އިސްލާމްދީނަކީ، ދުނިޔޭގެ ކަންތައްތައް އިޞްލާޙު ކުރުމަށާއި، އުޚްރަވީޙަޔާތް ބާއްޖަވެރިކުރުމަށް، މާތްﷲ އެކަށައަޅުއްވާފައިވާ ދިރިއުޅުމުގެނިޒާމެވެ. މިނިޒާމުގެ މަޞްދަރުތަކަކީ، މާތްﷲ ބާވައިލެއްވި ކީރިތިޤުރްއާނާއި، އެންމެހާ އިންސާނުނަށް ސީދާވެގެންވާ މަގަށް މަގުދެއްކެވުމަށް މާތްﷲ ފޮނުއްވި ކީރިތިރަސޫލާގެ ޠާހިރު ސުންނަތާއި، ދަންނަބޭކަލުންގެ އިޖްމާޢު އާއި ޤިޔާސެވެ.
މި އިސްލާމީ ރިވެތި ދިރިއުޅުމުގެ ނިޒާމުގެ ތެރޭގައި ދުނިޔޭގެ ކަންތައްތައް (ވަގުތީ ކަންތައް) އިޞްލާޙުކުރުމަށް ޢަމަލުކުރަންވީގޮތް ވަރަށް ފުރިހަމައަށް ސާފުކޮށް އަންގައިދީފައިވެއެވެ. އަދި އުޚްރަވީޙަޔާތް (ނިމުމެއްނުވާ ދާއިމީޙަޔާތް) ބާއްޖަވެރި ކުރެވޭނޭ ސީދާމަގު ވަނީ، އިސްލާމްދީނުގެ ހަތަރު މަޞްދަރުގައި ބަޔާންކުރައްވާފައެވެ. އެގޮތުން ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިންމު އެއްރުކުނެވެ.
ބަޤަރާސޫރަތުގެ 43 ވަނަ އާޔަތުގެ މާނައިގައިވަނީ “ތިޔަބައިމީހުން ނަމާދުޤާއިމުކުރާށެވެ! އަދި ޒަކާތްދޭށެވެ! އަދި ރުކޫޢު ކުރާ މީހުންނާއެކު ތިޔަބައިމީހުން ރުކޫޢުކުރާށެވެ!” އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ނަމާދަކީ، ފަރުޟެއްކަމެވެ. ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމެވެ.
ނަމާދަކީ، އެއަޅުކަމާނުލައި، އުޚްރަވީޙަޔާތް ބާއްޖަވެރި ނުވާނޭ އަޅުކަމެކެވެ. ކޮންމެމުކައްލަފަކުވެސް ކުރާ ހެޔޮކަންތަކަށް، ހެޔޮޖަޒާ ލިބުމާއި ނުލިބުން އެކަމެއްގެ މައްޗަށް ހުއްޓިފައިވާ އަޅުކަމެވެ. ކީރިތި މާތްނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވަނީ “އަޅާއާމެދު ޤިޔާމަތްދުވަހުން އެންމެފުރަތަމަ ޙިސާބު ބެއްލެވޭނެކަމަކީ، ނަމާދެވެ. އެކަން ހެޔޮވެއްޖެނަމަ، އެމީހާގެ އެހެނިހެން ޢަމަލުތައް ހެޔޮވެދެއެވެ. އެކަން ނުބައިވެއްޖެނަމަ، އެމީހާގެ އެހެނިހެން ކަންތައް ނުބައިވެދެއެވެ.”
އިސްވެދިޔަ ބަސްފުޅުން އެނގޭގޮތުގައި އުޚްރަވީޙަޔާތުގެ ފޮނިމީރުކަން ޙާޞިލު ކުރެވޭނީ، ބަރާބަރަށް ފަރުޟު ފަސްނަމާދު އަދާކޮށްގެންނެވެ.
ފަރުޟުފަސްނަމާދު އެޅުމަކީ، (ފަރުޟުނަމާދު ނުކޮށް ދޫކޮށްލުމަކީ) އަމިއްލަ ނަފުސަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. އަމިއްލަ ނަފުސަށް ދެވޭ އަނިޔާއެކޭ ބުނެވޭ ސަބަބަކީ، ނަމާދު ނުކުރުމުގެ ސަބަބުން، ޤިޔާމަތް ދުވަހުން، ނަރަކައިގެ ދާއިމީ ޢަޛާބު ލިބޭނޭގޮތް އަމިއްލަ އިޚްތިޔާރުގައި މެދުވެރިކުރީތީއެވެ. ނަމާދަކީ، މީހާއާއި ކާފިރުކަމާދެމެދު ވަކިކުރާ، އިންފާހަގައެވެ.
ކީރިތި މާތްނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައިވަނީ “ތިމަންމެނާއި، އެބައިމީހުންނާ، (އެބަހީ:މުއުމިނުންނާއި ކާފިރުންނާ) ދެމެދުގައި އޮންނަ ޢަހްދަކީ، ނަމާދެވެ. އެ ނަމާދު އަޅައިފިމީހާ، ކުފުރުވެއްޖެކަން ކަށަވަރެވެ.” އިސްވެދިޔަ ބަސްފުޅާމެދު ވިސްނާލުމުން އެނގެނީ، ފަރުޟު ފަސްނަމާދު ނުކޮށް، ނަމާދުއަޅާ މީހަކަށް ޤިޔާމަތްދުވަހުގައި ރައްކާތެރިކަމެއް ނެތްކަމެވެ. އެފަދަ މީހަކަށް، ޤިޔާމަތްދުވަހުގައި އޮތީ، ގެއްލުމާއި ހަލާކުކަމެވެ. ނަރަކައިގެ ވޭންދެނިވި ޢަޛާބުކަމެވެ.
މާތްﷲގެ ޢަޛާބަށް ބިރުވެތިވެ އެކަލާނގެ ދަރުމައާއި ޘަވާބަށްއެދި، ފަރުޟު ފަސްނަމާދު ކުރާ މީހަކަށް އުފަލުގެ ކޮޅެއްނެތެވެ. ސޫރަތުލްމުއުމިނޫން ގެ 1ވަނަ އާޔަތާއި، 2ވަނަ އާޔަތުގެ މާނައިގައިވަނީ “މުއުމިނުން ކާމިޔާބު ވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި ބިރުވެތިވެ ކިޔަމަންތެރިވެ ތިބޭ މުއުމިނުންނެވެ.” އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، ނަމާދު ކުރާއިރު ﷲށް ބިރުވެތިވެ، މަޑުމައިތިރިކަމާއި، ކިޔަމަންތެރިކަމާއެކު، ﷲގެ ދަރުމައާއި ޘަވާބަށްއެދި ނަމާދު ކުރާ މުއުމިނުންނަށް، ޤިޔާމަތްދުވަހު ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް ޙާޞިލުވެގެންދާނޭކަމެވެ.
ދެދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފަރުޟުފަސްނަމާދު ކުރުންމަތީ ދެމިތިބުމަށް، އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަޞިއްޔަތްކުރާ ޙާލު މިބަސްކޮޅު ނިންމާލަމެވެ.
އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ.
އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.