އަންނަން އޮތް ޖީލުތަކަށް އުފާވެރިކަން ހޯދައިދެވޭނީ ސަރުކާރުން ދަރަނި ނަގައިގެން ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދަރިންގެ ބޮލުގައި ދަރަނި އެޅޭނެ ކަމަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފިނަމަ އަނެއްކާވެސް “އެ ކުދިން ޖެހޭނީ މާލެއަށް އައިސް ގެއެއްގައި ގުލާނު ކުރަން” ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދަރަނި ނެގުމުން، އަންނަން އޮތް ޖީލުތަކުގެ ކުދިންގެ ބޮލުގައި ދަރަނި އެޅޭ ވާހަކަ ބައެއް މީހުން ދައްކައެވެ. އެއީ ރަނގަޅު ވާހަކަ އެއް ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވައެވެ.
ނަމަވެސް، މިއަދު ދަރަނި ނުނަގައި، އެ ކުދިންގެ ބޮލުގައި ދަރަނި ނޭޅި ކަންކަން ނުކޮށްފި ނަމަ، އެ ކުދިން މުޅި އުމުރު ޖެހޭނީ މާލޭގެ ގެއެއްގައި “ގުލާނު” ކޮށްދޭން ކަމަށް، ފައްޔާޒް ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓު ހަދަން އިތުރު 100 އަހަރު ވަންދެން ލިބޭ އެއްޗަކުން ފުއްދާލައިގެން އަދިވެސް މަޑުކުރެވޭނެ ކަމަށާއި، ނަމަވެސް ރާއްޖޭގައި ދަރަނި ނެގުމުގެ ގާބިލްކަން އެބަހުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭރަށް ވުރެ ވެސް އާމްދަނީ ރަނގަޅުވެއްޖެ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ދާ ކަމަށެވެ.
ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ކްރެޑިޓް ލައިންގެ ދަށުން ހިންގަމުން އަންނަ މަޝްރޫއުއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 136.6 މިލިއަން ޑޮލަރަށް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.
އެކަމާއި ގުޅިގެން ކުރީގެ އެންވަރަމެންޓް މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ސެނެޓަރ ތޯރިގު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަނިމާދު އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އަގު ކަމައްވާ 2.1 ބިލިއަން ރުފިޔާ އަކީ ގާތްގަނޑަކައް އެކަހަލަ 3 އެއާޕޯޓް ތަރައްގީ ކުރެވޭނެ ވަރުގެ އަގެއް ކަމަށެވެ.
“މިއީ މި ސަރުކާރުން ވަރައް ޒިންމާދާރުކަން ކުޑަކޮށް، ދިވެހިންނަށް ބުރަ އުފުލަންޖެހޭ ގޮތައް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް!” ތޯރިގު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ބޮޑު އަގުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލު ކުރުމާއި ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާލެސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވަނީ، އެ މަސައްކަތް ހަވާލު ކުރެވުނު ކުންފުންޏަކީ އެކަން ކުރުމުގެ ގާބިލުކަންވެސް ނެތް ކުންފުންޏެއް ކަމަށެވެ. އަދި އެފަދައިން ކަންތައް ކޮށްގެން ރައްޔިތުން ގުނބޯ ހައްދަން ހެޔޮ ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.