ރޯގާގެ ހާލަތު ކުރިއަށްވުރެ ރަނގަޅު : އެޗްޕީއޭ

17156232_790461821107795_8045362563168843029_n.jpg

ބ. އަތޮޅު ހޮސްފިޓަލްގެ ޕަބްލިކް ހެލްތުގެ ޔުނިޓްގެ މުވައްޒަފުންތަކެއް ކަމާބެހޭ ލިޔެކިއުންތަކެއް ބަލަނީ. ރޯގާގެ ހާލަތު ރަނގަޅުވަމުން އަންނަކަމަށް އެޗްޕީއޭއިން ބުނޭ / ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ސްވައިން ފުލޫ ރޯގާ އާއި އަރިދަފުސް ރޯގާގެ ހާލަތު މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެ ކޮންޓްރޯލްވެފައިވާ ކަމަށް (ހެލްތް ޕްރޮޓެކްޝަން އެޖެންސީ ) އެޗްޕީއޭއިން ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ކުރު ނޫސް ބަޔާނެއްގައި މިއަދު ބުނެފައި ވަނީ ރޯގާގެ ހާލަތު ރަނގަޅުވެފައި ވީނަމަވެސް ރޯގާ އާ ގުޅިގެން ޚާއްސަ ކެޓަގަރީތަކަށް އަމާޒުކޮށްގެން ދޭ އިންފުލުއެންޒާ ވެކްސިން ދިނުން އަދިވެސް ކުރިޔަށްގެންދާނެ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަރިދަފުހާއި އިންފުލުއެންޒާ ފަދަ ބަލިތަކަކީ ފަސޭހައިން ފެތުރޭ ބަލިތަކަކަށްވާތީ މި ބަލިތައް ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން އެއްވެ އުޅުން މަދު ކުރުމަށާއި ބަލިން ރައްކާތެރިވުމަށާއި އާންމު ސާފުތާހިރު ކަމަށް ދީފައިވާ އިރުޝާދުތަކަކީ ބަލި ފެތުރުން ދަށްވި މުހިންމު ސަބަބުތައް ކަމަށެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވާއިރު ވޭތުވެ ދިޔަ ދެދުވަހު އިތުރު 23 މީހުން އެޗް1އެން1 އަށް ޕޮސިޓިވްވި ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ. އެހެންނަމަވެސް އެޗްޕީއޭ އިން ބުނެފައިވަނީ އެއީ އާންމު ހާލަތެއް ކަމަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ، މައިމޫނާ އަބޫބަކުރު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތީ މީހުންނަށް އެއްވެ އުޅެވޭ ވަރުގެ އާންމު ހާލަތެއް ކަމަށެވެ. އަދި އެޗް1އެން1 އަށް ޕޮސިޓިވް ވާ މީހުންގެ އަދަދު އިތުރު ވުމަކީ ބަލި ކޮންޓްރޯލް ނުވުން ނޫން ކަމަށް މައިމޫނާ ވިދާޅުވި އެވެ.

” ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުކަމަށް ފާހަގަކުރެވެނީ. އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް މަދު. އެހެންވީމަ މިއީ އާންމު ހާލަތެކޭ ބުނެވިދާނެ. އެއްވެ އުޅޭ ތަންތަނަށް ނުކުތުމަކީ މައްސަލައެއް ނޫން. އެކަމަކު ރޯގާ ޖެހިއްޖެ ނަމަ ގޭގައި މަޑުކުރުން ރަނގަޅީ” މައިމޫނާ ވިދާޅުވި އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ވޭތުވެ ދިޔަ ދެދުވަހު އަރިދަފުސް ރޯގާ ޖެހިގެން 1154 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަދި އޭގެ ތެރެއިން 73 މީހަކު ޓެސްޓްކުރި އިރު 23 މީހަކު ވަނީ އެޗް1އެން1 އަށް ޕޮސިޓިވް ވެފަ އެވެ.

މިހާރު އެޑްމިޓްކޮށްގެން 20 މީހަކަށް ފަރުވާ ދެމުން ދާއިރު، ފަރުވާ ހޯދުމަށް ފަހު ވޭތުވެ 48 ގަޑިއިރު ތެރޭގައި ވަނީ 10 މީހަކު ދޫކޮށްލާފަ އެވެ.

ސްވައިން ފުލޫޖެހިގެން ރާއްޖެއިން ހަ މީހަކު މިހާތަނަށް މަރުވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top