ޝާހުރުކް ޚާނާއި ކާޖޮލް ވަނީ ކާމިޔާބު އެތައް ފިލްމެއް އެކުގައި ކުޅެފައެވެ. އެ ދެ ތަރިން އެކުގައި ފެނުމުން ހުންނަ އަސަރު، ޝާހު އެހެން ބަތޮލާއަކާއެކު ފެނުނަސް ނުހުންނަ ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ. ކާޖަލް އާއި ޝާހް އެންމެ ފަހުން ކުޅެފަވަނީ 2010 ވަނަ އަހަރު ރިލީސް ކުރި “މައި ނޭމް އިޒް ޚާން” އެވެ.
“ސިންގަމް ރިޓާންސް” ގެ ޑައިރެކްޓަ ރޯހިތް ޝެޓީ، ޝާހުރުކް އާއެކު ފިލްމެއްގެ މަސައްކަތް ކުރަން ރާވަމުން އަންނަކަމަށް ކުރިންވަނީ ހަބަރުތައް ފެތުރިފަ އެވެ. މިހާރު ލިބޭ ޚަބަރަކީ ކާޖޮލް އެފިލްމުގެ ބަތަލާގެ ގޮތުގެ ހިމެނި ވާހަކަ އެވެ.
ރޯހިތް ގެ ގާތްފަރާތަކުން މީޑިޔާގަ ބުނެފަވަނީ އޭނާ ދެން ހަދާ ފިލްމުގެ ބަތަލަކީ ޝާހުރުކް ޚާން ކަމަށާއި އެ ފިލްމުގެ ބަތޮލާއަކަށް ކާޖޮލް އެއްބަސްވެ މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
“ފިލްމު ވަނީ ޕްލޭން ކުރުމުގެ މަރުހަލާގައި. އެކަމަކު ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މިހާރު ވެސް ފަށައިފި. ވަރަށް އަވަހަށް ރަސްމީ ކޮށް ކަންކަން އިޢުލާން ކުރާނެ،” ރޯހިތުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސިންގަމް ރިޓާންސްގެ ކާމިޔާބީ ފާހަގަ ކުރަމުން ގެންދާ ރޯހިތް ޝެޓީ، ޝާހުރުކް އާއި ކާޖޮލް ހިމަނައިގެން އުފައްދާ ފިލްމަކީ ވަރަށް ފެންވަރު ރަނގަޅު ފިލްމަކަށް ވެގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.