އޭދަފުށީގައި ޒަމާނީ ފެންވަރަށް ހެދި މަގުތައް ޒަމާނަށް ވުރެ މާފަހަތުގައި

DSCN1716.jpg

އޭދަފުށި---އީވީ ފޮޓޯ

ހަނދާންވަނީ މީގެ އަހަރުތަކެއް ކުރިން މާލޭގެ މަގުތައް އޮތް ގޮތެވެ. ވާރޭ ކޮޅެއް ވެހިލާއިރަށް މަގުތަކުގައި ފެންބޮޑުވެ އަރުވާޖަހައިގެން ނުވަތަ ކަށިމައްޗާ ހަމައަށް ފަޓުލޫނު ނަގައިގެން މަގުތަކުގައި ހިނގައި އުޅުނު ދުވަސް ތަކެވެ. ރެލީ ބައިސްކަލުގައި ދުއްވާފައިދާއިރު އަޑިގަޑަކަށްޖެހި ބައިސްކަަލާ އެއްކޮށް މީހާ ތިރާ ވެދާނެކަމަށް ބަލައިގެން ބިރުން އުޅުނު ދުވަސްތައް މަތިންނެވެ.

އޭދަފުށީގެ މަގުތައް މިހާރު މިއޮތީ އެހާލުގައެވެ. ވާރޭކޮޅެއް ވެހިއްޖެ ނަމަ ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދި ބޮޑެތި މަގުތަކުގެ ހާލު، ތާރުނާޅާ އޮތް ކުދި މަގުތަކަށް ވުރެ މާގޯހެވެ. ކާނުތައް ބްލޮކްވެ އޭގެ ބޭނުން ކެނޑިފައެވެ. ބައެއް ގޭގޭގެ ދިޔަދޮވިތަކުން އަންނަ ފެން ގުޅާފައި މިހުންނަނީ ސީދާ މަގުމައްޗަށް ދާގޮތަށެވެ. އެހުރިހާ ފެނެއްވެސް ޖަމާވަނީ ކާނުތައް ބެދިފައި އޮތް މަގުތަކަށެވެ. ބައެއް ކާނުތައް ހުރީ އެ ހަދާފައި ހުރި ފެންވަރު ދަށް ކަމުން އެންމެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހަލާކުވެ އާކުރަން ޖެހިފައެވެ. އެހެން ހުންނަ ކާނު ތަކުގައި ފެންބޮޑުވުމުން ނޭނގި އެރުމުން އެތައް ބަޔަކަށް އަނިޔާ ވެއްޖެ އެވެ. މަގުތައްް ލެވެލް ކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ތަންތަންކޮޅުގައި ވަޅުގަނޑު ހެދިފަ އެވެ.

800 އާ ގާތްކުރާ އަދަދަކަށް ކިޔަވަމުން އަންނަ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިމަތީގައި އޮންނަ ބޮޑުމަގު ގެ މުޅި އެސަރަހައްދު މިދިޔަ ތިން ދުވަހު ބޯކޮށް ވާރޭ ވެހިފައިވާތީ ބެލެނިވެރިން ސްކޫލް ދޮށަށް ގޮސް އައިސް ވުމުގައި އޮތީ ބޮޑު ތަކުލީފެއް އުފުލަން ޖެހިފަ އެވެ. ހިނގާފައި ނުވަތަ ސަވާރީއަކަށް ވެސް ދަތުރު ކުރެވޭ ވަރަށްވުރެ އުދަނގޫ ހާލަތެއްގައެވެ.

ޒަމާނީ ފެންވަރަށް ހެދި މަގުތައް އަނެއްކާވެސް ޒަމާނީ ކުރަން ވެފައި

2015ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި އޭދަފުށީގެ 17މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހަދާ ކަމުގެ ނަންބޯޑު އަޅުވައިގެން ފެށި މަސައްކަތް، އެދައުރު ނިމިގެން ދިޔައިރު އޮތީ ތާރު އެޅުން ފިޔަވައި ހުރިހާ މަސައްކަތެއް ނިންމާފައެވެ. އެ ޕްރޮޖެކްޓް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މި ސަރުކާރުން ހަވާލު ކުރީ ރައްޔިތުންގެ ކުންފުނި، އެމްޓީސީސީ އާއެވެ. 22 އެޕްރީލް 2019 ގައެވެ. ތާރުއެޅުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރަން ޖެހެއެވެ. އެހެންނަމަވެސް އެކުންފުނީގެ ފުރަތަމަ މަސައްކަތަކަށްވީ ޔާމީން ދައުރުގައި ކުރި އެއްވެސް ކަމެއް ކަމުނުދާ ކަމަށް ދައްކަން މިސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. މަގުތަކުގެ ފެންހިންދާ ނިޒާމު ކަމުނުދާކަމަށް ބުނެ މަގު މެދުގައި ޑައިމީޓަރުގައި ހަ އިންޗި ހުންނަ އެސްލޯން ހޮޅިއެއް ވަޅުލައިގެން ފެން ހިންދާ ނިޒާމު ރަނގަޅު ކުރި އެވެ.

މިހާރުވެސް އެމްޓީސީސީން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އަދާހަމަ، ދޭތެރެ ދޭތެރެއިން ނޫސްތައް މެދުވެރިކޮށް ހާމަކުރާ ގޮތަށް އޭދަފުށީ މަގު ހެދުމުގެ ޕްރޮޖެކްޓްވެސް ބާރު ސްޕީޑުގައި ކުރިއަށް ދާކަން އެންގުމަށް މަސައްކަތް ކުރެއްވި އެވެ. މަސައްކަތް ނިމެމުން ދާވަރު، އިންސައްތަ އާއެކު ނޫސް ތަކަށްޚަބަރު ދެމުން ގެންދިޔައެވެ. އެންމެ ފަހުން ކުންފުނީގެ އެމްޑީ. އާދަމް އާޒިމް 15 އެޕްރީލް 2020ގައި ނޫސްތަކަށް އޭދަފުށީގެ މަގުހެދުން ކުރިއަށް ދާގޮތާ ބެހޭ ގޮތުންވިދާޅުވީ މިހެންނެވެ.

”އޭދަފުށީ މަގުތަކުގެ 64 ޕަސެންޓް ނިމިއްޖެ. އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ.“

އެމުއްދަތު ފާއިތުވެގެން ދިޔަތާ މިހާރު ވީދުވަހެއް ވެގެން ދިޔައީއެވެ. ޚަބަރުތަކުން އިވިގެން ފެނިގެން ދިޔައީ އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ހަދާ ނިންމައިފި ކަމަށެވެ. އެކަމަކު އަށް މަސްދުވަހުގެ މުއްދަތުގައި ނިންމަން 2019 ވަނަ އަހަރު އެޕްރީލް މަހު ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކުރި މި މަސައްކަތް ފުރިހަމަ ކުރުމަށް ފަހު ރަށު ކައުންސިލާއި ހަވާލު ނުކުރެ އެވެ. ނުވަތަ ރަށު ކައުންސިލުން ހަވާލެއް ނުވެ އެވެ. އަންނަމަހު އަންނާނެކަމަށް ކިޔާ ލަވައެއްގެ ގޮތަށް އެމްޓީސީން މި ލަވަ ކިޔަމުން އަންނަތާ ދޮޅު އަހަރު ވެގެން ދަނީއެވެ. ރަށުގެ މަގުތައް އޮތީ ތާން ނުދޮންނަ ބާފޮށާގަނޑެއްގެ މިސާލުގައެވެ. ތާރުއަޅައި ނިމި އެކަމަކު މަގުތަކުގައި ދެން ކުރަންޖެހޭ މަސައްކަތްތައް ނުނިމި އެހެން އޮވެ އޭދަފުށީގެ މަގުތައް ހަލާކުވަމުން ދަނީ އެވެ.

މަގުހެދުމުގެ ޕްރޮޖެކްޓް ނިމިއްޖެތަ؟

ނޫނެކެވެ. އެމްޓީސީސީން އޭދަފުށީގައި ތާރު އަޅައިގެން ”ޒަމާނީ ފެންވަރަށް“ ހަދާފައިވާ 18 މަގު ގެ މަސައްކަތް ނިންމައި ރަށު ކައުންސިލާއި އަދި ހަވާލުކޮށްފައިނުވާ ކަމަށް ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވި އެވެ. އެކަންކަން ނިންމައި ދިނުމަށް މިދިޔަ ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި އެތައް ފަހަރަކު އެމްޓީސީގައި އެދިފައިވާނޭ ކަމަށް ފާތިހު ވިދާޅުވި އެވެ.

ޒިންމާވާނީ ކާކު؟އެމްޓީސީސީ ތަ، ރަށު ކައުންސިލު ތަ؟

އޭދަފުށީ ކައުންސިލުގެ ޖަވާބަކީ އޭދަފުށީގެ މަގުތައް މި ހާލަތުގައި އޮތުމުގެ ޒިންމާ ނަގަން ޖެހެނީ އެމްޓީސީސން ކަމުގައެވެ. ސަބަބުވެސް ވިދާޅުވިއެވެ.

”އެބޭފުޅުން ފުރިހަމަކުރަން ޖެހޭ 24 ކަމެއް ފުރިހަމަ ނުކޮށް އެބައޮތް. އޭގެ ތެރޭގައި ބައެއް ކާނުތައް ނުކަނޑާ ހުރުމާ ބަދަލު ކުރަންޖެހޭ ކާނުތަކާއި، މަގުބައްތިތައް ޖެހުމުގެ މަސައްކަތް ފަދަ ކަންތައްތަކެއް ނުނިމި ހުރީ. އެހެންވެ އަޅުގަނޑުމެންނަށް މަގުތަކާ ހަވާލު ނުވެވޭނެ. ވޭތުވެދިޔަ ދޮޅު އަހަރެއްހައި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް މިދަނީ އެކަންކަން ނިންމަން ހަނދާން ކޮށްދެމުން. އަންނަ މަހު އަންނާނެ ކަމަށް ނިކަން ފަސޭހައިން ވިދާޅުވާނެ. އެކަމަކު އެމަހެއް ނައި.“ރައީސް ފާތިހު ވިދާޅުވި އެވެ.

ފާތިހު ވިދާޅުވީ މިރަށުގައި ވަރަސް ފަހުން އޮތް ކުޑަކުދިންގެ ހަވީރެއް ހުޅުވުމުގެ ރަސްމިއްޔާތަށް އެމްޓީސީސީ ގެ އެމްޑީ. އާޒިމް ވަޑައިގަތުމުން އެމްޑީ.ގެ ސަމާލު ކަމަށް މިކަން ގެނެސްފައިވާނެ ކަމަށެވެ. އާޒިމް ވިދާޅުވިކަމަށް ވަނީ އެބޭފުޅުންގެ ބިޒީކަމުންނާއި މަސައްކަތްތައް ހުންނަ ގޮތުން މިކަމަށް އަދި ވަގުތު ނުދެވެނީ ކަމުގަ އެވެ.

އެޖަވާބު އާޒިމަކަށް ނުދެއްވޭނެ އެވެ. އެބޭފުޅުންގެ ބިޒީވުމަކީ އޭދަފުށީގެ މަގުތައް ނުނިމުމުގެ ސަބަބަކަށް ވެގެން ނުވާނެ އެވެ. އެއީ ބޮޑު ޖޯކެކެވެ. އެ ވިދާޅުވާ ބަހުގެ މާނައަކީ އެންމެ އާދައިގެ ގޮތަކަށް ބުނާނަމަ ޒިންމާއިން ރެކުމެވެ. ނޫނީ ފަރުވާކުޑަ ކަމެވެ. އެމްޓީސީސީ އަކީ ކިތަންމެ ބާރަށް ދުވާ އޮޑިއެއްކަމަށް އެބޭފުޅުން ދައްކަން އުޅުނަސް މި ޕްރޮޖެކްޓަކުން އެކަމެއް ނުދެއްކުނެވެ.

”ކާނުތައް އެހެރީ ބެދިފައި. ބައެއްކާނުތައް ހަލާކުވެފައި. އޭދަފުށީ ކައުންސިލަކު ނެތް އެތަކެތި ނަގައިގެން ސާފުކުރެވޭނެ ނުވަތަ ބަދަލުކުރަން ބޭނުންވާ އާލާތެއް. އެފަދަ އާލާތްތައް ހުރި ބައެއް ގޭގެ ކުރިމަތީގައި ފެންބޮޑުވާތީ އެމީހުން އަމިއްލައަށް ކާނުތައް ސާފު ކުރަމުން ގެންދޭ. އެވެސް މަދު ބައެއް. އެކަމަކު އަޅުގަނޑުމެންނަކަށް (ރަށު ކައުންސިލަކަށް) ނެތެއް ނޫންތޯ މިކަން ކުރެވޭކަށް.“ފާތިހު ސުވާލު އުފެއްދެވި އެވެ.

ފާތިހު ވިދާޅުވީ މިކަން އަވަސް ކޮށްދިނުމަށް އެމްޓީސީސީއަށް އެންމެ ފަހުން ގުޅިތާ އަދި ހަފްތާ އެއްވެސް ނުވާނެ ކަމަށެވެ.

”ސަބް ސްޓޭޝަން ތަކުގެ ތަޅުދަނޑި އޮތީ އެމްޓީސީސީ އަތުގަ.“ މި އިބާރާތުން ފާތިހުގެ ވާހަކަ ނިންމަވައިލެއްވި އެވެ.

އެކަމަކު މިއީ ރައީސް ފާތިހުއަށް ވިދާޅުވެވޭނެ ވާހަކަ އެއް ނޫނެވެ. އެތަޅުދަނޑި ހޯއްދަވަން ފާތިހު، ގޮނޑީގައި އިންނަވައިގެން ކުރައްވާ ފޯނު ކޯލް ތަކަކުން އެކަނި ނުފުދެ އެވެ. އެއަށްވުރެ ދުރަށް ވަޑައިގަންނަވަން ޖެހެ އެވެ. މިދައްކަނީ ތިންހާހަށް ވުރެ ބޮޑު އާބާދިއެއް އޮތް ރަށެއްގެ މުޅި ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައެއްގެ ވާހަކައެވެ. މަގުތަކުގައި ފެންބޮޑުވެ ހާދިސާއެއް ނުވަތަ ކާރިސާ އެއް މެދުވެރި ވެއްޖެ ހާލަތެއްގައި ރައްޔިތުން ދުއްވައިގަންނާނީ އެމްޓީސީ ފަހަތަކުން ނޫނެވެ. ރަށު ކައުންސިލާ ދިމާއަށެވެ. މިކަމުގައި އިތުރަށް ކައުންސިލަށް ކުރެވޭނެ ކަމެއް ނެތޭ ބުނެ ފުއްދާލުމަކީ މި ޒަމާނާ ނުގުޅޭ މާކުރީގެ ޓެމްޕްލޭޓެކެވެ. މަސްއޫލިއްޔަތުން ރެކުމަށް ދައްކާ ބަހަނާއެކެވެ.

ރައްޔިތުންނަށް ގޮތް ހޯދައިދިނުމަކީ އެމްޓީސީސީއާބެހޭ ކަމެއް ނޫނެވެ. ރަށު ކައުންސިލުގެ ޒިންމާއެކެެވެ. މަސްއޫލިއްޔަތެކެވެ. ރައްޔިތުން ރަށު ކައުންސިލަށް ތިޔަބޭފުޅުން ހޮއްވެވީ މި ޝަރުތާ އެކުގައެވެ.

މިކަން ހަނދާން ކުރައްވާށެވެ. ރަށްރަށުގެ މަގުތައް ހެދުމާއި މަގުތަކަކީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެއްދެވުމަކީ ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ރަށު ކައުންސިލުގެ ޒިންމާއެކެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު