ސޮނީ ޓިވީ އިން މިހަާރު ގެނެސްދެމުން އަންނަ އިންޑިއަން އައިޑޮލް ސީޒަން 10ގެ ޖަޖުންގެ ޕެނަލުގައި ހިމެނޭ މަޝްހޫރު މިއުޒިކް ޑިރެކްޓަރ އަދި ލަވަކިއުންތެރިޔާ އަނޫ މާލިކްގެ ބަދަލުގައި އެޝޯއަށް ގެންނަ ފުރަތަމަ ގެސްޓު ޖަޖުންގެ ގޮތުގައި މިއަުޒިކް ކޮމްޕޯސަރ ސަލީމް އާއި ސުލައިމާން މަރޗަންޓް ހަމަޖައްސައިފިއެވެ.
އަނޫ މާލިކް ފަނޑިޔާރުންގެ ފެނަލުން ވަކިވެފައި ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ޖިންސި ގޯނާގެ ތުހުމަތާ ގުޅިގެންކަމަށް ބުނެއެވެ. މި ތުހުމަތު ދޮގުކޮށް އަނޫ ބުނެފައިވަނީ ޕެނަލުން ވަކިވީ އަމިއްލަ މަސައްކަތަށް އިތުރު ވަގުތު ދޭން ބޭނުންވެގެން ކަމުގައެވެ.
އަނޫ މާލިކްގެ މައްޗަށް ހަތަރު އަންހެނަކު ޖިންސީގެ ގޯނާގެ ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި މޭޑް އިން އިންޑިއާގެ ލަވައިން މަޝްހޫރުވި ކުރީގެ މޮޅު ލަވަކިޔުންތެރިޔާ އަލީޝާ ބުނެފައިވަނީ އަނޫ އަކީ އަބަދުވެސް ޒުވާން އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމުގައެވެ.
ސަލީމް -ސުލައިމާން ވަނީ 2014 ވަނަ އަހަރަށް މަރުހަބާ ކިއުމަށް މާލޭގެ ގަލޮޅު ދަނޑުގައި ޝޯއެއް ދިނުމަށް މާލެއަށްވެސް ޒިޔާރަތް ކޮށްފައެވެ.
ސަލީމް-ސުލައިމާން އަކީ ހިންދީ ފިލްމަތަކަށް މިއުޒިކް ކޮމްޕޯޒް ކުރުމުގެ އިތުރުން ތަފާތު ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރުކަން ވެސް ކޮށްފައިވާ ދެބެއިންނެވެ. އެހެންކަމުން އައިޑޮލްގެ ފުރަތަމަ ގެސްޓް ޖަޖުންގެ ގޮތުގައި ނޭހާ ކައްކަރް އާއި ވިޝާލް ދަދްލާނީއާއެކު ދެން ފެނިގެން ދާނީ ސަލީމް އާއި ސުލައިމާން އެވެ.
ސަލީމް-ސުލައިމާންގެ ބައްޕަ އަކީ އިންޑިއާގެ އިސްމާއިލީ ސްކައުޓްސް އޯކެސްޓްރާ ލީޑް ކުރި މިއުޒީޝަން އެކެވެ.