ލޯކަލް ކައުންސިލް އިންތިހާބު 2021 ގައި އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ބަހުސްގައި އެމްޑީޕީގެ ކެނޑިޑޭޓުން ބައިވެރިވާނެކަން އެޕާޓީގެ އޭދަފުށީ އޮފީހުން ކަށަވަރު ކޮށްދީފިއެވެ.
މިފަހަރުގެ ބަހުސް ބާއްވަނީ އޭދަފުށީގައި ހިންގާ އޮންލައިން ދެ ނޫސް، އޭދަފުށީ ޓައިމްސް އާއި އޭދަފުށީ ވޮއިސް އަދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއާއި، އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބް ގުޅިގެން އުފައްދާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އިންތިޒާމް ކޮމެޓީން ހުކުރު ދުވަހު ބުނީ ބަހުސް ގައި ބައިވެރިވުމުގެ ދައުވަތު އެމްޑީޕީއާއި، ޕީޕީއެމް އަދި އަމިއްލަ ކެންޑިޑޭޓުންނަށް ދީފައިވާކަމަށެވެ.
އިންތިޒާމް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަދި އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާގެ ނާއިބުރައީސް އަލީ ރަފީއު ވިދާޅުވީ އެމްޑީޕީން ބަހުސުގައި ބައިވެރިވުމަށް މިއަދު އާނބަސް ބުނެފައިވާކަމަށާ، އެޕާޓީން ކުރިމަތިލެއްވި ހަތްކެނޑިޑޭޓުންވެސް ބަހުސްބައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ. އެމްޑީޕީން ބަހުސްގައި ބައިވެރިވާން ނިންމިއިރު ވާދަވެރި ޕީޕީއެމްއިން ވެސް ބަހުސްގައި ބައިވެރިވުމާމެދު މަޝްވަރާ ކުރެވެމުންދާ ކަމަށް އަލީ ވިދާޅުވިއެވެ.
“އެމްޑީޕީން މިއަދު އަޅުގަނޑުމެންނަށް ކަށަވަރުކޮށްދެއްވައިފި އެބޭފުޅުންގެ ހުރިހާ ކެނޑިޑޭޓުން ބައިވެރިވާނެކަން. ޕީޕީއެމް އާއެކުވެސް ނުރަސްމީކޮށް މަޝްވަރާ ކުރެވެމުން ދަނީ” އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ މިބަހުސް ބާއްވާނީ ކެންޑިޑޭޓުންނާ އެކު މަޝްވަރާ ކުރެވި އެއްބަސްވެވޭ ތާރީހެއްގައި ކަމަށާ، ބަހުސް ކުރިޔަށް ގެންދާނީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް އެއްބަސްވެވޭ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކެންޑިޑޭޓުންގެ ވަނަވަރާއި ތައާރަފެއް އެއް ސްޓޭޖަކުން ރައްޔިތުންނަށް ހުށައެޅުން ކަމަށެވެ.
“އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން ބަހުސްގެ ސަބަބުން ވޯޓް ދިނުމުގައި ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭކަމަށް.” އަލީ ވިދާޅުވިއެވެ.
އިންތިޒާމް ކޮމެޓީން ބުނެފައިވަނީ ބަހުސް ބާއްވާނީ ގިނަ ބަޔަކަށް އެއްފަހަރާ ޖަމާވެވޭފަދަ ތަނެއްގައިކަމަށާ، އަދި ފޭސްބުކުން މި ބަހުސް ލައިވް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އޭދަފުށީ ކައުންސިލްގެ މިދިޔަ 3 ދައުރުގެ ތެރެއިން ފުރަތަމަ ދައުރުވެސް އޭދަފުށީގައި ކައުންސިލްބަހުސް ބޭއްވިއެވެ. އެބަހުސްގައި އެމްޑީޕީއާއި، އަމިއްލަ ބައެއް ކެންޑިޑޭޓުން ބައިވެރިވިނަމަވެސް އޭރު ޑީއާރުޕީން ވާދަކުރި 5 ކެންޑިޑޭޓުން ބަހުސްގައި ބައިވެރި ނުވެއެވެ. 2014 އަދި 2017 ގައި ބަހުސެއް ނުބާއްވައެވެ.