ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

IMG_3164.jpg

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، ދައުލަތުގެ ބަޖެޓުން ރައްކާ ކުރެވޭނެ ދާއިރާތައް ބަލައި، އެކަމުގެ ޕްލޭނެއް ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

“ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލް ވާނެ އަދަދަށް ވެސް ބަދަލު އަންނާނެ މިހާ ބޮޑު މާކެޓް ވޮލަޓިލަޓީއެއް އައިމާ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ވަގުތަށް ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހާއި އަސާސީ ކާބޯތަކެތީގެ ސްޓޮކް އެބަހުރި ކަމަށެވެ.

ހަނގުރާމަ ހުއްޓުމަކަށް އަޔަސް އާންމު ހާލަތަށް ދާން އެންމެ މަދުވެގެން ވެސް ހަތަރު މަސް ދުވަސް ނަގާނެ ކަމަށް އެނަލިސްޓުން ފާހަގަކުރާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ޕްލޭންގައި ހުރި މުހިންމު ކަންކަން ސަރުކާރުން ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ޕްލޭން ފަހަރުގައި އާއްމު ނުކުރި ނަމަވެސް އޭގައި ހުރި މުހިއްމު ކަންކަން ހާމަކުރާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުވެސް ހަރަދު ކުޑަކުރުމަށް ބައެއް މަސައްކަތްތައް ކުރާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލުމަށް އިރުޝާދު ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top