”ވަފާ” ސްޓޭޖް ފަޅާލި ސިލްސިލާ ހަލީމް ކޮބައިބާ ؟

ހަލިމ.jpg

ސިލްސިލާ ހަލީމް

އޭދަފުށި ޖަމިއްޔަތުލްވަފާގެ މިއުޒިކީ ސްޓޭޖް ފަޅަމުން އައި ލަވަކިއުންތެރިޔާ އޭދަފުށީ ސިލްސިލާ މުހައްމަދު ހަލީމް މިހާރު ކޮބާ ހެއްޔެވެ؟ އެސްޓޭޖްގެ ރިހިރޭތައް ފަޅުފިލުވައިދިން މޫސީގާރުގެ އަޑެއް ނީވޭތާ ދިހަވަރަކަށް އަހަރު ވެއްޖެއެވެ.

މަޝްހޫރު ހިންދީ ލަވަކިއުންތެރިޔާ މުކޭޝް އާއި ރަފީއުގެ ލަވަތަކުގެ އިތުރުން ދިވެހި ލަވަކިއުންތެރިންގެ ލަވަވެސް ހިމަނައިގެން އޭނާގެ އަސްލު ރަހައާއި ގުޅޭ ލަވަތައް އަމިއްލަ ސްޓައިލަށް މޮޑިފައި ކޮށްގެން އެކިޔާލާ އަމިއްލަ ވަންތަ ގޮތުން އެ ސްޓޭޖްގެ “މޭން “ގެ މަގާމު އޭނާވަނީ ހޯދާފައެވެ. އަދިވެސް އެހެން މީހަކަށް އެމަގާމާ ހަމައަކަށް ނާދެވެއެވެ. އޭނާގެ ލަވަތަކަށް މީހުން ލަންބުވާލި ޖާދުވީ އަޑު ، ވަފާގެ ސްޓޭޖުން ނުފެނުމުގެ އުނިކަން ބެލުންތެރިން އިހުސާސް ކުރާތާ ދިހަ އަހަރަށް ވުރެ ގިނަދުވަސް ވީއެވެ. ސިލްސިލާ މުހައްމަދު ހަލީމް އާ ބައްދަލުކޮށްލީ އެހެންވެގެންނެވެ. އޭނާ ގެއްލުނީ ނުވަތަ ސްޓޭޖް ދޫކޮށްލީ ކީއްވެގެންކަން އެނގެން ބޭނުންވާ އެތައް ބަޔަކަށް ވެގެން އުޅޭ ގޮތް ސާފުކޮށްދިނުމުގެ ގޮތުންނެވެ.

ލަވަކިއުން ހުއްޓާލީތޯ އަހާލުމުން ފުރަތަމަވެސް ޖަހާލީ އޭނާގެ މަޝްހޫރު ހިނި ގަނޑެވެ. ވަރުގަދަ އަށް ދުފާލައިގެން އޭގެ އާވީގައި ހުރުމުގެ ސަބަބުން މިޒާޖަށްވެސް ހުރީ ރަނގަޅު އަސަރެއް ކޮށްފައެވެ. ވަގުތުގެ ބޭނުންކޮށްގެން އަހާލީމެވެ.

“ތެދެއް ހެއްޔެވެ. ލަވަކިއުން ދޫކޮށްލީހެއްޔެވެ. ހަލީމްގެ އަޑު ދެން ސްޓޭޖަކުން ނީވޭނެ ހެއްޔެވެ. މުސްކުޅިވީކަމަށް އަމިއްލައަށް ގަބޫލުކުރެވުނީ ހެއްޔެވެ؟ ނޫނީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ފަހަތަށް ޖެހިލީ ހެއްޔެވެ؟” ސުވާލުތައް އެއްފަހަރާ ކޮށްލުމުން ވަރަށް ގަޔާވެފައި ހުރެގެން ޖަވާބު ދިނެވެ.

“އާނ ! ލަވަކިއުމާ މިހާރު މިއުޅެނީ ވަރަށް ދުރުގައި. ވަކި ސަބަބެއް އޮވެގެންނޫން. އެކަމަކު އުމުރު މިހާ ހިސާބަށް ދިއުމުން ލަވަކިއުމަކީ އާއިލާގެ ބައެއް މެންބަރުން އެހާ ސަޕޯޓިވް ކަމަކަށް ނުވާތީ ދޫކޮށްލީ. ” 58 އަހަރުގެ ހަލީމު ބުންޏެވެ.

މައްސަލައެއް ނެތެވެ. އެއީ އޭނާގެ ނިންމުމެވެ. އެނިންމުމަށް އިހްތިރާމް ކުރަންވާނެއެވެ. ހަލީމްގެ ލަވަތަކަށް ލޯބި ކުރާ މީހުންނަށް ހިތާމަވެރި ޚަބަރަކަށް ވިޔަސް އޭނާ ހުރީ އެނިންމުން ބަދަލު ކުރާ ގޮތަކަށް ނޫނެވެ. އަލުން އެނބުރި ވަފާގެ އެސްޓޭޖަށް މުޅިން އަލްވަދާއު ކީ ކަމަށް ބުނަމުން އެވާހަކަ ދެން އިތުރަށް ކުރިއަށް ގެންދިއުމަށްވެސް ދެކޮޅު ހެދީއެވެ.

އެކަން ހަނދާން ނައްތާލާފައި މިހާރު އޭނާ ހުސްވަގުތުތައް ފުރަނީ ފަތުރުވެރިންނަށް ވިއްކުމަށް ކުދި ދޯނި ފަހަރު ބަނދެގެން ވިއްކުމުގެ މަސައްކަތެވެ. އޭނާއަކީ ކުރިންވެސް ރާއްޖޭގައި އުވެމުންދާ ކިއްސަރުވަޑާމާއި ތެދުއުއި ވަޑާންކުރަން ދަންނަ މީހެކެވެ. އެމަސައްކަތުން ފުދޭވަރެއްގެ އާމްދަނީއެއްވެސް ހޯދައެވެ. ދުވާލުގެ މަސައްކަތުގެ ތާވަލަށް އޭނާގެ ރަސްމީ ވަޒީފާވެސް އިތުރު ކޮށްލަން ޖެހެއެވެ. އޭނާއަކީ އޭދަފުށީ ކައުންސިލްގެ ސަޕޯޓް އޮފިސަރުވެސް މެއެވެ. މިމަގާމުގެ ގޮތުން އޭދަފުށީ ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް އަންގަން ޖެހޭ އެންގުންތައް މެގަ ފޯނު މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސް ދޭ އެކަކީ އޭނާއެވެ. އެކަމުގެވެސް މާހިރެކެވެ. އެ އެންގުންތައް ކިޔަނީ އެއްޗަކުން ބަލައިގެންނޫނެވެ. އޭނާ ގާތު ބުނަންޖެހޭނީ ރައްޔިތުންނަށް އަންގަން ބޭނުންވާ ވާހަކައެވެ. އެއްފަހަރުއެވެ. އެހިސާބުން ހިތުގައި ބިންވަޅު ނަގައިގެން ރީތި އިބާރާތުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް އެހާފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އެކަމަކު މިއީ އޭނާއަށް ލިބިފައިވާ ޚާއްސަ ފަންނެކެވެ.

ހަލީމް ބަނދެފައިވާ ދޯންޏެއް

ކައުންސިލުގެ ވަޒީފާ އަދާކުރަމުން އޭނާ ކުރާ އެންމެ ރީތި މަސައްކަތަކީ ކުރިންވެސް ދެންނެވިހެން ލުއިވަޑާން ކުރުމެވެ. ކުދި ދޯނިފަހަރު ލަނޑިން ބަނުމެވެ. އެއީ އޭނާގެ ކާފަ، މަޝްހޫރު މާވަޑިޔާ ، އާއްމު ބަހުންނަމަ ދަތްޕު އަލީ ގާތުން ދަސް ކޮށްފައިވާ ފަންނެކެވެ. ދަތްޕު އަލީ އަކީ ބ.އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި މަސްދޯނި ފަހަރު ބަނދެފައިވާ މޮޅު މާވަޑިއެކެވެ. އެމަސައްކަތް ދަސްކުރި ގޮތް ހަލީމު ކިޔައިދިނެވެ.

“އެއް ދުވަހަކު ކާފަ ބުނީ ދަރިފުޅާއޭ ކާފަމެން ނިމިދާއިރު މިފަންނު އެބަ ޖެހޭ ދަސްކުރަން. އެހެން ބުނެ ކަނދު ގަނޑެއް ދީފައި ދޯންޏެއް ހަދާނެ ގޮތް ކިޔާދީފައި ކާފަ ދިޔައީ އެހެން ރަށަކަށް ވަޑާމަށް. “މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން ހަލީމު ބުންޏެވެ.

ކާފަ ހަވާލުކުރި މަސައްކަތް ކުރެވޭތޯ އުޅުނެވެ. އެކަމަކު އެއީ އެންމެ ޒުވާން އިރު ކަމުން މިކަހަލަ ކަވި މަސައްކަތެއް ކުރުމުގެޝައުގުވެރިކަން އެއް ގޮތަކަށްވެސް ނެތުނީއެވެ. ފޫހި ކަމަކަށް ވީއެވެ. ކަނދުގަނޑު އެއްލާލީއެވެ.

ކާފަ ރަށަށް އެނބުރި އައިސް ފުރަތަމަވެސް ކުރީ އެސުވާލެވެ.

“އަހަރެން ބުނީ ކުރާހިތްވާ ކަމަކަށް ނުވާތީ ކަނދުގަނޑު އެއްލާލީއޭ ” ހިނގަނޑެއްޖަހާލަމުން ހަލީމު ބުންޏެވެ.

އަނެއްކާވެސް ކުރީގެ ވާހަކަ ތައް ކާފަ ތަކުރާރު ކުރިއެވެ. އަލުން ދޯންޏެއް ހެދޭތޯ މަސައްކަތް ކުރުމަށް އެދުނެވެ.

ކާފަގެ ނަސޭހަތްތައް އަހައިގެން މި ފަހަރު މަސައްކަތް ފެށުމުން މިމަސައްކަތަކީ ގަޔާވާ ކަމަކަށްވެ ދޯނި ހަދާފައި ކާފައަށް ދެއްކިއެވެ.

މިއީ މި މަސައްކަތުގެ ފެށުމެވެ. އޭގެ ފަހުން ހަލީމުގެ ހުސްވަގުތުތައް ގިނައިން ހޭދަކުރަނީ ކުދި ދޯނި ފަހަރު ހެދުމުގައެވެ. އޭނާ ކިއްސަރު ލައިގެން ހަދާ ދޯނިފަހަރު ރިސޯޓުތަކާ ހަމައަށް ގޮސް ރިސޯޓުތަކުން އޭނާއަށް މީގެ އޯޑަރުތައް ލިބެން ފެށިއެވެ. ހީނުކުރާކަހަލަ ރަނގަޅު އަގެއްވެސް ލިބެއެވެ.
“ފުދޭވަރަކަށް އޯޑަރު ލިބޭ. އާމްދަނީ ގެ ގޮތުން ބަލާއިރުވެސް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ”

ހަލީމު ގަބޫލުކުރަނީ ކޮންމެ މީހަކުވެސް އުފާވެރި ދިރިއުޅުމެއް އުޅެންޖެހޭ ކަމަށާއި އެކަމަށް މަސައްކަތްވެސް ކުރަން ޖެހޭ ކަމުގައެވެ. ދިރިއުޅުން ފުދުންތެރިކަމާއެކު އުފާވެރިކުރުމަށް އެމީހަކަށް ވަގުތާއި ހާލަތު ތަންދޭ ވަރަކުން އުޅެން ޖެހޭނެއެވެ. އެއީ ލިމިޓްވެފައި އޮންނަ ކަމަކަށް ވެގެން ނުވާނެއެވެ.

ހަލީމު ލަވަކިއުމާ ދުރުވީއެއް ނޫނެވެ. އެކަމަކު ސްޓޭޖްތައް ފަޅަމުން އައި ހަލީމް ސްޓޭޖްތަކާ ދުރުވީއެވެ. އެއީ އޭނާގެ އަމިއްލަ ނިންމުމެއްވެސް ނޫނެވެ. ހާލާތުގެ މަޖްބޫރީއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު