ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ކެއްތެރިކަން މުހިއްމު

fighting.png

ދަރިން ތަރުބިއްޔަތު ކުރުމާއި އެ ދަރިންގެ އަހުލާގާ ދޭތެރޭ ވިސްނޭނީ އެ ކުއްޖެއްގެ އުމުރާއި ކުއްޖާ ހެދިބޮޑުވަމުން އަންނަ ގޮތަށް ބަލައި އަދި ކުއްޖާގެ މިޒާޖާއި އެނޫން ވެސް ކުއްޖާއާ ބެހޭ އެތަކެއް ކަންތައްތަކަށް ބެލުމަށް ފަހުގަ އެވެ. ނަމަވެސް ދަރިންގެ އަހުލާގު ރަނގަޅުކުރުމަށް އެންމެ ކުޑައިރުއްސުރެ މައިންބަފައިންނަށް ކުރެވިދާނެ ބައެއް ކަންތައްތައް ހުންނާނެ އެވެ.

ދަރިއަކު ތަރުބިއްޔަތު ކުރުމުގައި ކެތްތެރިކަން މަޑުމައިތިރިކަން އޭގެ އިންތިހާއަށް ބޭނުންވާނެ އެވެ. ކުޑަކުދިންނަކީ އެކުދިންގެ ޒާތުގައި ވަރަށް މިނިވަން ބައެކެވެ. އެހެންކަމުން ގަވާއިދުތަކަކުން އެކުދިން ބަނދެލުމަކީ ބެލެނިވެރިންގެ ހައިސިއްޔަތުން ކުރުން އެހާ ހިތްހަމަޖެހޭނެ ކަމަކަށް ނުވާނެ އެވެ.

ކޮންމެ ފައިސާފޮއްޗެއްގެ ވެސް ދެ ފުށް އޮންނަ ގޮތަށް ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް މެދު މިންވަރެއް ގެންގުޅެން ޖެހޭނެ އެވެ. ހުރިހާ ކަމެއް އެކުދިން ބޭނުން ގޮތަކަށް ކުރުމުގެ މިނިވަންކަން ނުދީ އަދި ހުރިހާ ކަމެއް މަނާ ވެސް ނުކޮށެވެ. މިގޮތަށް ބެލެންސް ގޮތެއްގައި ކުދިންގެ ކަންތައްތައް ބެލެހެއްޓޭ ނަމަ ލަނޑުދަނޑި ހާސިލުކުރަން ފަސޭހަވާނެ އެވެ.

ބަސްއަހާ ކުދިން ލިބެނީ ހަމައެކަނި ނަސީބު އެހީވެގެނެއް ނޫނެވެ. ކުދިން ބަސްއެހުވުމުގައި މައިންބަފައިންގެ ހިއްސާ ވަރަށް ބޮޑެވެ. ކުދިންގެ މިޒާޖަށް އަސަރު ކުރަނީ ކޮން ކަހަލަ ކަންތައްތަކަކުން ކަން ހޯދިއްޖެ ނަމަ އެކުދިންނާ ދޭތެރޭ ކަންތައްތައް ކުރަންވީ ގޮތް އެނގޭނެ އެވެ. ނަމަވެސް ބޭރު ފުށުން ކުއްޖާ އަށް މައިންބަފައިން ކަންތައްތައް ކޮށްދޭ ގޮތުން ވެސް ކުއްޖާގެ އަހުލާގަށް ބަދަލު އަންނާނެ އެވެ. މިސާލަކަށް ކުއްޖާ ދިރިއުޅޭ ތަނަކީ މަޑުމައިތިރި، އަރާމު އަދި އިންތިޒާމްތައް ރަނގަޅު ތަނެއް ނަމަ ކުދިން ބަސް އެހުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.

ކުދިން ކުޅެން ދޭ އެއްޗެއްސަކީ އެކުދިން ގަޔާވާ، އެކުދިންގެ އުމުރާ ގުޅޭ އެއްޗެތި ނަމަ އެކުދިންނަށް އެތަކެތިން މުނިފޫހިފިލާނެ އެވެ. ވަކި ގަވާއިދަކުން ކުދިންގެ ކަންތައްތައް ކުރާ ނަމަ އެ ގަޑިއެއްގައި ކުރަން ޖެހޭނީ މިވެނި ކަމެއްކަން ކުދިންނަށް އޮންނާނީ ދުރާލާ އެނގިފަ އެވެ. މިގޮތުން ކުރިން ރާވާފައި ހުންނަ ކަންތައްތަކާއި ކުރިން ނުރާވާ ކުރާ ކަންތައްތައް އަދި މަޑުން ތިބެން ޖެހޭ ގަޑިތަކާއި ކުޅެން ޖެހޭ ގަޑިތައް ވަކި ގަވާއިދަކުން ގެންދާ ނަމަ އެކުދިންނަށް އެކަންތައްތައް ހުންނާނީ ދަސްވެފަ އެވެ. އެގޮތުން ދުވާލެއްގެ ކޮންމެވެސް ގަޑިއެއް ގެއިން ބޭރުގައި ވެސް އެކުދިންނަށް އުޅެލާނެ ވަގުތުކޮޅެއް ހޯދައިދިނުން މުހިއްމެވެ.

ކުޑަކުދިންނަށް ނިދާ ގަޑިއަކީ ވެސް ކޮންމެވެސް ގަވާއިދަކުން ގެންދަން ޖެހޭ ކަމެކެވެ. ނިދާ ގަޑި އާއި ހޭލާ ގަޑި ކޮންމެ ދުވަހަކު ވެސް އެއް ވަގުތަކަށް ހަދައިފި ނަމަ އެކުދިންނަށް އެފަދަ ކަންތައްތަކަށް ވެސް އާދަވާނެ އެވެ. ކުދިންނަށް ގަޑިން ގަޑިއަށް ކާންދިނުން ވެސް މުހިއްމެވެ. އަދި ކާ ގަޑިތައް ފިޔަވައި އެހެން ގަޑިގަޑީގައި ދޭ ކާނާ އަކީ ވެސް ކުދިންގެ ސިއްހަތަށް ފައިދާ ހުރި އެއްޗިއްސަށް ހަދަން ޖެހެ އެވެ.

ކުޑަކުދިން އެކުދިންގެ އުމުރުގެ ކުދިންނާ އެކު ކުޅެން ބޭނުންވާނެ އެވެ. އެގޮތުން ކުޑަކުދިން ވަރަށް ފަސޭހައިން އެހެން ކުދިން ކުރާ ކަންތައްތައް ކޮޕީ ކުރާނެ އެވެ. މިސާލަކަށް ކުދިން ގައިގައި ޖަހާ ހަދަން ދަސްކޮށްފާނެ އެވެ. ނުވަތަ އެނޫން ވެސް ގޯސް ކަމެއް ކުރަން ދަސްކޮށްފާނެ އެވެ. މިއީ ވެސް މާ ބޮޑު ކަމަކަށް ނުހަދާ އެކުދިންގެ ކިބައިން ފޮހެލެވިދާނެ އާދައެކެވެ. ޓީވީ ގޭމްތަކާއި ޓީވީ ޝޯތައް މާ ގިނައިން ދެއްކުމަކީ ކުދިންނަށް ނުރަނގަޅު އަސަރުތައް ކުރާ ކަމެކެވެ. ހާއްސަކޮށް މާ ވަރުގަދަކަން ދައްކުވައިދޭ ތަޅާފޮޅުން ގިނަ ފިލްމުތަކާއި ގޭމްތައް ކުދިންނަށް ކުޅެންދީ ބަލަން ފުރުސަތު ދިނުމަކީ ކުދިންގެ އަހުލާގަށް ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ މައްސަލަތަކަކީ ދެމަފިރިން ވެސް ވަރަށް ގިނައިން އަރައިރުންވެ ދެބަސްވާން މެދުވެރިވާ ސަބަބަކަށް ވެ އެވެ. ނަމަވެސް މިގޮތަށް ކުދިން ކުރިމަތީ އެއްވެސް ވަރަކަށް ދެބަސްވެ ޒުވާބު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މަންމަ އާއި ބައްޕަ ޓީމެއްގެ ގޮތުގައި ގުޅިގެން އެކުވެރިކަމާ އެކު އުޅޭތަން ފެނުމަކީ ކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ. މީގެ އިތުރުން ދުރު މުސްތަގުބަލަކަށް ވިސްނައިގެން ކުދިންގެ އަހުލާގު ބަހައްޓަން ޖެހޭ ގޮތުގެ ޕްލޭނެއް ރާވާލަން ޖެހެ އެވެ. އެގޮތުން ކުއްޖާ އަށް އަހުލާގު ދަށްކަމެއް ކުރެވިއްޖެ ނަމަ އަދަބު ދިނުމާއި އެކަންތައްތައް ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ވެސް ކުރިން ކަނޑައަޅާފައި ބާއްވަން ޖެހެ އެވެ. އެހެން ނޫނީ ކުއްޖާ އަށް ގޯސްކޮށް ކުރެވޭ ކަމަކަށް ކުއްލިއަކަށް ރުޅިއައިސް ހަޅޭއްލަވައިގަނެވި ނުވަތަ އަނިޔާއެއް ދެވިދާނެ އެވެ.

ކުދިންނަށް ވެސް ގޯސްކަންތައް ވެސް ކުރެވޭނެކަން ގަބޫލުކޮށް އެފަދަ ކަންތައްތަކާ ކުރިމަތިލާނެ ގޮތް ދެމަފިރިން ވާހަކަ ދައްކައިގެން ހަމަޖައްސާފައިވާ ނަމަ ކެތްތެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާ އެ އެކު މައްސަލައަކާ ކުރިމަތިލާން އުނދަގުލެއް ނުވާނެ އެވެ. ކުދިން ކުރާ ރަނގަޅު ކަންތައްތަކަށް ހިތްވަރުދީ ގޯސްކޮށް ކުރެވޭ ކަންތައްތައް ފާހަގަކޮށް ދެން ފަހަރަކުން އެގޮތަށް ކަންތައް ނުކުރުމަށް ހިތްވަރު ދިނުމަކީ ވެސް ކުދިންގެ އަހުލާގު ރަނގަޅުވުމަށް މަގުފަހިވާނެ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top