“ފުށިފަންނު ޕާކް” ހުޅުވުމާއެކު އެތަނަށް ބާރުބޮޑުވެއްޖެ

23949422_10155427376498402_139832029_o.jpg

ފުށިފަންނު ޕާކަށް މިއަދު ދިޔަ ކުދިންތަކެއް ކުޅެނީ. ޕާކަށް މިއަދު ވަރަށް ބާރުބޮޑުވި / ފޮޓޯ: އޭދަފުށީ ވޮއިސް

ބ. އޭދަފުށީ ދެކުނު ފަރާތު ހިއްކިބިމުގައި ކުޑަކުދިންނާ ބޮޑެތިމީހުންނަށް ހާއްސަކޮށްގެން އޭދަފުށިގެ އަމިއްލަ ފަރާތަކުން ތަރައްޤީކުރި “ފުށިފަންނު ޕާކް” މިއަދު ހުޅުވުމާއެކު އެތަނަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފިއެވެ.

އޭދަފުށީ ޔޫސުފްކަލޭފާނު މަގާ ދިމާލުން ދެކުނުފަރާތު ހިއްކިބިމުގައި ތަރައްޤީކުރި މިޕާކް ވަގުތީގޮތުން މިއަދު ހަވީރު ހުޅުވައިދެއްވީ ޕާކް ތަރައްޤީކުރުމުގެ މުގުލުގައި ހުންނެވި އޭދަފުށީ ދަރިއެއްކަމުގައިވާ އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާއެވެ. އޭނާ ވިދާޅުވީ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް މުޅިން ނުނިމެނީސް ހުޅުވަންޖެހުނީ ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެކަމަށް އެދެމުންދިއުމާ ގުޅިގެންކަމަށެވެ. އާދިލް ވިދާޅުވީ ކުރިޔަށް އޮތް މަހެއްހާދުވަހުގެ ތެރޭގައި ޕާކްގެ ހުރިހާ މަސައްކަތެއް ނިންމައި ބޮޑު އިވެންޓަކާއެކު ޕާކް ރަސްމީކޮށް ހުޅުވުން އޮންނާނެކަމަށެވެ.

“ސްކޫލް ބަންދުވުމާއެކު ވަރަށް ގިނަ ބެލެނިވެރިންނާ، ކުދިން ކުޅިވަރު ކުޅުމަށް ޕާކްތެރެއަށް ވަންނަން ބޭނުންވެގެން އުޅޭތީ، ވަގުތީގޮތުން ހުޅުވާލަން ނިންމީ. މަހެއްހާދުވަހުގެ ތެރޭގައި މުޅިން ފުރިހަމަކޮށް ރަސްމީކޮށް ހުޅުވޭނެ” އާދިލް ވިދާޅުވިއެވެ.

ޕާކް ހުޅުވުމުގެ ގޮތުން އާދިލް މޫސާ މިއަދު ވާހަކަދައްކަވަނީ. / ފޮޓޯ: އޭދަފުށި ވޮއިސް

އާދިލް ވިދާޅުވީ މިޕާކަކީ ކުޑަކުދިން ކުޅުމާށާއި، ބޮޑެތިމީހުން ހިތްހަމަޖައްސާލުމަށް މަޑުކޮށްލުމަށާ، ބޮޑެތިމީހުންނަށް ކަޝްރަތު ކުރެވޭނެ ސާމާނުވެސް ގާއިމްކުރެވިފައިވާ ޕާކެއްކަމަށެވެ. އޭނާ ވިދާޅުވީ ޕާކް މަސައްކަތްތަކަކީ ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާއެކު ކުރިޔަށްދާ މަސައްކަތްތަކެއްކަމަށާ، ހާއްސަގޮތެއްގައި ދެކުނުފަރާތުގެ ގޭގޭގައި ދިރިއުޅޭ އަންހެންވެރިން މިމަސައްކަތް ކުރިޔަށްގެންދިއުމަށް ދެއްވާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޕާކް ވަގުތީ ގޮތުން ހުޅުވުމާއެކު އޭދަފުށީގައި ދިރިއުޅެމުންދާ ގިނައަދަދެއްގެ ބެލެނިވެރިންނާ، ކުޑަކުދިން މިއަދު ޕާކަށް ޒިޔާރަތްކުރިއެވެ. އީވީގެ ރިޕޯޓަރުންނަށް ފާހަގަކުރެވުނުގޮތުން މިއަދު ޕާކްގެ އެތެރެ ޕްލޭއޭރިޔާ ފެނުނީ ވަރަށް ބާރުބޮޑުކޮށެވެ. ކުޅިވަރު ސާމާނުތައް ބޭނުންކުރަންދިޔަ ކުދިންގެ ދިގުކިޔޫތައްވެސް އޮތްކަން ފާހަގަ ކުރެވުނެވެ.

މިއަދު ޕާކަށް ޒިޔާރަތްކުރި ބަޔަކު އެތަނުގެ ގޮނޑިއެއްގައި އިށީދެލައިގެން. މިޕާކްގައި ބޮޑެތިމީހުންނަށް ހާްއްސަ ސަރަހައްދެއްވެސް ހަދާފައިވޭ / ފޮޓޯ: އޭދަފުށީ ވޮއިސް

ކުޑަކުދިންނާ، ބޮޑެތިމީހުންނަށް ހާއްސަކޮށްގެން “ފުށިފަންނު ޕާކް” ގެ އިތުރުން އޭދަފުށީ އުތުރުފަރާތު ބަނދަރު ސަރަހައްދުގައިވެސް އަމިއްލަ ފަރާތަކުން ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭދަފުށީ ކައުންސިލުން ބުނީ 2 ޕާކްވެސް މިއަހަރުގެ ނިޔަލަށް ހުޅުވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top