ރާއްޖޭގައި އުމުރުން ފަސް އަހަރާއި އެގާރަ އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން ފަސް އަހަރާ އެގާރަ އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށާއި، މިއަދުން ފެށިގެން އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭނެ ކަމަށެވެ.
އެގޮތުން، މާލޭގެ ވެކްސިން ސެންޓަރުތަކާއި ރާއްޖެތެރޭގެ ހޮސްޕިޓަލްތަކުންނާއި ހެލްތު ސެންޓަރުތަކުން ވެކްސިން ލިބެން ހުންނާނެ ކަމަށް އެ އޭޖެންސީން ބުނެއެވެ.
މީގެ އިތުރުން، އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާތަކުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށާއި، ވެކްސިން ޑޯޒްތަކާއި ބޫސްޓާ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލްގެ އިތުުރުން، ދަމަނަވެށީގައެވެ.
ރާއްޖޭގައި މިހާތަނަށް 399،178 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، 385،099 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ. ބޫސްޓަ ޑޯޒްގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 1،523 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް 185،723 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 311 މީހަކު ވަނީ އެ ބަލީގައި މަރުވައެފެވެ.