އާތިފު : ޒުވާނުންނަށް ރަނގަޅު މިސާލެއް

athif2.jpg

މުހައްމަދު އާތިފް. މުރާލިކަމާއެކު އާއިލާ ބެލެހެއްޓުމުގެ ނަމޫނާ ބައްޕައެއް، އަދި ފިރިއެއް. ފޮޓޯ :އޭދަފުށި ވޮއިސް

އޭދަފުށީ ސަބުދެލިގޭ މުހައްމަދު އާތިފު ދަންނަން ދޯއެވެ. ހަމަ ޔަގީނުންވެސް އޭދަފުށީގެ ގިނަ ބަޔަކަށް އޭނާ އޮންނާނީ ފެނި ދެނިވެ ރައްޓެއްސަކަށް ވެފައެވެ. އެކަމަކު ނޭގޭނެކަމަކީ އޭނާގެ ޚާއްސިއްޔަތެވެ. ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ ކޮބައިކަމެވެ. ކޮން މަގާމެއްގައި ހުރި ކާކުކަމެވެ. ބައެއްފަހަރު އޭނާ ފެންނަގޮތުން އެއީ އޭދަފުށީ މިސްކިތެއްގެ އިމާމު ކަމަށް ހީކޮށްފާނެއެވެ. އޭނާއަކީ އިމާމް ކޯސް ހަދާފައިވާ ހުކުރު ކުރުމުގެ ހުއްދަ އޮތް ހުކުރު ކުރާ ޚަތީބެކެވެ. އަނެއްބަޔަކަށް އޭނާ އެނގިފައި އޮންނާނީ އޭނާގެ ޚާއްސަ ކަޅު ކުލައިގެ ހޮންޑާ ވޭވްސައިކަލުގައި ޕަޓަޕަޓަލާފައި ޓައީ އެއްއަޅައިގެން ނިކަން ބާރަށް ފެނަކަ ރީޖަނަލް އޮފީހަށް ދާތަނެވެ. އޭނާއަކީ އެއޮފީހުގެ އެސިސްޓަންޓް މެނޭޖަރެވެ. ދެން އޭނާ ފެންނާނީ ރޯއަވީގައި ކޮންމެވެސް ގެއެއްގެ ފާރެއް ރާނަން ނުވަތަ ސިމެންތި ޖަހަން ހުއްޓައެވެ. އެހެންވިއްޔާ މީނާގެ އަސްލު ފުލްޓައިމް މަސައްކަތަކީ ކޮބާހެއްޔެވެ؟

އަހަންނަށް އޭނާ ފުރަތަމަ ފާހަގަކުރެވުނީ ސްޓެލްކޯ ގެ މައި ކައުންޓަރުގައި ރައްޔިތުންނަށް ޚިދުމަތްދޭން އިން ޒުވާނެއްގެ ގޮތުގައެވެެ. އެހިސާބުން ގެއްލުނީއެވެ.  ދެން ފެނުނީ އެތައް އަހަރެއްގެ ފަހުންނެވެ. އޭދަފުށިންނެވެ. ގެއެއް ރޭނުމުގެ މަސައްކަތުގައި ހުއްޓައެވެ. ކުރިން ދުށް އާތިފަށް އައިސްފައިހުރި ހަމައެކަނި ބަދަލަކީ ބޮލުގައި އޭރު އޮތް ރީތި ދިހުންކުލަ އަރާ ކަޅު އިސްތަށިގަނޑުގެ ބޮޑުބައެއް ވަޔާ ތަޅާލާފައި ވަނިކޮށެވެ. ދުވާލުގެ ބޮޑުބައި ސިމެންތީގެ މަސައްކަތުގައި އަތްވާ ގަދަ ވައިގެ ތެރޭގައި އުޅޭތީ ވެފައިހުރި ގޮތެއްތާއޭ ހިތަށް އެރިއެވެ. އަހަރެންގެ ގެއަށް އައިސްގޮސްވާ މަގުގައި ހުރި ގެއެއްގައި އެމަސައްކަތް ކުރާތީ އެތައް ފަހަރަކު ފެނުނެވެ.

ދެން ފެނުނީ ފާޚާނާއެއްގައި ޓައިލްސް ޖަހަން ހުއްޓައެވެ. ހިތަށްއެރިއެވެ. މީ ހާދަހާ އާދަޔާ ޚިލާފު ޝަޚްސިއްޔަތެކެވެ. ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ ވަޒީފާ ދޫކޮށްލާފައި ރަށަށް އައިސް މިއުޅެނީ ރާނާ ސިމެންތި ޖެހުމާއި ޓައިލްސް ޖެހުމުގެ މަސައްކަތުގައި ވިއްޔާއެވެ.

ޖެހިގެން އައީ ހުކުރު ދުވަހެވެ. ހުކުރަށް ދިޔައިރު މީނާ މިހިރީ މިންބަރަށް އަރައި ޚުތުބާ ކިޔާށެވެ. ހިތަށް އެރިއެވެ. މީ އަޖައިބެކެވެ. މީނާ މި ހުރިހާ ކަމަކަށް ތައްޔާރުވީ ކޮންއިރަކު ބާއެވެ. މި ހުރިހާ ކަމެއް ދަސްކުރަން ވަގުތު ހޯދީ ކިހިނެއް ބާއެވެ. އެއްކަމެއް ދެކަމެއް ނޫނެވެ.

ހިތުގައި އުފެދުނީ ތައުރީފެވެ. ސާޅީހުގެ އަހަރުތައް ގުނަމުންދާ މި ޒުވާނާ، އޭދަފުށީގެ ޒުވާނުންނަށް މި ދައްކައިދެނީ ހާދަހާ ރަނގަޅު ނަމޫނާއެކެވެ.

އަހަންްނަށް އޭނާއާ އޭދަފުށިން ފުރަތަމަ ބައްދަލު ވެވުނީ އެ ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެއްކަލަ ކަޅު ސައިކަލުގައި ފެނަކަ ބ.ރީޖަނަލް އޮފީހަށް ރަސްމީ ހެދުމުގައި ވަންނަނިކޮށެވެ. ބައްދަލުކޮށްލަން ބޭނުމޭ ބުނީމާ އެހެން ފަހަރަކުން ދޯއޭ މިހާރު ގަޑި ޖެހެނީއޭ ބުނެ ނަޒަރުން ގެއްލުނީއެވެ.

ބޭނުންވީ މީނާ މިހުރިހާ ކަމަކަށް ފިޓްވީ ގޮތެއް އޮޅުން ފިލުވާށެެވެ. ކުރިން ދުށް އާތިފަކީ އެންމެ މީހެކެވެ. މިހާރު މި ފެންނަނީ އެއް ހަށިގަނޑެއްގައި ހުރި އެތައް އާތިފެކެވެ.

ފަހުންވެސް އޭނާއާ ބައްދަލުވެއެވެ. އެކަމަކު އަސްލު އޭނާގެ ދިރިއުޅުމާބެހޭ މިކަހަލަ މައުޟޫއަކަށް ވާހަކަ ދައްކާލެވޭ ގޮތަކަށް ބައްދަލުވީ ދުވަސް ގަނޑެއްގެ ފަހުންނެވެ. ހޮޓަލެއްގެ ކޮފީ މޭޒުންނެވެ. ވަގުތުން މައުޟޫއަށް ރުޖުއަވީމެވެ.

“1987ވަނަ އަހަތު ބަހިއްޔާ ސްކޫލުން ކިޔަވައި ނިމުމާއެކު ފުރަތަމަ ވަޒީފާއަކަށްވީ ތައުލީމީ މަރުކަޒުގެ ޓީޗަރުކަން. ނަމަވެސް އެއީ ވަގުތީ ކަމަކަށް ވާތީ ބޭނުންވީ މި ދާއިރާގައި އިތުރަށް ކުރިއަށް ދިއުމަށް ޓަކާ ޓީޗަރ ޓްރޭނިންގ ކޯސް ހަދަން.

އެހެންވެ މާލެ ދިޔައީ. ކޯހަށް އެޕްލައި ކުރުމަށް އުޅުމުން އަޚް އަލީ ޒާހިރުވެސް ބޭނުންވީ މި ކޯސް ހަދަން .އެހެންވީމާ ދެބެއިން އެއްކަމެއް ނުކުރަންވެގެން އަލީއަށް ޗާންސް ދީފައި އަހަރެން ވަނީ ސްޓެލްކޯ އަށް. ” އާތީގެ ވާހަކަފެށީ ދުރުހަނދާންތަކާއެކު މިހިސާބުންނެވެ.

ބިލިންގ ކްލާކެއްގެ ވަޒީފާގައި އެތަނަށް ދިރިއުޅުމުގެ ފުރަތަމަ ފިޔަވަޅު އެޅި ނަމަވެސް ވަޒީފާގައި އަހަރެއްހައި ދުވަސް ހޭދަކުރިތަނާ  ދެން ދިމާވީ ވަރުގަދަ ޗެލެންޖަކާއެވެ. އެދުވަސްވަރަކީ ސްޓެލްކޯގެ ފަރާތުން އަތޮޅުތެރޭގައި އިންޖީނުގެތައް އެޅުމަށް ފެށި ދުވަސްވަރު ކަމަށް ވާތީ އެކަމުގައި އިސް ރޯލެއް އަދާ ކުރަން ޖެހުމެވެ.  މާލެއަތޮޅު މާފުށި ، ގުރައިދޫ، ތުލުސްދޫ ހިންމަފުށި ފަދަ ރަށްރަށުގައި އިންޖީނުގެ އެޅުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުން އައިއިރު އެރަށްރަށުގެ އިންޖީނުގެ ތައް އިދާރީގޮތުން ތައްޔާރު ކުރުމުގެ ގޮތުން އިދާރީ މުވައްޒަފުން ބިނާކުރާށެވެ.

” މާލެއަތޮޅު ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ މުވައްޒަފުން ނެގުމާއި އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާ ވަޒީފާ އަށް އަހުލުވެރި ކުރުވުމަށް ކުރަން ޖެހުނު ހުރިހާ ކަމެއްކުރީ އަހަރެން އެކަމުގައި ބައިވެރިވެގެން.” އާތި ފަޚްރުވެރިކަމާއެކު ބުނެލިއެވެ. އެ ޕްރޮޖެކްޓް ހިނގަހިނގާއޮއްވާ  ދެން އޭނާއަށް ޖެހުނީ އަމިއްލަ ރަށުގެ އިންޖީނުގެއާއި “ހަވާލުވާށެވެ”

އާތިފް. އޭދަފުށީގައި ހުންނަ ފެނަކަ ބ. ރީޖަނަލް އޮފީހުގެ މަސައްކަތުގައި. / ފޮޓޯ: އޭދަފުށީ ވޮއިސް

1995ވަނަ އަހަރު އޭދަފުށީގައި ޖަޕާން ސަރުކާރުން އިމާރާތް ކުރި އިންޖީނުގެ ހިންގަން ސްޓެލްކޯ އާ ހަވާލުކުރުމުން އެހެން ރަށްރަށުގައި ހިންގި ޕްރޮގްރާމް އޭދަފުށީ އިންޖީނުގޭގައި ހިންގުމަށް ފަހު ބޭނުންވީ ވަޒީފާވެސް ރަށަށް ބަދަލު ކުރާށެވެ.

“މާލޭގެ އަތްނުފޯރާ ފަށުގެ ދިރިއުޅުންދެކެ ފޫހިވެ ރަށަށް ބަދަލުވުމުގެ ވިސްނުމުގައި ހުއްޓާ މި ފުރުސަތު ލިބުމުން ވަރަށް އުފާވި .” ރަށަށް ބަދަލުވި ގޮތް ކިޔައިދެމުން އާތި ބުންޏެވެ.

ދިރިއުޅުމަކީ ކިހާ އުފާވެރި ކަމެއްކަމާއި އަމިއްލަ ރަށުގެ ވެށި އެއީ ކިހާ މިނިވަން ތަނެއްކަން އިހްސާސްކޮށްދިނީ ވައިފެން ރަނގަޅު މި އޭދަފުށްޓަށް އަލުން ނޭވާލާން ފެށުނު ހިސާބުންކަމުގައި ބުނަމުން އާތި ދެން ބުނީ އެ އުފާވެރިކަމާއެކު ކައިވެންޏެއް ކުރުމުގެ ޚިޔާލުވެސް އުފަންވީ ކަމުގައެވެ.

އެކަމަކު ދިރިއުޅުމެއް ފަށާއިރު މުސާރައަށް ބަރޯސާ ނުވެ އިތުރު އާމްދަނީއެއް ލިބޭނެ މަގެއް ހޯދަންޖެހޭނެކަން ގަބޫލު ކުރެވޭއިރު  އެކަމުގެ މަގުވެސް އޮތީ ކުރިމަތިން ސާފުކޮށް ފެންނާށެވެ.  ރޭނުމާއި ސިމެންތި ޖެހުމަކީ ކުޑައިރުން ފެށިގެންވެސް ކުރާ ހިތްވި ކަމަކަށް ވާތީ އެކަން ހުރީ އޭރުވެސް ފުދޭވަރަކަށް ދަސްވެފައެވެ. މީހެއްގެ ގާތުން ކިޔަވައިގެންނޫނެވެ. މީހުން ކުރާ މަސައްކަތް ބަލައިގެން” ފޮޅުވަތް މަތީގައި ފޮޅުވަތް އަޅައިގެން” ނެވެ.

އެހެންނޫނަސް  އޭނާގެ ކުރިމަތީގައި އެންމެ އަގު ބޮޑު އެއްޗަކީ ވަގުތު ކަމުގައި ވާތީ އެންމެ ކުޑައިރުން ފެށިގެންވެސް ވަގުތުތައް ބޭނުންކުރަމުން އައީ ބޭނުންތެރި ފައިދާ ހުރި ގޮތުގައެވެ. ހުސްވަގުތު ހޭދަކުރުމަކީ ސައިތާނާއަށް ބޮލަށް ސަވާރުވުމަށް ދެވޭ ފުރުސަތެއްކަން ކިޔަވައިދިން އެދުރުންވެސް ބުނެފައިވާތީ އެންމެ ކުރާ ހިތް ނުވާކަމަކީ ބޭކާރު ގޮތުގައި ވަގުތު ތައް ހޭދަކުރުމެވެ. މިއަދުވެސް އޭނާ ފެންނާނީ އެގޮތުގައެވެ. އޭނާ އުޅޭނީ އަބަދުވެސް މަސައްކަތެއްގައެވެ.

އޭދަފުށީ އިންޖީނުގެ އަލަށް އުފައްދައި އެތަނުގެ ހިންގުން ހަމައަކަށް އެޅުވުމަށްފަހު އޮފީސް ނިންމާލާފައި ދެން ކުރާނެ އާމަސައްކަތެއް ހޯދަން ނުވަތަ ދަސްކުރުމުގެ ޝައުގުވެރިކަމުގައި ހުއްޓާ ހީވެސް ނުކުރާ ކަހަލަ ފުރުސަތެއް އޭނާ އަށް ލިބުނެވެ. ފުރުސަތު ބޭނުންވާ މީހާއަށް އަބަދުވެސް ފުރުސަތުތައް ފަހިވާނެއޭ ބުނާފަދައިން ނެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒާއި އޭދަފުށީގައި ހިންގަމުން އައި ތައިސީރުލް ޤުރުއާން ކްލާހާއި ގުޅިގެން އޭދަފުށީގައި ގާރީ ކޯހެއް ހިންގަން ފެށީއެވެ. އެ ޚަބަރު ލިބުމާއެކު މީހެއްގެ ގާތުން މަޝްވަރާ އަހާލަންވެސް ބޭނުމެއް ނުވިއެވެ. ވަގުތުން އެކޯހުގައި ބައިވެރިވުމަށް އެޕްލައި ކުރީއެވެ.

އެ ކޯސް ބަރާބަރު ތިންއަހަރުދުވަހުން ނިންމާލިއިރު އޭނާ ހުރީ ގާރީވެރިއެއްގެ އިތުރުން އިމާމްވެ މިސްކިތުގައި ޚުތުބާ ކިއުމުގެ ހުއްދަވެސް ހޯދާފައެވެ.

“ވަރަށް އުފާވި އެކޯސް ކާމިޔާބާއެކު ނިންމާލުމުން. އެންމެ ބޮޑަށް އުފާވީ އޭދަފުށީގައި ހުކުރު ޚުތުބާ ކިޔާ މީހުން ނިހާޔަތަށް ބޭނުންވެފައިވަނިކޮށް  ރައްޔިތުންނަށް އެކަން ކޮށްދިނުމުގެ ހެޔޮ ތައުފީގް ދެއްވިކަމަށް ޓަކާ.” ގާރީ އާތި ބުންޏެވެ.

އޭދަފުށީގައި ބޭއްވި ގުރުއާން މުބާރާތެއްގައި އާތިފް ޖަޖްކަން ކޮށްދީފައިވާތީ ހަނދާނީ ލިޔުމެއް އޭނާއަށް ދެނީ. އޭނާވަނީ ކީރިތި ގުރުއާން އުނގަންނައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި / ފޮޓޯ: މައިކޮލެޖް

ދެންވެސް އޭނާ ހުއްޓިހުރީއެއްނޫނެވެ. އޭނާއަކީ ފެނަކަ ބ.ރީޖަނަލް އޮފީހުގެ އެސިސްޓެންޓް މެނޭޖަރ އެވެ. މެދު ނުކެނޑި ސަރުކާރުގައި އުޅޭތާ 27 އަހަރު ވެއްޖެއެވެ. ވަޒީފާއިން ލިބުނު ކުރިއެރުމާއެކު ރަނގަޅު މުސާރައެއްވެސް ލިބޭތީ އާއިލާ ބެލެހެއްޓޭ ވަރުގެ އާމްދަނީއެއް ލިބޭނެކަމަށް ހީކުރެވިދާނެއެވެ. އެހެންވީމާ އިތުރު މަސައްކަތެއް ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ؟ އެކަމަކު އެކަން ގަބޫލުު ނުކުރަނީތާއެވެ! އޮފީސް ނިންމާލާފައި އަނެެެއްކާވެސް ދުއްވައިގަންނާނީ ކޮންމެވެސް  އެހެން ދިމާއަކަށް ދުވަހުގެ ރޫޓިން ފުރިހަމަކުރާށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަހައްމިއްޔަތެއް ދެނީ ކުޑަކުދިންނަށް ގުރުއާން ކިޔަވައި ދިނުމަށެވެ. ބޭނުމަކީ ގާރީ ކޯހުން ލިބުނު އިލްމީ މުއްސަނދިކަން ރަށުގެ ދަރިންނާ ހިއްސާ ކުރުމެވެ. އާމްދަނީއަށްވުރެ ބޮޑަށް ޚިދުމަތަށް ބަލައިގެންނެވެ. އެކަމަށް ވަގުތުތަކެއް ކޮންމެ ދުވަހަކުވެސް ހޭދަކުރުމަކީ އޭނާއަށް ލިބޭ ވަރަށް ޚާއްސަ އުފަލެއްކަމުގައި ބުންޏެވެ.

“ބޭނުންވަނީ ގޭގައި ޤުރުއާން ކްލާހެއް ހިންގަން.  އެކަމަކު ޖާގައިގެ ދަތިކަން މިކަމަށް ހުރަސްއަޅާތީ އަދި އެކަން ނުފެށި އޮތީ .ކޮންމެވެސް ދުވަހަކުން މިކަންވެސް ކުރާނަން. ” އާތީ ބުންޏެވެ.

އޭދަފުށީގެ އެކި އެކި ކުންފުނިތަކުގެ ހިސާބުތައް ބެލެހެއްޓުމާއި އެކަމާ ގުޅުން ހުރިި ކަންކަމުގައިވެސް އާތި އަންނަނީ ހީވާގިކަމާއެކު ހަރަކާތްތެރިވަމުންނެވެ. ހަމައެއާއެކު އެންމެ ޅަދުވަހު އެންމެ ކުރާ ހިތުން ކުރި މަސައްކަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމުގައި އާތި ބުންޏެވެ. އޭނާގެ ގަލަމާ ރާނަން ގެންގުޅޭ ހަންޖަކީ ވަކި ނުކުރެވޭނެ އެންމެ ގާތް ދެ އެކުވެރިޔާ ކަމުގައި ދެކެއެވެ.

އާތީގެ ވަގުތުތައް ޕްރޮގްރާމް ކުރެވިފައިވާ ގޮތަށް ބަލާއިރު ރަށުގެ ޒުވާނުންނާ އޭނާއާ ދެމެދު ދެމިގެން އަންނަނީ ވެސް އާދައިގެ ގުޅުމެއް ނޫނެވެ.  އޭދަފުށީ ޒުވާނުން ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ކުޅެވޭ މުބާރާތްތަކާއި އެމުބާރާތްތަކަށް ތައްޔާރުވުމުގައި އާތީގެ ވަރަށް ބޮޑު އެހީތެރިކަމާއި ބައިވެރި ވުމެއް އޮވެއެވެ. ޓީމުގެ އެންމެ ގާތް އަދި އެންމެ މުހްތަރަމް އެކުވެރިޔާ އާތިއަކީ މުޅި ޓީމްގެ ބުންވަރުގެ ގޮތުގައި ސިފަކުރެވެނީ އޭނާގެ ޚިދުމަތުގެ ބަރާބަރު ކަމުންނޭ ނޫނީ ދެން ބުނާނީ ކީކޭ ހެއްޔެވެ؟

ދެން މިހުރިހާ ކަމެއް ކޮށްފާ އާއިލާއަށް ވަގުތު ދެނީ ކޮން އިރަކު ހެއްޔެވެ.

އޭނާގެ ޖަވާބަކީ މިއެވެ. އާއިލާ އަކީ ދިރިއުޅުމުގެ އެންމެ މުހިއްމު ގުނަވަން. އެހެންކަމަށް ވާއިރު އެގުނަވަނާ ނުލާ މާގިނައިރަކު ނޫޅެވޭނެ.”  އޭނާ ބުނީ ސައުވީސްގަޑި އިރު ހޭދަކުރަނީ އެކަން ދަނެގެން ކަމުގައެވެ. އަދި  ދިރިއުޅުމުގެ ކޮންމެ ދުވަހަކީވެސް “އާއިލާދުވަސް” ކަމާއި އެކަން ފާހަގަވެސް ކުރާ ކަމުގައެވެ.

“ޝަހީލާގެ ބޮލަށް ވައްޓާލި ފުރަތަމަ ލިބާހާ އެއްކޮށް ބިންގާ އެޅި މި ކައިވެނި މިހާ ގިނަ ދުވަސްވަންދެން އޮމާންކަމާއެކު ކުރިއަށް ގެންދެވެނީ އާއިލާއާ މެދު ފަރުވާ ބަހައްޓައި އާއިލީ މަސްއޫލިއްޔަތު އަދާކުރުމުގައި ފާސްވެފައިވާތީ” ތިންކުދިންގެ ބައްޕަ އާތި ބުންޏެވެ.

އެ ފަޚްރުވެރިކަމުގައި އޭނާ ހުރީ ގިރުވާން ކޮޅަށް ޖަހާލައިގެންނެވެ.

އެކަމަކުވެސް އޭނާ ބުނީ ދިރިއުޅުމުގެ ދަތުރު އަދި ކިރިޔާ ދެބައިވީކަމުގައެވެ. ދެވަނަ ހާފް ފެށެން ތައްޔާރުވެފައިވާއިރު ދޮށީ ދަރިފުޅު މިހާރު ހުރީ ގްރޭޑް 12 ނިންމައިގެން ކޮލެޖް ތައުލީމްއަށް ފެށުމުގެ ދޮރުމަތީގައެވެ. ދެވަނައަށް ހުރި އަންހެން ދަރިފުޅަކީ ކީރިތި ޤުރުއާންގެ އިލްމުން އޭދަފުށި ފަޚްޜުވެރިވާފަދަ ރަން ވަނަތަކެއް އެންމެ ކުޑައިރުންފެށިގެން ވެސް ހޯދަމުން އަންނަ މޮޅު ދަރިވަރެކެވެ. އެދަރިފުޅުވެސް ބޭނުންވަނީ މޮޅަށް ކިޔަވައިގެން ގައުމަށް ޚިދުމަތް ކުރާށެވެ. ހަގަށް ހުރި ދަރިފުޅުގެ އުމުރަކީ ފަސް އަހަރެވެ.  އެހެންވީމާ އެކުދިންގެ އެ އެދުން ފުރިހަމަ ކޮށްދިނުމަކީ ބައްޕައެއްގެ ފަރުޟެއް އަދި އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވާއިރު އަދި ރާނާ ހަނދި ތެޔޮލާފައި ފޮރުވުން މާއަވަހެވެ. ވަޒީފާގެ އިތުރުން މިހާރު އަދާކުރަމުން އަންނަ ޕާޓްޓައިމް ވަޒީފާތައް ވެސް ދޫކޮށްލުމުގެ ބަދަލުގައި އިތުރު ވަގުތު ހޭދަކުރަން ޖެހެއެވެ.

” އުއްމީދަކީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމާއެކު އެ ދަރިންނަކީ ތައުލީމީ ގޮތުން އެންމެ ކުޑަމިނުން އޭދަފުށީ ފަޚްރުވެރިވާފަދަ ދަރިންނަށް ވުން. އޭގެ މާނައަކީ ރަށާ ގައުމަށް ބޭނުންތެރި ކޮންމެވެސް އެއް ދާއިރާއަކުން އެހެންމީހުން ނަމޫނާއަކަށް ބަލާފަދަ ދަރިންނަށް ހެދޭތޯ ބެލުން. ” އާތި ބުންޏެވެ.

އާތި ބުނީ ރޭ ދުވާ އެއްކޮށްލައިގެން ކުރާ މަސައްކަތުގައި އެންމެ ގާތުން އޭނާއަށް އެހީތެރިވަނީ އަންހެނުން ޝަހީލާ ކަމަށާއި އެއީ އަނތްބެއްގެ ގޮތުން ބެލިކަމުގައި ވިޔަސް މަންމައެއްގެ ގޮތުން ބެލިކަމުގައި ވިޔަސް މިސާލެއްކަމަށެވެ.

އާތި އޭނާގެ ހަގު ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ހަވީރެއް – ފޮޓޯ އޭދަފުށި ވޮއިސް

އާތިގެ ވާހަކަ ނިންމާލިއިރު އޭނާ ދިރިއުޅުމަށް ކުރަމުންގެންދާ މަސައްކަތަށް ހިތުގެ އަޑިން ސާބަސް ދެވުނެވެ. ފަންސާސް  އަހަރު ފުރެން ދެން މާގިނަ ދުވަހެއް ނެތްކަމަށް ވިޔަސް އޭނާގެ މަސައްކަތުގެ ދުވެލި އަދިވެސް ހުރީ ނޫކަށި ފުރައިގެ ޒުވާނެއްގެ ގޮތުގައެވެ. ހަމައެންމެ ބޭނުމަކަށް ޓަކައެވެ. ދަރިންގެ ކުރިމަގަށެވެ. އާއިލާގެ އުފާވެރިކަމަށެވެ.  ބޭނުންވަނީ އޭނާ އަށް ލިބޭނެ ފައިދާ އަކަށް ވުރެ ބޮޑަށް ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދީގެން ރޫހާނީ ހިތްހަމަޖެހުމެއް ހޯދާށެވެ.

ޒުވާނުން މި ވާހަކަ ދިރާސާ ކުރާނެ ނަމައެވެ. ޒުވާނުން އާތި ، ރޯޑްމެޕެއްގެ ގޮތުގައި ބަލާނެ ނަމައެވެ. އޭރުން ހަމަގައިމުވެސް އަހަރެމެންގެ ވެށީގައި އޮންނާނީ ހަމަޖެހުމާ އުފާވެރިކަމެވެ. ގައުމު މި ވަގުތަށް އެންމެ ބޭނުންވެ އެދި ގޮވަނީވެސް އެކަމަށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top