“ރާޅު ގުޑި” އަށް ހަންޓޭއާއެކު ގޮއިދޫގެ 9 އެތުލީޓުން ފުރައިފި

26794021_10155551593673402_877910347_n.jpg

ރާޅު ގުޑި ޓުއާއަށް މިއަދު ގޮއިދޫން ފުރި އެތުލީޓުން ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން / އީވީ ފޮޓޯ: އަހްމަދު ރިޔާޒު

ބ. ގޮއިދޫން އަހްމަދު ރިޔާޒު

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ “ރާޅު ގުޑި” ކައިޓް ބޯޑިން ޓުއާގައި ބައިވެރިވުމަށް ބ. ގޮއިދޫގެ މަޝްހޫރު ކައިޓް ސާފަރ ހަސަން މާހިރު (ހަންޓޭ) އާއެކު އެރަށުގެ 9 އެތުލީޓަކު މިއަދު މާލެ ފުރައިފިއެވެ.

“ރާޅު ގުޑި” ކައިޓް ބޯޑިން ޓުއާ އަކީ ވިލިމާލެއިން ފެށިގެން ކައިޓްސާފްކޮށް 25 ކިލޯމީޓަރުގެ ދިގުރާސްތާއެއް ކަޑައްތުކުރުމަށްފަހު ކ. މާފުއްޓަށް ދިއުމަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޗެލެންޖެކެވެ.

މާފުށީ ޑައިވާސް އެންޑް ވޯޓާސްޕޯޓްސްއާއި ސްލޯޓޭޕް ޕްރޮޑަކްޝަން ގުޅިގެން ބާއްވާ މިއިވެންޓަށް ގޮއިދޫން މިއަދު ފުރި ޓީމްގައި ގޮއިދޫ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން 12 އަހަރުގެ 4 އެތުލީޓަކުވެސް ބައިވެރިވާނޭކަމަށް ގޮއިދޫ ވޯޓަރ ސްޕޯޓްސް އިން ބުނެއެވެ.

ގޮއިދޫ ވޯޓަރ ސްޕޯޓްސް އިން ވާހަކަ ދެއްކި ހަސަން ނިޒާމް ބުނީ މިޓްއާގައި ބައިވެރިވާން ނިންމީ މާފުށީ ޑައިވާސްގެ ދައުވަތު ލިބުމާއި، ގޮއިދޫ ކުދިންގެ ހުނަރު ދައްކާލަން ލިބުނު ފުރުސަތުގެ ބޭނުންކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނީ ގޮއިދޫ ސްކޫލްގެ 4 ދަރިވަރު ވެގެންދާނީ މިޓްއާގައި ބައިވެރިވާ އެންމެ ހަގު ބައިވެރިން ކަމުގައެވެ.

ރާޅު ގުޑި ޓުއާއަށް ގޮއިދޫން ދިޔަ އުމުރުން ސްކޫލް 4 ކުދިން / ފޮޓޯ: އަހްމަދު ރިޔާޒު

ހުކުރު ދުވަހު އޮންނަ މި އިވެންޓް ފެށޭނީ ވިލިމާލެއިންނެވެ. ގާތް ގަނޑަކަށް ދޮޅު ގަޑިއިރު ތެރޭ ކައިޓްސާފިންގައި މާފުއްްޓަށް ދެވޭނެ ކަމަށް އިވެންޓް އިންތިޒާމް ކުރާ ފަރާތުން ލަފާކުރެއެވެ.

ގޮއިދޫގެ މަޝްހޫރު ކައިޓް ސާފަރ ހަންޓޭއާއި، ހަސަން އަދި ޝުޖާއުވަނީ މިދިޔަ އަހަރު ޖުލައިމަހު ރެޑްބުލްއިން ލަންކާގެ ކޮލްޕިޓިއާ ބީޗްގައި ބޭއްވި ކައިޓް ސާފިންގް ޓުއާގައި ބައިވެރިވެ ދުނިޔޭގެ ޗެންޕިއަންއާއެކު ކައިޓް ސާފް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top