ޑރ. އަޒަމްގެ ގަލަމުން: ޑެންގީހުމާއި، ކަންބޮޑުވުންތައް

azam1.jpg

ލިޔުނީ: ޑރ އަޒަމް ފާރިޝް

ޑެންގީހުމަކީ މިހާރަކަށް އައިސް ދިވެހި ރާއްޖޭގައި މުޅި އަހަރު ތެރޭގައިވެސް މެދުނުކެނޑި ފެންނަމުން އަންނަ ހުމެކެވެ. ހާއްސަކޮށް ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ފެންނަމުންދާ ވަރަށް އާންމު ބައްޔަކަށް ޑެންގީ ހުން ވެއެވެ. 2016 ވަނަ އަހަރުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ޑެންގީހުން ޖެހިގެން 1962 ކޭސް ރިޕޯރޓްކުރެވިފައިވާއިރު 4 މީހަކު ވަނީ މިބަލީގައި ނިޔާވަފެއެވެ. އަދި 2015 ވަނަ އަހަރު 1892 މީހަކު ޑެންގީއަށް ޕޮސިޓިވް ވެފާވާއިރު އޭގެ ތެރެއިން އެއަހަރު 6 މީހަކުވަނީ ނިޔާވެފައެވެ. ހަމައެކަނި ބ. އަތޮޅަށް ބަލައިފިނަމަ 2016 ވަނަ އަހަރު 117 މީހަކަށް ޑެންގީހުން ޖެހިފައިވެއެވެ.

ޑެންގީ ހުމަކީ ކޮބާ؟

ޑެންގީ ހުމަކީ މަދިރީގެ އާއިލާގައި ހިމެނޭ އީޑީސް އޭ ކިޔާ މަދިރީގެ ޒަރިއާ އިން އިންސާނުންގެ ހަށިގަނޑަށް ވާސިލްވާ ވައިރަލް ހުމެކެވެ. މިބަލި ޖެހުމުން މާބޮޑުނުރައްކަލެއް ދިމާނުވެ ގިނަމީހުން ހަފްތާއެއްގެ ތެރޭގައި ބަލި ފަސޭހަވެ ހުން ފިލައިދެއެވެ. ނަމަވެސް ވަރަށް މަދު ފަހަރަކު މިބަލިޖެހޭ މީހުންގެ ހާލުދެރަވެ ފުރާނައަށް ނުރައްކާވެގެންދެއެވެ. މިބައްޔަށް ވަކި ހާއްސަ ބޭހެއް ނުވަތަ ވެކްސިންއެއް މިވަގުތު ޢާއްމުކޮށް ތައާރަފް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް ވެކްސިންގެ ތަހުލީލުތައް ދަނީ ކުރެވެމުންނެވެ. ޑެންގީގެ ފަރުވާއަކީ އެބަލީގެ އަލާމާތްތަކަށް ފަރުވާ ކުރުމެވެ.

މިބަލި އާންމުގޮތެއްގައި ޖައްސާ މަދިރި (އީޑީސް އިޖިޕްޓައި އަދި އީޑީސް އެލްބޯޕިކްޓަސް މަދިރި) އިންސާނުންގެ ގައިގާ ހަފާއުޅެނީ އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތުގައެވެ. މިވަގުތު ތަކުގައި ބޭރަށް ނުކުންނަވާނަމަ މަދިރި ލޯޝަން ލުން ނުވަތަ އަތާއި ފައި ނިވާވާވަރުގެ ދޫ ހެދުން ލެވިދާނެއެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމެވެ. ގޭތެރޭގައި ހުންނަ ފެންހަރުލާ ޒާތުގެ ގަސް މުށިތަކާއި، ބާ ޓަޔަރާއި، ދިޔަދޮވިތަކާއި، ވަޅުތަކާއި، ފެން ބާލިދީ އަދި ފެންތާންގި ފަދަ ތަންތަން ސާފުކޮށް ފެން ހަރު ނުލާނެހެން ބެހެއްޓެވުމަށް ސަމާލުކަން ދޭންވާނެއެވެ.

ޑެންގީ ހުމުގެ އަލާމާތްތައް

ޑެންގީ ހުމުގެ އަލާމާތްތައް އާންމުގޮތެއްގައި ފެންނަން ފަށާނީ ވައިރަސް ހަށިގަނޑަށް ވަންނަތާ 3-10 ދުވަހާ ދޭތެރޭގައެވެ. މިގޮތުން ތިރީގައި މިވާ އަލާމާތްތަކުން އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަކަށް ދައްކަވަން ސަމާލުކަން ދެއްވާށެވެ.

– ގަދައަށް ހުންއައުން ، ބައެފަހަރު 40 ޑިގްރީ ސެލްސިއަސް ނުވަތަ 104 ފެރެންހައިޓް އަށްވުރެ މައްޗަށް ދިއުން.

– ބޮލުގައި ރިއްސުން

– ލޮލުގައި ރިއްސުން

– ގައިގެ ހުޅުތަކުގަޔާއި މަސްތަކުގައި ރިއްސުން

– ކާހިތްނުވުމާއި ވަރުބަލިވުން

– ހަށިގަނޑުގެ ތަންތަން ރަތްވެ ކަހާ ހިރުވުން.

ޑޮކްޓަރަކަށް ދައްކަންވީ ކޮން އިރަކު އަދި ފަރުވާއަކީ ކޮބާ؟

ހުންއައުމަށް ފަހު ދެންނެވިދިޔަ އެއްވެސް އަލަމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކަވަންވާނެއެވެ. މިބަލީގެ ކުރީކޮޅުގައި ލޭގެ ޓެސްޓްތަކުން ޑެންގީހުން ހުރިކަން ދެނެގަނެވި ފަރުވާ ފެށިއްޖެނަމަ ފުރާނައަށް ނުރައްކާނުވެ ފަސޭހަވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ.

މިބައްޔަކީ އޭގެ ޒާތުގައި އެޑްމިޓްކޮށްގެން މާބޮޑު ފަރުވާއެއް ނުކޮށްވެސް ފަސޭހަވެގެންދާ ބައްޔެއްކަމުން، ގޭގައިވެސް ޑޮކްޓަރުގެ އިރުޝާދާއެއްގޮތަށް އަމަލުކުރެވިދާނެއެވެ.

– ހުންއައުމާއި ގައިގަ ރިއްސުމަށް ޕެނަޑޯލް ނުވަތަ އުފަމޯލް (ޕެރެސަޓަމޯލް) ބޭނުން ކުރުން. އެސްޕިރިން، ބުރޫފަން އަދި ވޯލްޓްރަން ފަދަ ތަދުކަނޑުވާ އެއްވެސް އެހެން ބޭހެއް ބޭނުން ނުކުރެއްވުން. އެއީ ޑެންގީ ހުންޖެހިފައިވާމީހަކު އެފަދަ ބޭހެއްކެއުމުގެ ސަބަބުން ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އައިސްދާނެތީ، އެކަމުން ރައްކާތެރި ވުމަށްޓަކައެވެ.

– ގިނައިން ދިޔާ ތަކެތި ބޭނުންކުރުން، މިގޮތުން ސޫޕް، ކުރުނބާފެން، އޯއާރްއެސް ޕެކެޓް ބޭނުން ކުރުން.

– ގިނަވަގުތު އަރާމުކުރުން.

– މާބޮޑަށް ހޮޑުލާ ވަރުދެރަވެ ނުކެވޭ ކަމުގައިވާނަމަ ޑޮކްޓަރަކަށް ދެއްކުން.

ގަދައަށްހުން އައުމުގެ ސަބަބުންނާއި ހޮޑުލެވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު،ގިނަގިނައިން ފެނާއި ސޫޕް ފަދަ ދިޔާ ތަކެތި ދިނުމަކީ މުހިންމު ކަމެކެވެ. އަދި ފެން މަދުވުމުގެ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރެއް ނުވަތަ ސިއްހި އެހީތެރިއެއްގެ އިރުޝާދު ހޯދުން މުހިއްމެވެ. ފެން މަދުވުމުގެ އަލާމާތްތަކުގެ ތެރޭގައި އަނގަ ހިކިފައި ހުރުން، ތުއްތު ކުދިންގެބޮލުގެ މެދުގައި ހުންނަ ހިނދިވަޅު (މެންކަފަ ވަޅު/ ފޮންޓަނެލް) އަޑިވެފައިހުރުން އަދި ކުޑަކަމުދާ މިންވަރު މަދުވުން ހިމެނެއެވެ..

ޑެންގީހުމުގެ ނުރައްކަތެރި އަލާމާތްތައް (ސިވިއަރ ޑެންގީ/ޑެންގީ ހެމެރެޖިކް ފީވާ / ޑެންގީ ޝޮކް ސިންޑްރޯމް)

– މާ ގަދައަށް ބަނޑުގައި ރިއްސުން ނުވަތަ ބަނޑު ފުއްޕާފަ ހުރުން

– މެދުނުކެނޑި ގިނަ އަދަދަކަށް ހޮޑުލުން އަދި ހޮޑުގައި ލޭ ހުރުން

– ހިރުގަނޑުން ލޭއައުން ނުވަތަ ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭއައުން

– ނޭވާލާން އުނދަގޫވުން،  ނޭވާ ހާސްވުން، މާ އަވަސް އަވަހަށް ނޭވާލުން

– ހަށިގަނޑު މާބޮޑަށް ފިނިވުން

– ވިންދު ޖެހުން މާބޮޑަށް އަވަސްވުން

– އެނބުރުން އަރާގޮތްވުން ނުވަތަ ހޭނެތުން

* ޑެންގީ ވަަައިރަހަކީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާ ބައްޔެއް ނޫނެވެ. ޑެންގީ ވައިރަސް އަރަނީ އެވައިރަސް ހުރި މަދިރިއެއް އިންސާނެއްގެ ގައިގާ ހެފުމުންނެވެ.

* އެއްފަހަރު ޑެންގީ ޖެހިފައި ހުއްޓަސް ދެވަނަ ފަހަރަށް ވެސް މި ހުން ޖެހުމުގެ ފުރުސަތު އޮވެއެވެ. އެއީ ޑެންގީވައިރަހުގެ ތަފާތު 4 ވައްތަރެއް ހުރުމުން، ކުރިން އެރި ވައިރަސް ނޫން އެހެން ވައިރަހެއް އަރައިފިނަމަ ޑެންގީހުން އެމީހަކަށް އަލުން ޖެހިދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top