ކައުންސިލުތަކުން ތަންތަން ކުއްޔަށް ދޫކުރުމާއި ކައުންސިލަށް މުވައްޒަފުން ނެގުމާއި ތަރައްގީގެ އާ މަޝްރޫއުތައް ފެށުން މެދުކަނޑާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް އަންގައިފި އެވެ.
އެލްޖީއޭގެ ސީއީއޯ, މުޙައްމަދު ނިމާލް ސޮއިކޮށް އިއްޔެ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އޮތޯރިޓީއިން ވަކި ގޮތެއް ކަނޑައަޅަންދެން އެއްވެސް ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކޮށް، މުވައްޒަފުން ނަގައި، ތަރައްގީގެ އާ މަޝްރޫއުއެއް ނުހިންގުމަށާއި ގާނޫނަށް އަމަލުކުރަން ކައުންސިލްތަކަށް އަންގާފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކައުންސިލެއްގެ އުމުރުގައި ބާކީ އެއް އަހަރު ނެތް ނަމަ އެ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ އެއްވެސް ސަރަހައްދެއް ކުއްޔަށް ދޫކުރުން މަނަލެވެ. ހަމަ އެގޮތަށް، ތަރައްގީގެ އާ މަޝްރޫއެއް ފެށުމާއި ކައުންސިލަށް މުވައްޒަފުން ނެގުން ވެސް މި އިސްލާހުތަކުގެ ދަށުން މަނާވާނެ އެވެ.
’އަންނަނިވި ކަންކަމުން ކުރެ ކަމެއް އިއުލާނުކޮށް މި ގާނޫނު ތަސްދީގު ކުރުމާ ހަމައަށް ހަވާލުކޮށްފައިނުވާ ނަމަ މި އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން އެފަދަ ކަންކަން ހަވާލު ކުރުމާއި މުވައްޒަފުން ނެގުން ހުއްޓާލުމަށް އަންގަން،‘ އެލްޖީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، އެހެން މީހަކު ކުރާ ވިޔަފާރިއެއް ކުރުމާއި ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ވިޔަފާރިއެއް މެނުވީ ކުރުން ކައުންސިލުތަކަށް މަނާވެގެންދާއިރު ކައުންސިލުތަކުން ކުރާ ވިޔަފާރިތަކަކީ، 10 މިލިއަން ރުފިޔާގެ އަގު ހުރި ވިޔަފާރިއަކަށް ވެސް ވާންޖެހެ އެވެ. ގާނޫނު ވުޖޫދުވާއިރު ކައުންސިލަކުން އެފަދަ ވިޔަފާރިއެއް ކުރާ ނަމަ އެ ވިޔަފާރިއެއް ގިނަވެގެން ތިން މަސްދުވަސް ތެރޭގައި ހުއްޓާލަންޖެހޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވެއެވެ.






