އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް
(12 ޖުލައި އާއި ގުޅޭ ) މިކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލަމާތޯއެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް ފެށިގެން އައިރު، ކީރިތި ރަސޫލާ އެމަސައްކަތް އެންމެ ފުރަތަމަ ކުރެއްވީ ސިއްރިޔާތުގައި ޚުސޫސީ (ޕްރައިވެޓް) ސިފައެއްގައެވެ. އާއިލީ ބޭފުޅުންނަށާއި އަދި ގާތް އެކުވެރި ރަހުމަތްތެރިންނަށް އަމާޒު ކުރައްވައިގެންނެވެ. “وأنذر عشيرتك الأقربين”، ‘ކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ މީހުންނަށް (އިސްލާމް ދީނަށް ދައުވަތުދެއްވައި) އިންޒާރު ދެއްވާށެވެ’ (އައްޝުޢަރާއު ސޫރަތް 215) މިއާޔަތުގައި އިރުޝާދު އެރުވިފައިވާ ގޮތުގެ މަތީންނެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް މިފަދަ ވަންހަނާ ގޮތެއްގައި ވަކި ބަޔަކަށް އަމާޒު ކުރެވިގެން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވުނެވެ. فاصدع بما تؤمر وأعرض عن المشركين، ‘ކަލޭގެފާނަށް އަމުރުކުރެއްވޭ ކަންތަކާއިގެން (އިސްލާމީ ދައުވަތުގެ މަސައްކަތާއިގެން) ފާޅުގައި ކުރިއަށް ވަޑައިގަންނަވާށެވެ. އަދި، މުޝްރިކުން (ގެ އުނދަގޫ ކުރުމާއިމެދު) އަޅާނުލައްވާށެވެ،’ (އަލް ޙިޖްރު ސޫރަތުގެ 94) މިއާޔަތް ބާވާލެވެންދެނެވެ. އިލާހީ މިއަމުރުފުޅު އައުމުން، ދެން، އިސްލާމީ ދައުވަތް ފާޅުކޮށްލެވި، އެންމެންގެ ތެރޭގައި އާއްމުކޮށްލެވުނެވެ. ކީރިތި ރަސޫލާ، މައްކާގެ އެންމެން އެއްކުރައްވައި، އެންމެންގެ ކުރިމަތީ، އެކަލޭގެފާނުގެ ދައުވަތު އިއުލާނު ކުރެއްވިއެވެ.
އިސްލާމީ ދައުވަތު އާއްމުކުރެވުމާއި ވިދިގެން މައްކާގެ އަހުލުވެރިން، އާއްމުގޮތެއްގައި، ކީރިތި ރަސޫލާއާ ދެބަސްވެ އިސްލާމީ ދައުވަތާއި އިދިކޮޅުހެއްޖެވެ. އަދި ދުވަސްކޮޅަކަށް ފަހު، މިއިދިކޮޅުވުން، ދެކޮޅުވެރި ކަމަށް ބަދަލުވިއެވެ. ދެން، މިދެކޮޅުވެރިކަން ހަތުރުވެރިކަމަށް ބަދަލުވިއެވެ. އަދި މިހަތުރުވެރިކަން އެކިއެކި ސިފައިގައި ފާޅުކުރެވުނެވެ. އެންމެ ފުރަތަމަ އަނގަ ބަހުންނެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް މަލާމާތްކޮށް ހަޑިހުތުރު އެއްޗެހި ކިޔައި ފުރައްސާރަކޮށެވެ. އެކަލޭގެފާނަކީ މޮޔައެއްކަމާއި ސިހުރުވެރިއެއްކަމާއި ޖިންނި އަވަލަވާފައި ހުންނެވި ބޭފުޅެއްކަމާއި އަދި މިނޫންވެސް މިފަދަ އެހެން އިބާރާތްތައް ބޭނުން ކޮށްގެންނެވެ. އަދި މީގެ އިތުރުން، މައްކާގެ އަހުލުވެރިން، އެމީހުންގެ ހިތްތަކުގައި، ކީރިތި ރަސޫލާއާއި މުސްލިމުންނާ ދޭތެރޭ އޮތް ހަތުރުވެރިކަން އަމަލީ ގޮތެއްގައިވެސް ފާޅުކުރިއެވެ. ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް ދަތިތަކާއި އުނދަގޫތައް މެދުވެރިކޮށް ގެންނެވެ. އަނިޔާއާއި ހާނިއްކަވެސް ކޮށްގެންނެވެ. ޚާއްސަގޮތެއްގައި، މައްކާގެ އިޖުތިމާއީ-އިގްތިސާދީ ހަރުގަނޑުގެ ތިރީ ހަރުފަތްތަކުގައި ހިމެނުނު، ބިލާލު ބިން ރަބާޙު އާއި ސުމައްޔާ ފަދަ އަޅުންނާއި ދެރަ ނިކަމެތި ފަގީރުންނަށް ހާނީއްކަކޮށް އަނިޔާ ކޮށްގެންނެވެ. ބިލާލުގެފާނު މައްކާގެ މަގު މައްޗަށްނެރެ، ބިންމަތީ ބާއްވައި ގައިކޮޅަށް ހޫނު ބޮޑެތިހިލަ އަރުވައި އަނިޔާ ކުރެވުނެވެ. އަދި ސުމައްޔާއަށް އަނިޔާކޮށް އެކަމަނާ އަވަހާރަކޮށްލެވުނެވެ. އާދެ، އިސްލާމީ ދައުވަތް އާއްމުކޮށްލެވުމާ ވިދިގެން މުއުމިނުންނަށް މިދެންނެވިފަދަ ވަރުގަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނެވެ. އެމީހުންގެ އަގީދާއަށް ލޮޅުން އަރުވާލައި، އެއަގީދާއަށް ފުރަގަސް ދޭން މަޖުބޫރު ކުރުވާފަދަ ވަރުގަދަ އިމްތިހާނުތަކާއެވެ.
މިފަދަ ދަނޑިވަޅެއްގައި، ކީރިތި ޤުރުއާނުގައި، ކިރިތި ރަސޫލާއަށާއި މުސްލިމުންނަށް އިރުޝާދު ދެވިފައިވަނީ ނަމާދު ކުރުމަށާއި އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. އަދި މިކަމުން ބާރާއި ހިތްވަރު ލިބިގަނެ، އުނދަގޫތަކަށް ކެތްކުރުމަށެވެ. މައްކީ ދައުރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު އަލްމުއްޒައްމިލު ސޫރަތުގެ މިއާޔަތްކޮޅަށް ބަލައިލުމުން މިކަން ދޭހަވެއެވެ. يا أيها المزمل قم الليل إلا قليلا، نصفه أو انقص منه قليلا، أو زد عليه ورتل القرآن ترتيلا، إنا سنلقي عليك قولا ثقيلا، ‘އޭ ރަޖާކޮޅު އަޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (މިތަނުގައި މުޚާތަބު ކުރެވެނީ ކީރިތި ރަސޫލާއަށެވެ، އަދި ‘ރަޖާކޮޅު އަޅުއްވައިގެން އޮތުން’ އިޝާރަތް ކުރެވެނީ އެކަލޭގެފާނު ހިރާ ފަރުބަދައިގައި އިންނަވަނިކޮށް ޖިބްރިލުގެފާނު ވަޑައިގެން، ފުރަތަމަ ވަހީގެ ތަޖުރިބާ ކުރެއްވުމަށްފަހު، ބިރުފުޅުގެން ވަޑައިގެން، ގެކޮޅަށް އެނބުރިވަޑައިގަނެ، ‘ޒައްމިލޫނީ ޒައްމިލޫނީ’ [ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ! ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ!) މިހެން ވިދާޅުވި ވިދާޅުވުމާއެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ ނަފްސާނީ ގޮތުން އެކަލޭގެފާނު އިސްލާމި ދައުވަތުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ތައްޔާރުވެ ވަޑައިގަންނަވަން ޖެހޭކަމެވެ. މިސޫރަތުގައި އެކަމާ ގުޅޭގޮތުން ނަމާދު ކުރުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށް އިރުޝާދު ދެވިފައިވެއެވެ.) ރޭގަނޑުގައި ކުޑަ ހިނދުކޮޅެއްފިޔަވައި (ނަމާދު ކުރެއްވުމުގައި) ކަލޭގެފާނު ހުންނަވާށެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި (ނަމާދު ކުރައްވާށެވެ). ނުވަތަ (ދެބައި ކުޅައެއްބަޔަށްވުރެ) މަދުކޮށްލައްވައި (އެވަގުތުގައި ނަމާދު ކުރައްވާށެވެ.) ނުވަތަ (އެވަގުތު ކޮޅަށް އަދި) ކުޑަ އިރުކޮޅެއް އިތުރުކޮށްލައްވައި (ނަމާދު ކުރައްވާށެވެ.) އަދި ލަސްލަހުން (ވިސްނިވަޑައިގަންނަވާ ގޮތެއްގައި) ކަލޭގެ ފާނު (ކީރިތި) ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. ކަލޭގެފާނުގެ މައްޗަށް (ބުރަ މަސައްކަތެއްގެ) ވާހަކަ (އިސްލާމީ ދައުވަތުގެ މަސައްކަތުގެ ވާހަކަ) ތިމަންﷲ ބާވާލައްވާ ހުރީމުއެވެ’ (އަލްމުއްޒައްމިލު ސޫރަތް 5-1). މިގޮތުގައި ކީރިތި ރަސޫލާއާއި އަދި މުސްލިމުންވެސް ނަމާދު ކުރެއްވުން މަތީ ދެމިތިއްބެވިކަން، ދެންމެ މިނަންގަތް އާޔަތްތަކުގެ ތަންކޮޅެއްފަހުން ބާވާލެއްވުނު، ހަމަ މިސޫރަތުގެ 20 ވަނަ އާޔަތުން އެނގެއެވެ. إن ربك يعلم أنك تقوم أدني من ثلثي الليل ونصفه وطائفة من الذين معك… ހަމަ ކަށަވަރުން ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ، ކަލޭގެފާނު(ދަމު ނަމާދު) ގާއިމު ކުރައްވާކަން ދެނެވޮޑިގެން ވެއެވެ. ރޭގަނޑުގެ ތިންބައިކުޅަ ދެބަޔެއްހާ އިރުއެވެ. ނުވަތަ ދެބައި ކުޅައެއްބައިގައެވެ. ނުވަތަ ތިންބައިކުޅަ އެއްބައިގައެވެ. އަދި (މިއަޅުކަމުގައި) ކަލޭގެފާނާއި އެކު ވާ މީހުންގެ ތެރެއިންބަޔަކު ވެސް (އެބަހީ އަސްހާބު ބޭކަލުންގެ ބަޔަކުވެސް ދެމި ތިއްބަވާ) މެއެވެ…’ މިއާޔަތުގައެވެ.
ކުރިންވެސް ނަންގަނެވި ދިޔަފަދައިން، އަލްފާތިޙާ ސޫރަތް ބާވާލެއްވުނީ އިސްލާމީ ދަޢުވަތުގެ އެންމެ ކުރީކޮޅުގައެވެ. ދަޢުވަތް އާއްމުކުރުމުގެ ވެސް ކުރީގައެވެ. ޝައިޚު ރަޝީދު ރިޟާގެ ތަފްސީރުލް މަނާރުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، މީހަކު އިސްލާންވުމުން، އެންމެފުރަތަމަ، އެމީހަކަށް، ދަސްކޮށްދެވޭ ސޫރަތެއް ކަމުގައި އަލްފާތިޙާ ސޫރަތް ވިއެވެ. (ތަފްސީރުލްމަނާރު 84/1.) މިއިން ދޭހަވަނީ، އެންމެ އިހުގައި ވެސް، މުސްލިމުން، އެންމެ ކުރިން ދަސްކުރާ ސޫރަތެއް ކަމުގައި މިސޫރަތްވީ ކަމެވެ. ފަރުޟު ފަސްނަމާދު ކުރުމުގެ ހުކުމް ބާވާލެއްވުނީ މައްކީ ދައުރުގެ ފަހުކޮޅު ކަމުގައިވިޔަސް، މަތީގައި ބަޔާން ކުރެވުނު އާޔަތްތަކުންނާއި އަދި ކީރިތި ރަސޫލާގެ ސީރަތުނާއި އަދި، ތިރީގައި ނަންގެނެވިފައިވާ ފަދަ، ނަމާދާއި ބެހޭ އެހެން ބައެއް ދިރާސާތުތަކުންވެސް އެނގޭން އޮތް ފަދައިން، އިސްލާމީ ދައުވަތުގެ އެންމެ ކުރީކޮޅުއް ސުރެން ފެށިގެންވެސް، ނަމާދު ކުރެވުނެވެ. ހެނދު މާއިރާ އާއި އަދި ހަވީރުގެ ވަގުތުގައި ކުރެވުނު ދެ ރަކުޢަތުގެ ނަމާދެކެވެ. ކީރިތި ރަސޫލާ، ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށް، އިރުޝާދު ދެއްވައިފައި ވުމާއިއެކު، ނަމާދުގައި އަބަދުވެސް މިސޫރަތް ކިޔެވުނު ކަމަށް، މިކަމުން، ދަލީލު ލިބެއެވެ. މިގޮތުގެ މަތިން ހުރިހާ ހާލަތެއްގައިވެސް މާތްﷲގެ ކިބަފުޅަށް ހަމްދުކޮށް، އެކަލާނގެ އަށް ތައުޡީމު އަދާ ކުރުންމަތީ ކީރިތި ރަސޫލާއާއި މުސްލިމުން ދެމިތިއްބެވެ. ‘ތެދުމަގު’ ލިބުން އެދި ދަންނަވާލަ ދަންނަވާލައެވެ. އެމަގުގައި ނުގުޑާގޮތެއްގައި ފައިތިލަ ސާބިތުކޮށް ގެންތިބުމަށްޓަކައެވެ. (ސިޔަރަތު އިބްނު ހިޝާމް 1/2ވަނަ ޖިލްދުގެ243 އަދި 263ވަނަ ސަފްހާ އަދި ޖަވާދު ޢަލީގެ އިސްލާމް ދީނުގައި ނަމާދުގެ ތާރީޚްގެ 23 ވަނަ ސަފުހާ.)
ނަމާދުކޮށް ތެދުމަގު ލިބުމަށް އެދި ދުއާ ކުރުމުގެ ތައުސީރާއި މައުނަވީ ބާރު، ބިލާލުގެފާނުގެ ކިބައިން އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. އެކަލާގެފާނުގެ މޭފުޅުމައްޗަށް ހޫނު ބަރު ހިލައަރުވައި ފިއްސަމުން، އެކަލޭގެފާނަށް އަނިޔާކުރި މީހުން، އެމީހުންގެ ދީނަށް އެނބުރި އައުމަށް އެކަލޭގެފާނަށް އަމުރު ކުރަމުން ދިޔައިރު، އެކަލޭގެފާނު ވިދާޅު ވަމުން ގެންދެވި ‘އަޙަދް، އަޙަދް’ ‘ހަމަ އެންމެ، އެއްކައުވަންތަ އިލާހެކެވެ، ހަމަ އެންމެ އެއްކައުވަންތަ އިލާހެކެވެ’ މިބަސްފުޅުންނެވެ. އަދި ހަމަ އެހެންމެ ސުމައްޔަތުގެފާނަށް އަނިޔާކޮށް އެކަމަނާފާނު އަވަހާރަކޮށްލެވުނު އިރުވެސް އީމާންކަންމަތީ ދެމިހުންނެވި ދެމިހުންނެވުމުންނެވެ. (މުސްލިމުންނަށް މައްކާގައި ކުރެވިދިޔަ އަނިޔާތަކުގެ ވާހަކައިން ކޮންމެވެސް މިންވަރެއް އިބްނު ހިޝާމު އޭނާގެ އައްސީރާ އައްނަބަވިއްޔާގައި ލިޔުއްވާފައިވެއެވެ. އޭނާގެ ސީރަތުގެ 1/2ޖިލްދުގެ 321-317.) އަދި މީގެ އިތުރުން، ކުށް ކުރެވޭ ހިނދު، އަސްހާބު ބޭކަލުން އަމިއްލައަށް ކީރިތި ރަސޫލާގެ އަރިއަހަށް ވަޑައިގެން ކުށަށް އިއުތިރާފުވެ ތައުބާވުމަށް އަވަސްވެވަޑައިގަތުމުން ވެސް، ނަމާދުގެ އަޅުކަމާއި އަލްފާތިޙާ ސޫރަތް ކިޔަވައި ތެދުމަގު ލިބިގަތުމަށް އެދި ކުރެވޭ ދުއާގެ އަސަރު ފެނެއެވެ. ކީރިތި ރަސޫލާގެ ދުވަސް ވަރު، ޒިނޭކުރުމަށްފަހު ތައުބާވި ޣާމިދީ ވަންހައިގެ އަންހެނާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާގެ ތައުބާއާއި ބެހޭގޮތުން، އިމާމު މުސްލިމު، އޭނާގެ ސަޙީޙު ހަދީސް ފޮތުގައި ރިވާކުރައްވައިފައި ވެއެވެ. މިހަދީސްގައިވަނީ، އެކަނބުލޭގެ އަމިއްލަ އެދުމުގެ މަތިން، އެކަނބުލޭގެ، ރަޖަމު ކުރެވި އަދަބު ދެވުނު ހިނދު، ޚާލިދު ބިން ވަލީދު އެކަނބުލޭގެއަށް ނިސްބަތްކޮށް ބަދުބަހެއް ވިދާޅުވުމުން، ޚާލިދުގެފާނާއި މުޚާތަބުކޮށް ކީރިތި ރަސޫލާ ވިދާޅުވި ބަސްފުޅެކެވެ. އެކަލޭގެފާނު، ޚާލިދުގެފާނާއި މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. “އެކަނބުލޭގެ ތައުބާވުން މަދީނާގެ ހަތްދިހަ މީހުންގެ މައްޗަށް ބަހާލެވުނަސް ފުދުނީހެވެ! ތިމާގެ އަމިއްލަ ނަފްސު، ގަދަކީރިތިވަންތަ މާތްﷲއަށްޓަކައި އެހާ ދީލަތި ގޮތެއްގައި ހޭދަކޮށްލި، އޭނާއަށްވުރެ ވަކީން އިތުރު އެހެން މާތް މީހަކު ކަލޭގެފާނަށް ފެނިވަޑައިގެންފައި ވޭތޯއެވެ؟”
އާދެ، މިދެންނެވި ކަންކަމުން ދަލީލު ލިބިގަންނަން މަސައްކަތްކުރެވެނީ އަލްފާތިޙާ ސޫރަތަކީ މުއުމިނުންނަށް ތެދުމަގުގައި ދެމިތިބުމަށް އެހީވެދޭ ސޫރަތެއް ކަމުގައެވެ. ޝައްކެއްނެތް ގޮތުގައި، ހޭލުންތެރިކަމާއިއެކު ނަމާދުގައި، އެސޫރަތް ކިޔަވައި، މާތްﷲގެ ހަޟްރަތުގައި، އެނގިހުރެ، ތެދުމަގު އަދައިދަންނަވާ މީހަކަށް، އެގޮތުގައި ހުރުމުގެ ހިތްވަރާއި ބާރު ލިބިދޭކަން، މިދެންނެވި ކަންކަމުން އެނގި ސާފުވެއެވެ. ބިލާލު ބިން ރަބާހުއާއި އަދި ސުމައްޔާ އަދި ޣާމިދީ އަންހެންނާގެ އީމާންކަން ފަދައިން ތިމާގެ އީމާންކަން ވަރުގަދަވެ، އިލާހީ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށް، އަލްފާތިޙާ ސޫރަތް އެހީވެދެއެވެ. އަދި އެމަގުން ފައިތިލަ ކައްސާލައިގެންދާ ވަގުތުގައި މާތްﷲއަށް ތައުބާވެ، އެމަގަށް އަވަހަށް ރުޖޫއަވެދިޔުމަށް ވެސް މެއެވެ.
އާދެ، މިހިސާބުން އަލްފާތިޙާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރުގެ ވާހަކަ ނިމުނީއެވެ. މިހިސާބަށް މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތައުފީގު ދެއްވިކަމަށްޓަކައި މާތްﷲ ޙަޟްރަތަށް ޙަމްދު ކުރަމެވެ. ދެން ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލް ބަޤަރާ ސޫރަތުގެ މާނައިގެ މައްޗަށެވެ. އަލްބަޤަރާ ސޫރަތަކީ، ކުރިންވެސް ނަންގަނެވިދިޔަހެން، އަލްފާތިޙާ ސޫރަތުގައި ކުރެވުނު ދުޢާގެ އިޖާބައެވެ. ތެދު މަގު ހޯދަން މާތްﷲގެ ޙަޟުރަތުގައި ދެންނެވި ދެންނެވުމުގެ ޖަވާބެވެ. މާތްﷲ މުއުމިނުންނަށް ދައްކަވައިފައިވާ ތެދުމަގު ބަޔާން ކުރެއްވުމުގެ ފެށުމެވެ. އެހެންވެ، އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއުއަކީ ހިދާޔަތުގެ ވާހަކައެވެ. 286 އާޔަތުގެ މައްޗަށް އެކުލެވޭ، މިސޫރަތުގެ މައިގަނޑު މައުޟޫއުއާ ގުޅޭ ސާނަވީ މައުޟޫތަކަށް ރިއާޔަތްކޮށް ހަތަރު ފަސް ބަޔަކަށް، އަލްބަޤަރާ ސޫރަތް ބަހާލެވިދާނެއެވެ. މިބައިތަކުގެ ތަފްސީލު ދެން އަންނަ ހަލަގާއެއްގައި ގެނެސް ދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަމެވެ.