ބަޑި ބުރާސްފަތި – ވަަޒަންތަކުގެ މެދުގައި ޒާހިރުގެ ބައިގަޑިއިރު

DSCN9182.jpg

ބަޑިބުރާސްފަތީގެ ހިތި ހަނދާންތައް ޒާހިރު އީވީއަށް ކިޔައިދެނީ - ފޮޓޯ : އީވީ

ހިތާމަވެރި ބިރުވެރި ހަނދާންތަކެކެވެ. ދިވެހންގެ 19 ދަރިން ޝަހީދުކޮށް ދިވެހި އިސްލާމީ ބިމުގައި ޣައިރު މުސްލިމުންގެ މުޑުދާރު ލެއިން މާލޭގެ ކީރިތި ފަސްގަނޑު ތަޣައްޔަރު ކުރި ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ނުފިލާނެ ނޮވެމްބަރ 3ގެ ހިތި ހަނދާންތަކެވެ.

މިއީ އެއުދުވާނީ ހަމަލާގައި ތަމަޅަ ހަނގުރާމަވެރިން ރަހީނުކުރި މީހުންގެ ތެރޭގައި ހިމެނޭ، އުމުރުން އޭރު އެންމެ 26 އަހަރުގެ ބ.އޭދަފުށީ ބީޗްވިލާ އިބްރާހީމް ޒާހިރުގެ ވާހަކައެވެ.

އެހުރިހާ ތަނެއް އޭނާ ދެކެމުން ދިޔައީ ހަނގުރާމައިގެ މައިދާނު އެންމެ ބޮޑަށް ގަރަމްވެފައިވާ ޖުމްހޫރީ މައިދާނުގައި ރަހީނުކޮށްފައިވާ މީހެއްގެ ގޮތުގައި ހުރެގެންނެވެ.

މިހާދިސާއާ ކުރިމަތިލާން ޖެހުނު ގޮތް ކިޔައިދެމުން ދިޔައިރު ޒާހިރުގެ އަޑާ އޭނާއަށް ވަމުން ދިޔަ ގޮތް ފެނިފައި 29 އަހަރުގެ އެހަނދާން ތަކުން އުފެދުނު ޒަޚަމްތައް އަދިވެސް ހުރީ ތާޒާކަން މަތީގައިކަން އެނގުނެވެ.

ޒާހިރު އޭރު މަސައްކަތް ކުރަނީ ފަރުކޮޅުފުށި ރިސޯޓާ މާލެއާ ދެމެދު ދަތުރުކުރާ ދޯންޏެއްގައެވެ. އާދައިގެ މަތިން އެދުވަހުވެސް ފަތިހުފަތިހާ ދަތުރުކޮށް އޭނާގެ ދޯނީގައި މާލެއަށް އައިސް ޗާނދަނީ މަގާ ދިމާލަށް އެއްގަމަށް އެރީ އެއްވެސް ފިކުރެއް ނެތިއެވެ. އެހިސާބުގަނޑުގައި ބަޑި ހިފައިގެން ދެކޮޅު ދެކޮޅަށް ދުވާ ސިފައިން ފެނުމުންވެސް ހައިރާން ނުވީ އެއީ ނޮވެމްބަރ11 ކައިރިވަމުން އަންނާތީ އެދުވަހަށް ހަދާ ތަމްރީނެއްކަމަށް ހީކޮށްފައެވެ.

އެއީ 6:30 އެހާކަށް ހާއިރުއެވެ.

” ތިން ޑަބިޔާ ބިސްކޯދު ހިފައިގެން އެބުރި އައިސް ދޯންޏަށް އެރުމަށްޓަކާ އެތަނުގައި އޮތް ބައްތެއްޔަކަށް އަރަން ދިމާކުރި ތަނުން އަތުވެއްޖެ ދެމީހުން ބަޑިހިފައިގެން. ބުނީ އަތް މައްޗަށް ނަގާށޭ. ”

އެގޮތަށް ބަހައްޓައިގެން ގެންދިޔައީ ޖުމްހޫރީ މައިދާނަށެވެ. އޭރު އެތަނުގައި ގިނަ އަދަދެއްގެ މީހުން އެގޮތަށް ބައިތިއްބާފައިވާ ތަން ފެނުމުން ކަންތައް ގޯސްވީކަން އެނގިއްޖެއެވެ. އެކަމަކު ވާން މިއުޅޭ ގޮތަކާއި ވެގެން އުޅޭގޮތެއް ނޭގެއެވެ. އިރުކޮޅެއްގެ ފަހުން ފުރަން ދާންވެއްޖެކަމަށް ބުނެ އެތަނުން ފޮނުވާލުމަށް އެދުމުން ޖަވާބު ދިނީ ދިވެއްސެކެވެ.

“ބުނީ މަޑުކޮށްލާށޭ. ކުޑަކަމަކުއޭ މި އުޅެނީ . ދިވެއްސަކު އެހެން ބުނީ. ”

އިރުކޮޅަކުން އެތަނަށް ބޮޑުމީހެއް ވައްތަރު ޖަހާ މީހަކުއައެވެ. އޭނާ ހުރީ ބެގީކޮށްފައި ފަޓްލޫނުގެ ދެފަރާތު ޖީބަށް ދެވަޅިވެސް ޖަހާފައެވެ. އަތުގައި ފިސްތޯލައެއް އޮތްއިރު ދެފަރާތުގައި ދެ ބޮޑީގާޑުންވެސް ތިއްބެވެ.

“ހިތްވަރު ކޮށްލާފައި އޭނާ ގާތުގައި ދޫކޮށްލަން ބުނެފިން.  އޭނާ ބުނީ މިއީ ހަމައެކަނި ކަލޭމެންނަށް ކުރާ ކަމެއް ނޫނޭ އެންމެންނަށްވެސް ކުރާ ކަމެކޭ. ”

އެއީ ސަގަރު ނާސިރުއެވެ. އެކަން އެނގުނީ އަމިއްލައަށް ތައާރަފްވެ ތިމަންނައަކީ ސަގަރު ނާސިރު އޭ ބުނުމުންނެވެ.

އޭރުހުރީ ބޮޑުފާލަން ހަދަން ފަށާފައެވެ. އެމަސައްކަތް ކުރުމަށް ބޭނުންވާ ސިމެންތި ގަށަން ތާނގީ ބުރިއަކަށް ފެން އަޅާފައި ހުރިކަން އެއީ ނަސީބެކެވެ. ރަހީނުކޮށްފައި ތިބި އެންމެންވެސް ފެން ބޮމުން ގެންދިޔައީ އެފީފާ ބުރިންނެވެ. އަވިބާރު ވައިރޯޅި ވަރަށް މަޑު ދުވަހެއް ކަމުން ފެންވެސް ބޮވާނެތާއެވެ.

“އެކަމަކު ފެނެއްވެސް ނުބޮވާ. ނޭގެ އެވާ ގޮތެއް. ” ޒާހިރު ބުންޏެވެ.

މެންދުރު ވެއްޖެއެވެ. ބަޑީގެ އަޑުފައްގަނޑު ކުރިމަތިން އިވެއެވެ. ދެފަރާތުން ބަދަލު ކުރާ ހަމަލާގެ އަޑުން މުޅި ހިސާބުގަނޑަށް ހީވަނީ ގިޔާމަތް ލައިގަނެގެން އުޅޭހެންނެވެ. ޒާހިރުމެންނާ ދިމާލަށްސީދާ ހަމަލާއެއް ނާދެއެވެ.

“12 ޖެހިތަނާ ބިސްކޯދު ކޮޅެއް ހިފައިގެން އައި މީހަކު އެންމެންގެ ތެރެއަށް އެބިސްކޯދުތައް އުކާލި ތަނުން ލިބުނު ހަތަރު ބިސްކޯދު ކައިގެން އެއްކަލަ ފީފާބުރިން ފެންބޮއިގެން އައިސްހިތަށް އަރައިފި ފިލަން މަސައްކަތެއް ކުރަންވާނެއޭ. މިހެން ހުރެގެން ކަމަކު ނުދާނޭ. “ޒާހިރު ކިޔައިދިނެވެ.

އެފިކުރުގައި އަސުރުނަމާދުން ފައިބާ 3:30 ކަށް ހާއިރު ޗާނދަނީ މަގުންލާފަ މެރިންޑްރައިވަށް ގޮސް ފަޅުތެރޭގައި އޮތް އޭދަފުށީ ބަރާބަރު ޔޫސުފް ގެ “މިހާރު” ދޯންޏަށް އަރަން ފަރިކޮށްލިތަނާ ކުއްލިއަކަށް ބަޑި ހިފައިގެން އައި ދެމީހުން އަނެއްކާވެސް ދިމާކޮށްލައިފިއެވެ. އެނބުރި ދާން ޖެހުނީއެވެ.

ޒާހިރު ގެންދިޔައީ ޗާނދަނީ މަގާ އޯކިޑްމަގާ ގުޅޭ ކަންމައްޗަށެވެ. އޭރު އެތަނުގައި ބޮލުގަ އިސްތަށިނެތް މީހަކު އިށީދެގެން އިނެވެ. އޭނާގެ ފަރާތުން ވާހަކަ ދެއްކި ދިވެހި މީހާ ޒާހިރުގެ ގާތުން އެދުނީ ފަޅުވެރިން ކޮޅެއް ހޯދުމަށެވެ.

“އަހަރެން ބުނެފިން މަށަކީ ދޯންޏެއްގަ އުޅޭ ވެސް މީހެއް ނޫނޭ. އެހެންވީމާ ކިހިނެއްހޭ ތިކަންތައް ކޮށްދޭނީ. މަށަކީ މިތަނަށް އައި ތަނުން އަތުލައިގަނެގެން އުޅޭ މީހެކޭ . ” ޒާހިރު ބުނީ ނަސީބަކުން އެވާހަކަ ގަބޫލު ކޮށްފިކަމުގައެވެ.

އެކަމަކު ދެންވެސް ދެވޭގޮތެއް ނުވިއެވެ. ކުރިއަށް ހިނގައިގަތްތަނާ އޭނާއަށް ޖެހުނީ އޮށޯންނާށެވެ. މި ހުރެވުނީ ދެފަރާތުން ބަދަލުކުރާ ހަމަލާތަކުގެ މެދުގައެވެ.

“މިއަދު އިހުސާސް ކުރެވޭ އެދުވަހު އެއީ ހަމަލާއެއްކަން. ސިފަ ކޮށްދޭނެ ގޮތެއްވެސް ނޭގެ. އެހާވެސް ބިރުވެރި. މަގުމަތި ހަތަރު އަނގޮޅި ކަންމަތީގަ އޮތިން ގައިމުވެސް ބައިގަޑިއެއްހައިއިރު . ހަމަލާ ވަރުގަދަ ކަމުން. އުޑުތިލަ މަތިން އޮށޯވެލައިގެން ބިރުން. އަންނަލެއް ގަދަ ކަމުންނާއި ބާރުކަމުން. ވަޒަންތައް ކައިރިއަށް އައިސް ވެއްޓޭ. ވަރަށް ބިރުވެރި ވަގުތު ކޮޅެއް. ”

އެހެންވިޔަސް އެތަނުގައި އޮތުމަށްވުރެ ކޮންމެ ގޮތެއް ހަދާފައިވެސް ދިއުންކަމަށް ފެންނާތީވެ  ބައޯޖަހަމުން ފިރުކެމުން ކަހަލަ ގޮތަކަށް ގޮސް ވަނީ އަނެއްކާވެސް ސަގަރޭ ޕާކަށެވެ. (ޖުމްހޫރީ މައިދާން ) އޭރުވެސް އެތަނުގައި ފަޅުއޮޑިފަހަރުން ގެނެސް ރަހީނުކޮށްފައި ތިބި ގިނަބަޔަކު ތިއްބެވެ. ހިތާމައިންނާ ބިރުން އަދި އަވީގެ ސަބަބުން ހަކަތަ ދާން ކައިރިވެފައި ތިބި މީހުންތައް އޭނާގެ ގާތުން މައުލޫމާތު ސާފުކުރަން ފެށިއެވެ.

އިރުއޮއްސި 7.30 ވީމާ އަނެއްކާވެސް ޒާހިރު ފިލަން ވެގެން މަސައްކަތް ފެށިއެވެ.

“ހިނގަމުން ފިރުކެމުން އެއްކަލަ ތާގީބުރި ދޮށަށް. އެތާގީން ފެންފޮދެއް ބޯލާނަމޭ ހިތާ ބަލައިލި އިރު އެއީ ވެސް ފާހަގަ ކޮށްލަން ޖެހޭ ކަމެއް. އެފެން ހެނދުނު ވެސް ބުއިން. މިހާއިރު ވީއިރުވެސް އެތާގީން ފެނެއް މަދެއް ނުވޭ . އެއެންމެނެ އެދުވަހު ހަތަރު ދަމު ފެން ބުއީ އެތާނގީން. މާތްކަލާނގެ ރަހްމަތެއްްކަން ނޭގެ.”

މަޑުމަޑުން ހިނގާފައި ގޮސް އެމީހުންނަށް ފިލަންވެގެން ޒާހިރު އެރުނީ މޫދަށެވެ. ބޮޑު ފާލަމާ ދިމާލުން ޝީޓް ޕައިލް ކުރަން ޖަހާފައި ހުރި ދަގަޑުތަކުގެ ސަޕޯޓް ހިފާފައިވާ ދަގަނޑުތައް މަތިން އަޅާފަ މޫދަށް ދިޔައީ މަރުވިޔަސް ހެޔޮކަމަށެވެ. ބާޣީންގެ އަތުން މަރުވުމަށްވުރެ މިގޮތްވެސް ހެޔޮކަމަށް ދެކިގެންނެވެ.

” އޭރުވެސް ތަމަޅަ ބާޣީން ތިބި ފަސްގަޑު މަތީގަ ބަލަހައްޓައިގެން . މަޑުމަޑުން ދޭތެރެ ދޭތެރެއިން ގޮސް ބައްތެއްޔަކަށް އެރީ. އެތާ އިންދާ 9 ޖެހީ. އެވަގުތަކީ އިންޑިއާގެ ފުރަތަމަ ފްލައިޓް އެއަރޕޯޓަށް ޖެއްސި ވަގުތު. އަނެއްކާ 9.15 ގަ ދެވަނަ ފްލައިޓް ޖައްސައިފި . އެހިސާބުން ބާޣީން ފިލަން ދުއްވައިގަތީ . ”

ޒާހިރު ބުނީ ބާއީން ދިވެހިން ރަހީނުކޮށްގެން ބޭނުންކުރީ އެމީހުންގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި ކަމަށެވެ. ތެދުވެގެން އުޅޭނަމަ ގާ އުކާތީ އޮށޯންނަނީ ކަމުގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު