ކޮޕީ ގަސްތަކާ، ތަކެތި ނެގުމަށް އިތުރު އެއްމަސްދީފި

kopee-800x450-800x450.jpg

އޭދަފުށީ މަގެއްގައި އެއްފަރާތުގައި ހައްދާފައިވާ ކޮޕީގަސްތަކެއް. މިފަދަ ތަކެތި ނެގުމަށް ކައުންސިލުން ދިން މުއްދަތު ވަނީ އަނެއްކާވެސް އިތުރުކޮށްފައި / ފޮޓޯ: އޭދަފުށީ ވޮއިސް

އޭދަފުށީގެ މަގުތަކުގައި ގަވާއިދާ ހިލާފަށް އިންދާފައިވާ ގަސްގަހާގެއްސާއި، ބަހައްޓާފައިވާ ތަކެތި ނެގުމަށް އޭދަފުށީ ކައުންސިލުން ދިން މުހުލަތު 1 މަސްދުވަހުގެ މުއްދަތަށް އިތުރުކޮށްދީފިއެވެ.

ޖުލައި މަހު 10 ވަނަ ދުވަހު ކައުންސިލުން ކޮށްފައިވާ އިޢްލާނުގައިވާގޮތުން ގަވާއިދާ ހިލާފަށް އޭދަފުށީ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި މިމަހުގެ 10 ވަނަދުވަހުގެ ކުރިން ނަގަންޖެހެއެވެ. ނަމަވެސް މިއަދު އޭދަފުށީ ކައުންސިލުން ބުނީ ތަކެތި ނެގުމަށް ދިން މުއްދަތު އަންނަ މަހުގެ 10 އާ ހަމައަށް މިހާރު އިތުރު ކޮށްފައިވާކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ތަކެތި ނެގުމަށް އިތުރު ފުރުސަތު ދިނީ ބައެއް އާންމުން އެކަމަށް އެދެމުންދިއުމާއި، ކައުންސިލުންވެސް މިކަމާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑު އީދަށްފަހު މަގުތައް އަމާންކުރުމަށް ރައްޔިތުންނާ ގުޅިގެން ހާއްސަ ޕްރޮޤްރާމެއް ހިންގާނެކަމަށެވެ

މަގުތަކާ އާންމު ސަރަހައްދުތަކުގައި ތަކެތި ބެހެއްޓުން އާންމުވުމާއެކު، އެތަކެތި ނެގުމަށް މުއްދަތުދީ މިފަދަ އިޢްލާންތައް ކައުންސިލްގެ ކުރީ ދައުރުތަކުގައިވެސް ދޭތެރެދޭތެރެއިން ކޮށްފައިވެއެވެ. ނަމަވެސް މިކަމަށް އަމަލީ ސިފައެއް އަންނަނީ މަދުފަހަރަކުއެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް ހައްވާ ސަމީހާ މިދިޔަ މަހު އީވީއަށް ވިދާޅުވީ މިއީ މީގެ 3 އަހަރުކުރިން އެކައުންސިލުން އާންމުކޮށްފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނެރެފައިވާ އިޢްލާނެއްކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކާ، އާންމު ތަންތަނަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަންތަންކަމުގައި ހެދުމަކީ އެކައުންސިލްގެ ޒިންމާއެއްކަމަށެވެ. އަދި އެންގިފައިވާ ގޮތަށް ގަވާއިދު ތަންފީޒުކުރާނެކަމަށްވެސް ހައްވަ ވިދާޅުވިއެވެ.

ކައުންސިލުން ބުނީ މަގުމަގުގައި ހައްދާފައިވާ ކޮޕީ ގަސްގަހުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި އާންމުންނަށް ހިނގާބިނގާވެ އުޅުމަށާއި، ދުއްވާ ތަކެއްޗަށް އުނދަގޫތައް ކުރިމަތިވާކަމަށެވެ. އަދި ހުއްދަނުނަގައި ޤަވާއިދާ ޚިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން ބައެއް މަގުމަގު ދުއްވާ އެއްޗިއްސަށް ބަންދުވެފައިވާކަމަށެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުށީގެ މަގުތަކުގައި އާންމުންގެ ބޭނުންތަކަށް ގަސްގަސް ހެއްދުމާއި، އަމިއްލަ ތަކެތި ބެހެއްޓުމަކީ ފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ. އެގޮތުން ޖޯލިފައްޗާއި، ވީލްބަރޯއާއި، ގެދޮރު އިމާރާތްކުރާ ސާމާނު ފަދަ ތަކެއްޗާއި، ކޮޕީ ފަތްގަހަކީ މަގުތަކުގައި އާންމުކޮށް ފެންނަން ހުންނަ ތަކެއްޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top