ކުރުވާހަކަ : ވަރި

mar1-1.jpg

 

ގެއަށް ދިޔައިރު އަންހެނުން ހުރީ އެހެން ރޭރެއެކޭވެސް އެއްފަދައިން ރޭގަނޑުގެ ކެއުން ތައްޔާރު ކޮށްފައެވެ. ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ކައިރީގައި ހުރި އަނބިމީހާގެ ސަމާލުކަން ހޯދުމުގެ ގޮތުން އަތުގައި ހިފާލާފައި ބުނީމެވެ.

“އަހަރެން އެބައޮތް މުހިއްމު ވާހަކައެއް ބުނަން ވެފަ. “

އޭނާ އިށީދެއްޖެއެވެ. މަޑުމަޑުން ކެއުން ކުރިއަށް ގެންދަން ފެށިއެވެ.

އަހަންނާ އަންހެނުންނާ ދެމެދު އޮތް ގުޅުން މިހާރަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ. އެހެންވީމާ އަހަރެންގެ މުހިއްމު ވާހަކަ އޭނާއަށް އާ ވާހަކައަކަށް ނުވެ ހިނގައިދާނެއެވެ. އެެހެން ވިޔަސް އަހަރެން އެހެން ބުނުމުން އަންހެނުންނަށް އަންނަމުން ދިޔަ ބަދަލުތަކަށް ބަލާލިއިރު ދެލޮލުން ވޭނެއްގެ އަސަރުތައް ފެންނަން ހުއްޓެވެ. އެހެންވީމާ އިތުރުވާހަކައެއް ދެއްކުމުގެ ހިތްވަރެއް އެ ވަގުތު އަހަންނަކަށް ނުލިބުނެވެ.

އިރުކޮޅެއްގެ ފަހުން ބުނެފީމެވެ. ” އަހަރެން ބޭނުންވަނީ ކަލޭ ވަރިކުރަން . ”  މި ލަފްޒުުން އޭނާއަށް އިތުރު ތަދެއް އިހްސާސްވީކަމެއް ނޭގުނެވެ. ނުވަތަ އާދަޔާ ޚިލާފު ބަދަލެއް އައިކަމެއް ވެސް މޫނަކުން ފާޅެއް ނުވިއެވެ. އޭނާ މަޑުމަޑުން ބުނެލިއެެވެ.  ” އެކަމަކު….. އެއީކީއްވެ؟ ސަބަބަކީ ކޮބާ ؟ “

އެރެއަކު ދެން އިތުރު ވާހަކައެއް ނުދައްކަމެވެ. އަންހެނުން ގިނައިރުތަކެއް ރުއިމުގައި ހޭދަކުރިއެވެ. އޭނާ ބޭނުންވީ އަހަންނަށް ވެގެން އުޅޭ ގޮތް ރަނގަޅަށް ސާފުކުރާށެވެ.

އެއީ އަހަރެމެންގެ ދިހަ އަހަރުގެ ކައިވެނީގެ ގުޅުމަށް ބަދަލުތަކެއް އައި ދުވަސް ވަރެވެ. އެކަމުގެ އަސްލު ސަބަބަކީ ކޮބައިކަމެއް އަހަންނަކަށްވެސް ނޭގެއެވެ. އެކަމަކު އަހަރެންގެ ހިތުން އަނބިމީހާގެ ހަނދާންތަކާއި ލޯބިވެތިކަން ގެއްލިއްޖެކަމާއި އެއީ ޖައުނާ ކިޔާ އަންހެނަކު އަހަރެންގެ ހިތަށް ބާރު ފޯރުވަނީ ކަމުގެ އިހްސާސް ކުރެވެމުން ދެއެވެ.  މިހާރު އަނބިމީހާދެކެ އެހާ ލޯބިނުވަނީ އެއީ ކަމަށް ވެދާނެއެވެ. އެކަމަކު އޭނާއަކީ އަހަރެންގެ ދިރިއުޅުމުގައި މުހިއްމު ބައިވެރިއެކެވެ. އަދި އަހަރެންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅުގެ މަންމަކަމަށްވާތީ ގަދަރާއި އިހްތިރާމް ދޭން ޖެހެއެވެ.

ވަރިއާ ބެހޭ އެގްރިމެންޓް ލިޔެ ގޭތެރޭގައި އޭނާއަށް ފެންނާނޭހެން ބޭއްވީމެވެ. އޭގައި އަހަރެންމެންގެ ކާރާއެކު ވިޔަފާރީގެ %30 އޭނާއަށް ދޭގޮތަށް ލިޔެފައި އޮންނާނެއެވެ.

އެ އެގްރިމެންޓް ބެލުމަށް ފަހު އޭނާ ތަޅުންގަނޑަށް އެއްލައިލީއެވެ.

ދެމީހުން ދެމަފިރިންގެ ގޮތުގައި ދިހަ އަހަރު އެކުގައި ހޭދަކުރުމަށްފަހު މިހާރު މި ނިންމީ ދެ ބީރައްޓެހިންނަށް ވާށެވެ. އެހަނދާންތަކާއި، އެކުގައި އުޅުނު ދުވަސްތަކުގެ ހަނދާންތައް އަބަދުވެސް އަހަންނާއެކު ވާނެކަން އެނގެއެވެ. އެހެންވިޔަސް އަހަންނަށް ޖައުނާ ދެކެ ލޯބި ވެވިއްޖެއެވެ. ވަރިކުރުމަކި މިހާރު މުޅިން ނިމިފައިވާ ކަމަކަށް ވާތީ އެކަމެއް ދެން ބަދަލު ނުކުރެވޭނެއެވެ.

އަނެއް ދުވަހުގެ ރޭ ގެއަށް އައިސް ރޭގަނޑު ނުވެސް ކައި އަހަރެން ދިޔައީ ނިދަން އޮށޯންނާށެވެ. ޖައުނާއާ އެކު މުޅިދުވަސް ހޭދަކުރުމުން ހުރީ ވަރަށް ވަރުބަލި ވެފައެވެ.

ހެނދުނު ހޭލިއިރުވެސް އަންހެނުން މޭޒުކައިރީގައި އިނދެގެން ކޮންމެވެސް އެއްޗެއް ލިޔަމުން ގެންދަނީއެވެ. އެކަމަާ އަޅައެއް ނުލަމެވެ. އަނެއްފަރާތަށް އެނބުރި އަނެއްކާވެސް ނިދި ފުރިހަމަ ކުރެވޭތޯ ބެލީއެވެ.

ހެނދުނު ، އަހަރެން ބޭރަށް ދިއުމުގެ ކުރިން އަންހެނުން އައިސް ވަރިއާބެހެ ގޮތުން އޭނާ ހުށައަޅާ ޝަރުތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ފެށިއެވެ. އަހަރެންގެ އަތުން އެކައްޗެއް ވެސް އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު ވަރި ކުރުމުގެ ކުރިން އެއްމަސް ދުވަހުގެ ނޯޓިސް އެއް ބޭނުން ވާނެކަމަށް ބުންޏެވެ. އަދި އެއް މަސްދުވަސް ފުރިހަމަ ވަންދެން އަހަރެމެން އެއް ގެއެއްގައި އުޅުމަށް އެދުނެވެ. އެކަމަށް އަންހެނުން ދެއްކި ސަބަބަކީ ދަރިފުޅުގެ މި މަސްދުވަހަކީ ޓެސްޓް ދުވަސްވަރުކަމަށް ވެފައި ދެމީހުން ވަރިވުމުން އެކަމުގެ ނޭދެވޭ އަސަރު ދަރިފުޅަށް ކުރަން ބޭނުން ނުވާތީއެވެ.

އަހަރެން އެއްބަސް ވީމެވެ. އެކަމަކު އަނެއްކާވެސް އިތުރު އެދުމެއް ހުށަހަޅައިފިއެވެ. އޭނާ ބޭނުންވީ އަހަރެމެންގެ ކައިވެނީގެ ރޭ އޭނާ އުރާލައިގެން ކޮޓަރިއަށް ވެއްދިގޮތަށް  މިރޭ އޭނާ ކޮޓަރިއަށް ވެއްދުމަށެވެ. އަދި މިކަން މެދު ނުކެނޑި އެއްމަސްދުވަސް ވަންދެން ކުރިއަށް ގެންދިއުމަށެވެ.

އަހަރެން ހިތަށް އެރިއެވެ. އަންހެނުން މޮޔަވީބާއެވެ.  އެކަމަކު އަނބިމީހާގެ އެންމެފަހުގެ އެދުންވެސް ގަބޫލު ކޮށްފީމެވެ.

ވަރީގެ އެގްރިމެންޓް ލިޔެފައި އޮތް ނަމަވެސް އޭގައި އަހަރެމެން އެކަކު އަނެކަކާ ކައިރި ނުވެވޭނެ ކަމަށާއި އަތް ނުލެވޭނެ ކަން ލިޔެފައެއް ނޯންނާނެއެވެ. އެހެންވީމާ ފުރަތަމަ ދުވަހު އަހަރެން އޭނާ އުރާލައިގެން ކޮޓަރީގެ ދޮރާ ހަމައަށް ގެންދިޔައީމެވެ. އެވަގުތު ދެމީހުންނަށް ވެސް ކުރެވުނީ ނުބައި އިހްސާސެކެވެ. އަހަރެމެންގެ ދަރިފުޅު ފަހަތުން އަތްތިލަބަޑި ޖަހަމުން އައިސް ބުނެފިއެވެ. “ބައްޕަ މިއަދު މަންމަ އަތްދަނޑިމައްޗަށް ލައިގެން އުރާލައިފިއެވެ. ބައްޕަ މިއަދު މަންމަ އުފުލާލައިގެން އެގެންދަނީ ބައްޕަގެ އަތްދަނޑި މަތީގައެވެ. ” އޭނާގެ މިވާހަކަތަކުން ފުން އަސަރުތަކެއް ކުރަމުން ދިޔައެވެ.

އަންހެނުން އަހަރެންގެ އަތްދަނޑިމައްޗަށް ލައިގެން 10 މީޓަރަށް ހިނގައިފީމެވެ. އޭނާ ދެލޯމަރައިގެން އޮވެ މަޑުމަޑުން ބުނެލިއެވެ. “އަހަރެމެންގެ ވަރީގެ ވާހަކަ ދަރިފުޅު ގާތު ނުބުނައްޗެވެ. “

އަހަރެން އެނބުރި މަސައްކަތަށް ހިނގައްޖައީމެވެ.

މިއަދުވެސް އޭނާ އަހަރެންގެ އަތްދަނޑިމަތީގައި ބާއްވައިގެން ހިނގަން ފަށައިފީމެވެ. އަނބިމީހާގެ ބްލައުޒުން ދުވާ މީރުވަހުން ހިތްހަމަޖެހުމާއި އަރާމު ލިބެމުން ދިޔައެވެ. އެތަކެއް ހަނދާންތަކަކާއެކު މާޒީގެ ދުވަސްތައް ފެންނަމުން ދާހެން ހީވިއެވެ. މި އިހްސާސް ކިހާ ތަފާތު ހެއްޔެވެ. އަހަންނަށް އެނގިގެން ދިޔައީ މިވީހާ ދުވަހު އޭނާއާ ދިމާލަށް ރަނގަޅަށް ބަލާނުލެވޭ ކަމެވެ. ފަރުވާތެރިކަމާއެކު އެމޫނަށް ބަލާލީމެވެ. މިއަދު އެމޫނުމަތީގައި ކުރިން ހުރި ދޮންކަމާއި ތާޒާކަމެއްނެތެވެ. ޒުވާންކަން ފަސްދީ ދަނީއެވެ.  ކުދި ރޫތަކުން މޫނު މޯޅި ވަމުން އެބަދެއެވެ. ކަޅު އިސްތަށިގަނޑުގެ އެތެރެއިން ނުރަތައް ބޯދިއްކުރަނީއެވެ.

އަހަރެމެންގެ ދެމެދު އޮތް ވަރުގަދަ ގުޅުމާއި ކައިވެންޏަށް ގެއްލުން ދިން ސަބަބަކީ މިއީ ކަމުގައި ނޯޓިސް ކުރެވުނެވެ. އެކަމަކު މިއީ ކޮންމެ މީހަކަށްވެސް އަންނާނޭ ދުވަހެކެވެ. އިރުކޮޅެއްގެ ފަހުން އަންހެނުންގާތު އަހާފާނަމޭ ހިތަށް އެރިއެވެ. ” އަހަންނަށް މި ކުރެވުނީ ކީއް ހެއްޔެވެ؟

ހަތަރުވަނަ ދުވަހު މިގޮތަށް އޭނާ ނަގައިގެން ދިޔަ އިރު އޭނާއާމެދު ގަޔާވާކަހަލަ ލޯބިވެތިކަމެއް އިހްސާސް ކުރެވިއްޖެއެވެ. މިއީ 10 އަހަރު ވަންދެން އަންހެނެއްގެ މުޅި ދިރިއުޅުން އަހަންނާއެކު ހޭދަކުރުމުން އުފެދުނު ޖަޒްބާ އެއްކަމަށް ވެދާނެއެވެ.

ފަސްވަނަ އަދި ހަވަނަ ދުވަހު ވެސް އަހަރެންގެ މަސައްކަތް ފުރިހަމަކޮށްފީމެވެ. އެކަމަކު ވާހަކައެއް ނުދައްކަމެވެ.

ކޮންމެ ދުވަހަކު އަނބިމީހާ މި ގޮތަށް އަތްދަނޑިމަތީގައި ބާއްވައިގެން ކޮޓަރިއާ ހަމައަށް ގެންދިއުން އުފަލަކަށް ވާން ފަށައިފިއެވެ. އެގޮތުގައި މަސްދުވަސް ވޭތުވަމުން ދެއެވެ. އެއާއެކު އަނބިމީހާގެ ސިއްހަތާ ހަށިގަނޑުވެސް ދުވަހުން ދުވަހަށް ނިކަމެތިވަމުން ދާކަން އަހަންނަށް އެނގެން ފަށައިފިއެވެ.

އެއްދުވަހު ހެނދުނު އޭނާ ފެނުނީ މިކަހަލަ ގޮތަކަށެވެ. ވަރަށް ގިނަ ހެދުން ގަޔަށް ހެޔޮވަރުވޭތޯ ބެލިއެވެ. އެއީ މީގެ ކުރިން ލައި އުޅުނު  ހެޔޮވަރު ހެދުން ތަކެއް ކަމުގައިވިޔަސް މިއަދު އެހެދުންތައް އޭނާގެ ސައިޒަށްވުރެ ބޮޑުވީއެވެ. ހަމަކުއްލިއަކަށް އަހަރެންނަށް އެނގުނީ  އަންހެނުން ވަރަށް ބޮޑަށް ހިކެމުން އަންނަކަމުގައެވެ. އޭނާގެ ރީތި ސިފަވެސް ގެއްލި ދަނީއެވެ. އެއީ އަހަރެންގެ ސަބަބުން ކަމުގައި ހިތަށް އެރުމާއެކު ނޭގޭ ތަދެއް ހަށިގަނޑުގައި ދައުރުވަމުން ދިޔައެވެ.

އެއްވެސް އެއްޗެއް ނުވިސްނި ހުއްޓާ އަންހެނުން އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ދަރިފުޅު އައިސް ކޮޓަރިއަށް ވަންނަނީއެވެ. އޭނާ ބުންޏެވެ. “ބައްޕާއެވެ. މިއީ މަންމަ އުރާލައިގެން ކޮޓަރީގެ ދޮރާ ހަމައަށް އަށް ގެންދާ ގަޑި .” ދަރިފުޅަށް އޭނާގެ މަންމަ ކޮންމެ ދުވަހަކު އަހަރެންގެ ދެއަތުގެ ތެރޭގައި އޮވެގެން ކޮޓަރީގެ ދޮރާހަމައަށް ގެންދާތަން ފެންނާތީ އެހެން ބުނީއެވެ. އެކަން ހިމެނިގެންދާނީ ދަރިފުޅުގެ ދިރިއުޅުމުގެ އެންމެ އަސާސީ ކަމެއްގެ ގޮތުގައެވެ. އަހަރެންގެ އަންހެނުން ދަރިފުޅުގެނެސް ބޮނޑިކޮށްލާފައި ބައްދާލިއެވެ. އަހަރެންގެ މޫނު އަނެއްފަރާތަށް އަނބުރާލީމެވެ. ލަދުންނެވެ.

ވަރިކުރުމާމެދު ވިސްނުނީތީވެ ބިރުގަންނަން ފަށައިފިއެވެ. އަދި އަންހެނުން އަތްދަނޑިމަތީގައި ބާއްވައިގެން މިއަދުވެސް ދޮރާ ހަމައަށް ގެންގޮސްފީމެވެ. ކައިވެނީގެ އެންމެ ކުރީ ދުވަސް ފަދައިންނެވެ.

އޭނާގެ އަތް އަހަރެންގެ ކަރުގައި ހާރެއްހެން ވަށާލައިގެން އޮތްއިރު އޭނާ އެވަނީ އަހަރެންގެ ހިމާޔަތާ ލޯތްބަށް އެދިއެދިއެވެ. އޭނާގެ ދުނިޔެއަކީ މިއީއެވެ. އަހަރެން ބަލާލީމެވެ. އޭނާއޮތީ ދެލޯމަރާލައިގެންނެވެ. އަހަރެންގެ ވަރުގަދަ ދެއަތުގެ ތެރޭގައި އޭނާގެ މުޅި ހަށިގަނޑު އަހަންނާ ހަވާލުކޮށްގެން ކައިވެނީގެ ފުރަތަމަ ރޭ ފަދައިންނެވެ. މަޑުމަޑުން އަހަރެންގެ ދެއަތްގެނެސް އެހަށިގަނޑު ފިއްތާލީމެވެ. ލޯތްބާއެކު ބައްދާލީމެވެ. އޭނާ ހަރަކާތެއް ނުކުރެއެވެ. އަހަރެން ބުނީމެވެ.

އަހަރެމެންނަށް ޕްރައިވެސީއެއް ނެތްކަމުގެ އިހްސާސެއް ނުކުރެވެއެވެ. ދަރިފުޅުވީ ސްކޫލް ގައެވެ.

އޮފީހުންއައިގޮތަށް ކާރު ދޫކޮށްލާފައި އަހަރެން މައްޗަށް އެރީ ކާރުގެ ދޮރުތައްވެސް ނުލައްޕައެވެ. ސިޑިން އަރަމުން ދަނިކޮށް ކޮޓަރީގެ ދޮރު ޖައުނާ ހުޅުވާލައިފިއެވެ. އަހަރެން ހަމަ ވަގުތުން ބުނީމެވެ. “އަހަންނަށް ވަރަށް ބޮޑަށް މާފްކުރޭ !އަހަރެން ، އަހަރެންގެ އަނބިމީހާ ވަރިކުރާކަށް ބޭނުމެއް ނޫން.”

ޖައުނާ އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭނާ އެއްޗެކޭ ބުނަން އުޅެނިކޮށް އެއަށްވުރެ ކުރިން އަހަރެން ބުނީމެވެ. ” އަހަރެމެން ދެމަފިރިން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ. އަހަރެމެންގެ ހުރިހާ އެއްޗެއްވަނީ އެކަކު އަނެކަކާ ގުޅިފައި. ދިރިއުޅުމުގެ އަގަކި ކޮބައިކަމެއް އޭނާ ކޮންމެ ދުވަހު ކޮޓަރިއާ ހަމައަށް އުފުލުމުގެ ކުރިއަކުން ނޭގޭ.  އަހަންނަށް އަހަރެމެންގެ ދިރިއުޅުމުގެ އަގު ކުރަން ނޭގުނީ. އެކަމަކު މި ދިރިއުޅުމަކީ ވަރަށް އަގުބޮޑު  އޭގެ އަގު އަނބިމީހާ އަށް ދޭން ނުލިބޭހާ ވަރުގެ އަގުބޮޑު ދިރިއުޅުމެއް.

ޖައުނާ ޖަވާބެއް ނުދީ ދޮރު ލައްޕައިފިއެވެ.

އަހަރެން ދިޔައީ އަންހެނުންނަށް ދޭން މާބޮނޑިއެއް ގަންނާށެވެ. މާބޮނޑިއާއެކު ގަތް ކާޑުގައި ލިޔާނެ ބަސްކޮޅަކާ ބެހޭ ގޮތުން  މާބޮނޑި ވިއްކި ކުއްޖާ އެހިއެވެ.  

އަހަރެން ބުނީމެވެ. އަހަރެން މަރުވަންދެން ކޮންމެ ދުވަހަކު ހެނދުނު މިގޮތަށް ކަލާ އުފުލަމުން ގެންދާނަން ކަމުގައި ލިޔާށެވެ.  

މާބޮނޑި ހިފައިގެން ވަރަށް އުފަލުން ހުރެ ހަރުފަތްތަކުން މައްޗަށް އަރައިގެން ހިގައްޖައީމެވެ. އެހެންނަމަވެސް މިފަހަރު އަހަންނަށް ފެނުނީ އަންހެނުންގެ ފުރާނަ ނެތް މަސްގަނޑެވެ.  

އަހަރެންގެ އަންހެނުން ކެންސަރާ ހަނގުރާމަކޮށްގެން ބަލިވީއެވެ. އެކަމަކު އަހަރެން ބިޒީވެފައިހުރީ ޖައުން އާއެކު ވަގުތުތައް ހޭދަކުރުމުގައެވެ. އެހެންވީމާ މިކަން ވިސްނައި ނުގަނެވުނީއެވެ. ނުވަތަ ފަރުވާ ކުޑަކުރެވުނީއެވެ. އެއްމަސްދުވަހުގެ ވަރީގެ ނޯޓިސްއަކަސް އޭނާ އެދުނީ ކެންސަރުބަލީގައި އެންމެ ގިނަ ވެގެންވެސް އޮވެވޭނީ އެއްމަސް ދުވަސްވަންދެން ކަމަށް ޑޮކްޓަރ ބުނެފައިވާތީއެވެ. ހަމައެއާއެކު ވަރީގެ ސަބަބުން މި ކުރުމުއްދަތުގައިވެސް އަހަރެމެންގެ ފިރިހެން ދަރިފުޅަށް ނުބައި ހަނދާންތަކެއް ނުކުރުވުމުގެ ގޮތުންނެވެ. 

މިހާރު ދަރިފުޅަށް އެންމެ ފަހު ވަގުތުވެސް ފެނިގެން އެދިޔައީ އޯގާތެރި ބައްޕައެކެވެ. އަބަދުވެސް އޭނާ ހަނދާންކުރާނީ ބައްޕައަކީ އޭނާދެކެ ލޯބި ވުމުގެ އިތުރުން މަންމަ ދެކެ އިންތިހާއަށް ލޯބިވި ބައްޕައެއްކަމުގައެވެ. މިއީ އެދަރިފުޅަށް ދެވޭ އަގުބޮޑު ގެއާ ކާރާ އަދި ބޭންކް ގައި ހުރި ފައިސާއަށް ވުރެވެސް މާ އަގު ބޮޑު އެއްޗެކެވެ.

(ދިވެހި ކޮށްފައިވާ ވާހަކައެއް )

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top