ދަރަވަންދޫ ކައުންސިލުން އެރަށު 230 ގޭގެ ނަންބޯޑުހަދާ، ހަރުކޮށްފި

21077627_1033905020082866_3735423400770928996_n.jpg

ދަރަވަންދޫ ކައުންސިލްގެ މުވައްޒަފުން އެރަށުގެ ގެއެއްގެ ނަންބޯޑު ހަރުކުރަނީ، މިޕްރޮޖެކްޓަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: ދަރަވަންދޫ ކައުންސިލް

ބ. ދަރަވަންދޫގެ އާންމުގޭގެ ތެރެއިން 230 ގެއެއްގެ ނަންބޯޑު އެރަށު ކައުންސިލުން ހަދައި ހަރުކޮށްފިއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ ކައުންސިލްގެ ބަޖެޓުން ކުރިޔަށް ގެންދިޔަ މިޕްރޮޖެކްޓަށް ފަނަރަހާހެއްހާ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ. ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު އީވީއަށް ވިދާޅުވީ މިޕްރޮޖެކްޓަކީ ދަރަވަންދޫގެ މަގުތަކާ، ގޭގޭގެ ނަންބޯޑު ނެތުމުގެ ސަބަބުން ދަތުރުވެރިންނާއި، ރަށުގެ އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއްކަމަށެވެ. އެގޮތުން މިކަމަށް އެދޭ ފަރާތްތަކަށް އާންމުކޮށް ކައުންސިލުން ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބުނުކަމަށް މާޖިދު ވިދާޅުވިއެވެ.

“އާންމުކޮށް ދަތުރުވެރިންނާ، ފަތުރުވެރިންނަށްވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަން އަޅުގަނޑުމެން ކައުންސިލް މެމްބަރުންނަށް ފާހަގަކުރެވިގެން އެކަން ހައްލުކުރުމަށް ހިންގި ޕްރޮޖެކްޓެއް ޕްރޮޖެކްޓަކީ. ރަށުގެ އައްޑިހަ ޕަސެންޓް ގޭގެ ބޯޑު ހަރުކޮށް މިހާރު އެހުރީ ނިމިފަ. ނަންބޯޑުގައި މިހާރު ހުންނާނެ ދިވެއްސާ، އިގިރޭސިބަހުން ގޭގެނަން، އަދި މަގުގެ ނަމާ، ގޭގެ ނަމްބަރ އެގެން” މާޖިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހި ނިމުނު އިރު 230 ގެއެއްގެ ބޯޑު ހަދާ ނިމިފައިވާކަމަށާ، ބާކީހުރި ގޭގޭގެ ބޯޑުތައް ނެހެދިހުރީ އެގޭގޭގެ ވެރިފަރާތުން އެކަމަށް ނޭދި ހުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ދެވަނަ ފިޔަވަހީގައި އެގެތަކުގެ ބޯޑު ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

“ވަރަށް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބުނު މިޕްރޮޖެކްޓަށް. އަދި ވަރަށް ގިނަ ތައުރީފުގެ ބަސްތައްވެސް އާންމުންގެ ފަރާތުން ލިބުނު. މިހާރު ވާނީ ދެވަނަ ފިޔަވައްސަށް އިޢްލާންކޮށްފައި. މިފިޔަވަހީގައި ރަށުގެ ހުރިހާ ގެއަކާއި، މަގުތައްވެސް ނިމޭނެކަމަށް މިބަލަނީ”

މާޖިދު ވިދާޅުވީ އިޖްތިމާއީ މިފަދަ ޕްރޮޖެކްޓްތަކަކީ ކޮންމެހެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަންކަމަށާ، މިފަދަ ހަރަކާތްތަކުގައި އަބަދުވެސް ދަރަވަންދޫ ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާކަމަށެވެ.

ދަރަވަންދޫ ކައުންސިލުން އެރަށު ހުރިހާ ގެއެއްގެ ނަންބޯޑު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އީވީއަށް އެނގިފައިވާ ގޮތުގައި މިއީ ބ. އަތޮޅުގެ ރަށެއްގެ ކައުންސިލުން މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top