
އެސްޓީއޯ އޭދަފުށި ފިހާރަ ބިލްޑިންގް. އެސްޓީއޯއަށް އޭދަފުށިން އިތުރު 17000 އަކަފޫޓްގެ ބިން ދިނުމަށް ވަނީ ނިންމާފައި / އީވީ ފައިލް ފޮޓޯ
ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން “އެސްޓީއޯ”އަށް އޭދަފުށިން 17000 އަކަފޫޓްގެ ބިމެއް ދިނުމަށް އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.
އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ އެސްޓީއޯއިން މިކަމަށް އެދިފައިވަނިކޮށް މިދިޔަ ބުދަދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައެވެ. ކައުންސިލުން ބުނީ 17000 އަކަފޫޓްގެ ތެރެއިން 10000 އަކަފޫޓްގެ ބިން ދޭން ނިންމީ އޭދަފުށީ ދިގަލިގެއާދިމާ އަތިރިމަތިންކަމަށާ، އިތުރު 7000 އަކަފޫޓް ދޭނީ ސްޓޭޖް ސަރަހައްދުން ކަމަށެވެ.
ކައުންސިލުން ބުނީ 10000 އަކަފޫޓްގެ ބިން ދޭން ނިންމީ އެސްޓީއޯއިން ހިލަ، ހިލަވެލި. ސިމެންތި އަދި ގޭސްފަދަތަކެތި ވިއްކުމަށްޓަކައި ހަދަންޖެހޭ ގުދަންތައް ހެދުމަށްކަމަށާ، ސްޓޭޖް ސަރަހައްދުން އިތުރު 7000 އަކަފޫޓްގެ ބިމެއްދޭން ނިންމީ ތެޔޮވިއްކުމަށް ކަމަށެވެ.
އޭދަފުށީ ރައްޔިތުންނަށް ގޭސްވިއްކުމަށް 6 މަސްދުވަހުގެ މުއްދަތަށް ބާއިންޖީނުގޭ ގޯތިން ބައެއް އެއްވެސް އަގަކާނުލާ އެސްޓީއޯއަށް ދިނުމަށް ކައުންސިލުން މިދިޔަ ޖޫންމަހު ނިންމާފައިވެއެވެ. ނަމަވެސް އެސްޓީއޯއިން ބުނަނީ ދާއީމީ ބިމެއް ނުލިބެނީސް ގޭހުގެ މަސައްކަތް ނުފެށޭނެކަމަށެވެ.
ބ. އަތޮޅުގެ ރައްޔިތުންނަށް ކާޑާއި އާންމުބައެއް ސާމާނު ވިއްކުމަށްޓަކައި މީގެ ވިއްސަކަށް އަހަރުކުރިން ފެށިގެން އޭދަފުށީގައި އެސްޓީއޯގެ ފިހާރައެއް ހިންގަމުންގެންދެއެވެ. ހަތަރުބުރިއަށް ހަދާފައިވާ މިއިމާރާތްހުރި 3000 އަކަފޫޓަށްވުރެ ބޮޑު ބިމަކީ އަކަފޫޓަކަށް 1.50 ރ ގެ ރޭޓުން ކުއްޔަށްދޫކޮށްފައިވާ ބިމެއްކަމަށް ކައުންސިލުން ބުނެއެވެ.