުކާރުން ޕާޓީގެ މެންބަރުންނާ ގުޅުން އުފައްދައި ސަރުކާރުގެ ސިޔާސަތުތައް ކިޔައިދޭން ޖެހޭ ސިޔާސީ މުވައްޒަފުން އެކަމަށް އިހުމާލުވެފައިވާތީއެވެ. ސިޔާސީ މަގާމްތަކުގައި ރަށުގައިތިބި މީހުންވެސް ޕާޓީ ހިންގަން އެއްވެސް ވަރަކަށް މަސައްކަތް ކުރިނަމަ އިއްޔެ އެފެނުނު މަންޒަރެއް ނުފެނުނީހެވެ.

ކަންތައް މިހެން އޮތް ކަމުގައި ވިޔަސް ހޮނިހިރު ދުވަހު ހަވީރު ރައީސް ޔާމީން އަށް ތާއީދު ކުރުމުގެ ގޮތުން ބޭއްވީ ސައިކަލް ބުރުގައި އެފެނުނީ ހަގީގީ އޭދަފުށި ކަން އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. ހަގީގަތަކީ ތަންކޮޅެއް ކުރިން ދުރާލައި މިކަމަށް ތައްޔާރުވިނަމަ އޭދަފުށީ ރައްޔިތުން ރައީސް ޔާމީން ގެ ތަރައްގީ އަށް ޝުކުރުވެރިކަމާއެކު ބާރަށް އަތްޖަހާތަން ނިކަން ރީތިކޮށް ފެނުނީސް ކަމުގައި ޕީޕީއެމް މެންބަރުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top