އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް  4

albaqarah-6-7-fiabqr.jpg

ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

(20 ސެޕްޓް.އާއި ގުޅޭ)    ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު އެއްޗިއްސައް ވެސް އީމާންވާ މީހުންނެވެ، އަދި އެމީހުން، އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ޔަގީން ކުރެއެވެ، މިއާޔަތުގަ އެވެ.

މިއާޔަތުގައި، ފުރަތަމައަށް، ބަޔާންކުރެވިފައި ވަނީ މުއުމިނުންނަކީ މާތްﷲ ބާވާލެއްވި ފޮތްތަކަށް އީމާންވާ މީހުންކަމެވެ. މިގޮތުން، އެންމެ ފުރަތަމަ، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ، މުހައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ފޮތް ކަމުގައިވާ ކީރިތި ޤުރުއާނަށް އެމީހުން އީމާންވެއެވެ. މީގެ މާނައަކީ، އެފޮތަކީ މާތްﷲ ބާވާލެއްވި ފޮތެއްކަން ހިތުގެ އަޑިން ގަބޫލުކުރުމެވެ. އެފޮތުގައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަމުގައި ގަބޫލުކުރުމެވެ. އަދި މިގަބޫލު ކުރުން އެމީހުންގެ ކިބައިން ފެނިގެން ދިޔުމެވެ. އެމީހުންނަކީ، އެފޮތުގައި އެންގަވާފައިވާ ގޮތުގެ މަތީން، އެމީހުންގެ އަމަލުތައް، ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ބަޔަކަށްވުމެވެ.

މިއަށްފަހު، ދެން އޮތީ އެމީހުންނަކީ، މުހައްމަދުގެފާނުގެ ކުރީގެ ނަބީބޭކަލުންގެ މައްޗަށް ބާވާލެއްވުނު ފޮތްތަކަށްވެސް އީމާންވާ ބައެއް ކަމުގައެވެ. ސަލާމްލެއްވި އިބްރާހީމުގެ ފާނަށް ދެއްވުނު ސުހުފުތަކަށާއި – ފަތްފުށްތަކަށާއި -، ސަލާމްލެއްވި މޫސާގެފާނުގެ މައްޗަށް ބާވާލެއްވުނު ތައުރާތަށާއި ސަލާމްލެއްވި ދާއޫދުގެފާނުގެ މައްޗަށް ބާވާލެއްވުނު ޒަބޫރަށާއި އަދި ސަލާމްލެއްވި އީސާގެފާނުގެ މައްޗަށް ބާވާލެއްވުނު އިންޖީލަށްވެސް ‘އީމާންވާ’ މީހުންނެވެ. މިފޮތްތަކަށް އީމާންވުމުގެ މާނައަކީ، އެފޮތްތަކަކީވެސް އިލާހީ ފޮތްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. ކީރިތި ޤުރްއާންފަދައިން، އެފޮތްތަކުގެ އަސްލު ވެސް ބާވާލެއްވީ މާތްﷲކަން ޤަބޫލުކުރުމެވެ. މިއަދު، އަޅުގަނޑުމެންގެ އަތުގައި މިއިން އެއްވެސް ފޮތެއްގެ އަސްލެއް ނެތެވެ. އެހެންވެ، މިފޮތްތަކުގައިވާ ތަފްސީލީ ވާހަކަތަކަށް އީމާންވުން އެމީހުންގެ މައްޗަކަށް ލާޒިމުވެގެން ނުވެއެވެ. އެފޮތްތަކުގެ ތަފްސީލީ ވާހަކަތަކަށް ބަލައިލާއިރު، އޭގައި ހިމެނޭ، ކީރިތި ޤުރްއާނާއި ތައާރުޟުނުވާ، އާދެ، ފުށުނާރާ، ވާހަކަތައް، މުއުމިނުން ގަބޫލުކުރެއެވެ. އަދި އެ ފޮތްތަކަށް ކުރަންޖެހޭ އިހުތިރާމާއި ގަދަރުކުރުމެވެ.

އިލާހީ ފޮތްތަކަށް އީމާންވުން ރަމްޒުކޮށް ދެނީ، އިލާހީ ހިދާޔަތަކީ، މަގުދެއްކުމަކީ، ކީރިތި ޤުރްއާނާ ހިސާބުން ފެށުނު ކަމެއް ނޫންކަމެވެ. ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީއްސުރެން ވެސް، މާތްﷲ މީސްތަކުންނަށް ހިދާޔަތު ދައްކަވަމުން ގެންދެވިކަމެވެ. އިންސާނީ ތާރީޚުގައި މީސްތަކުންގެ އަޚުލާގީ ހާލަތު އޮތް ގޮތުގެ މައްޗަށް ބަލައި، އެފަދަ ހިދާޔަތަކަށް ބޭނުންވެފައިވި ވަގުތުތަކުގައެވެ. މީގެ މިސާލުތައް ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި ބަޔާން ކުރެވިފައި ވެއެވެ. މީގެ ތަފްސީލު އެއާޔަތްތަކުގެ ތަފްސީރު ލިޔެވޭއިރު، އިރާދަކުރެއްވިއްޔާ، ގެނެސް ދެވޭނެއެވެ.

މުއުމިނުންނަކީ އިލާހީ ފޮތްތަކަށް އީމާންވާ ބައެއްކަން ބަޔާންކޮށް ދިނުމަށް ފަހު، ދެން އޮތީ އެމީހުންނަކީ އާޚިރަތް ދުވަހަށް އީމާންވާ ބައެއް ކަމުގައެވެ. އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ކުޑަވެސް ޝައްކުކަމެއް ނެތި ކަށަވަރުކޮށް، ޔަގީންކޮށް ހިތުގެ އަޑިން އެކަން ގަބޫލު ކުރާބައެއް ކަމުގައެވެ. މީގެ މާނައަކީ، އެމީހުން ޔަގީން ކުރާގޮތުގައި، މާތްﷲ ފިޔަވައި، ކައުނާއި ކާއިނާތުތައް، ދުނިޔެއާއި ދުނިޔޭގައި ލެއްވިގެންވާ ހުރިހާ އެއްޗެއް ނެތިކުރައްވާނޭ ދުވަހެއް އަންނާނެއެވެ. ހުރިހާ މަޚްލޫގުނެއްމެ މަރުވެ، ނެތިގޮސް، އަޅުގަނޑުމެން މިދަންނަ ހަޔާތާއި ވުޖޫދަށް ނިމުން އައިސް މި ވުޖޫދު ނެތި ދާނޭ ދުވަހެއް އަންނާނެއެވެ. އަދި އެއަށްފަހު، އާ ‘ދުނިޔެ’އެއް ‘އާ ވުޖޫދެއް’ އުފައްދަވައި، މީސްތަކުން، އަލުން، ދިރުއްވާނެއެވެ. ދެން، މާތްﷲގެ ހަޟްރަތުގައި މީސްތަކުން މަހްޝަރުކޮށް، އެއްކުރެވި، ހާޒިރުކުރެވޭނެ އެވެ. އަދި އެއަށްފަހު، ދުނިޔޭގައި އެމީހުންގެ އަމަލުތައް ހުރި ނެތް ގޮތުގެ މައްޗަށް ބިނާކޮށް، ހިސާބު ބެއްލެވޭނޭއެވެ. ދެން، އެމީހުންނަށް ހައްގުވާ ޖަޒާއެއް ދެވޭނެއެވެ. ސުވަރުގެވަންތަ ވެރިންނަށް ސުވަރުގޭގެ ނިއުމަތެވެ. ނަރަކަ ހައްގުވާ މީހުންނަށް ނަރަކައިގެ އަޒާބެވެ. މުއުމިނުންނަކީ މިކަންކަން، ހިތުގައި އެއްވެސް ޝައްކަކާއި ނުލައި، ކަށަވަރުކޮށް ގަބޫލު ކުރާ ބައެކެވެ.

އާޚިރަތް ދުވަހުގެ ވާހަކަ ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި އައިސްފައިވެއެވެ. ޚާއްސަ ގޮތެއްގައި މައްކީ ސޫރަތްތަކުގައެވެ. ކީރިތި ޤުރްއާނުގައި އާޚިރަތުގެ ވާހަކަ ގިނަގިނައިން އައިސްފައިވަނީ، އެއީ، އިންސާނާގެ އަޚުލާގައި ސުލޫކަށް ހެޔޮބަދަލެއް ގެނުވައިދޭ ބާރަކަށްވާތީއެވެ. މިކަން އަލްމާޢޫނު ސޫރަތުން ފެނިގެން ދެއެވެ. މައްކާގެ މުޝްރިކުންނަށް ނިސްބަތްކޮށް، އެމީހުން އާޚިރަތް ދުވަސް ގަބޫލު ކުރަން ބޭނުން ނުވާ ސަބަބު، މިސޫރަތުގައި ބަޔާން ކުރެވިފައިވާ ބަޔާން ކުރުމުންނެވެ. أرأيت الذي يكذب بالدين، فذلك الذي يدع اليتيم ولا يحض على طعام المسكين. “ކަލޭގެފާނު، އެބަހީ، މުހައްމަދުގެ ފާނު، ޖަޒާ ދިނުމުގެ ދުވަސް (އެބަހީ، އާޚިރަތް ދުވަސް) އަންނާނޭކަމާ މެދު އިންކާރު ކުރާމީހާގެ (ވާހަކަ) ދެނެވަޑައިގެން ހުންނެވީމު ތޯއެވެ؟  އޭނާ އަކީ، ފަހެ، ޔަތީމު ކުދީންނަށް (އަޅާނުލާ) (އެކުދިން) ދުރަށްލާ މީހާއެވެ. އަދި ނިކަމެތިންނަށް އަޅާލުމާއި، ކާއެއްޗެއް ފޯރުކޮށްލަދިނުމަށް ބާރު ނާޅާމީހާއެވެ.” މިއާޔަތުން ދޭހަވަނީ އާޚިރަތް ދުވަސް އަންނާނޭކަމާއި މެދު އިންކާރު ކުރަނީ، ބުއްދީގެ ހަމަތަކުން ބަލައި، އެއީ މުސްތަހީލު ކަމަކަށް ދެކިގެން ނޫންކަމެވެ. ނަމަވެސް، އާޚިރަތް ދުވަހާ ދޭތެރޭ ފިކުރުކޮށް، އެދުވަސް އަންނާނޭކަން ގަބޫލުކޮށް ބަލައިގެންފި ނަމަ، ތިމާގެ އަމިއްލަ އަޚުލާގާއި ސުލޫކަށް ބަދަލު ގެންނަން ޖެހޭނެތީއެވެ. ތިމާގެ ދަހިވެތިކަމާއި އަމިއްލައެދުން، ތިމާގެ އަނާނިއްޔަތުކަމާއި މަށަށްމަށަށްކަން، ހައްދުފަހަނަ އަޅާ ދިޔަނުދީ، ވަކި ހުދޫދެއްގެ، މިންގަނޑެއްގެ، ތެރޭގައި ބަހައްޓަން ޖެހޭނެތީއެވެ. ތިމާގެ އިޖުތިމާއި މަސްއޫލިއްޔަތެއްވާކަމާއި، އެކަން ނިޔާކުރާގޮތުން، ތިމާއަށް ކެރިކުޅަދާނަ ވެގެންވީވަރަކުން، އެހެން މީހުންނަށް ވެސް، އަޅާލަން ޖެހޭކަން ގަބޫލުކުރަން ޖެހޭތީއެވެ.

ކީރީތި ޤުރްއާނުގައި، އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭނޭ، އަދި އޮތުން ޒަރޫރީ ދުވަހެއްކަމުގައި ވެސް، ބަޔާން ކުރެވިފައިވެއެވެ. އެބަޔާންކޮށް ދިނުމުގެ ޚުލާސާ މިތަނުގައި ލިޔެލާނަމެވެ. އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭ ދުވަހެއްކަމުގައި ބަޔާންކޮށްދިނުމުގެ ގޮތުން ތިން ސަބަބެއް ކީރިތި ޤުރްއާނުގައި ހުށަހަޅާލެވިފައި ވެއެވެ. އެންމެ ފުރަތަމަ، އާޚިރަތް ދުވަހެއް ނެތްނަމަ، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، މިފަދަ އަގުތަކަކީ މާނައެއް ހުރި ކަމަކަށް ނުވާނޭކަން ފާހަގަކޮށްދީފައި ވެއެވެ. އާދެ، މިކަމަށް އިޝާރަތްކޮށް، އައްޞާއްފާތު ސޫރަތުގެ 21ވަނަ އާޔަތުގައި އަޚިރަތް ދުވަހަކީ، ރަނގަޅާއި ނުރަނގަޅާއި ދެމެދުގައި ފައިސަލާ ކުރުމުގެ ދުވަސް ކަމުގައި ސިފަކުރެވިފައި ވެއެވެ. “މިއަދަކީ (އާޚިރަތް ދުވަހަކީ) ފައިސަލާކޮށް ނިޔާ އިއްވުމުގެ ދުވަހެވެ”. އާދެ، އާޚިރަތް ދުވަހަކީ ރަނގަޅު ގޮތަކީ ކޮބައިކަމާއި ނުރަނގަޅު ގޮތަކީ ކޮބައިކަން ވަކިކޮށް، ކަނޑައަޅައި، އެމީހެއްގެ ހައްގު ޖަޒާ ނޫނީ ސަޒާ، އެމީހަކަށް ދެވޭ ދުވަހެވެ.  އާޚިރަތް ދުވަސް ނެތްނަމަ، ދުނިޔޭގައި، ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީގައި، އަދި ހެޔޮ އަމަލު ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލާ ހެޔޮލަފާ ސޯލިހު މީހާއާއި، ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލާ މުޖުރިމާއި ތަފާތެއް ނެތެވެ. މަރުވެ ދިޔުމުން ދެމީހުންގެ ކަންތައްތައް ވެސް ނިމުނީއެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރަނީ މިއީ ބުއްދި ގަބޫލު ކުރާނޭ ކަމެއް ނޫންކަމެވެ. އެހެންވެ، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، މިކަންކަމުގެ މާނައެއް އޮތުމަށްޓަކައި އާޚިރަތް ދުވަހެއް އޮތުން ލާޒިމެވެ.

ދެވަނަ ސަބަބަކަށް ބަޔާން ކުރެވިފައިވަނީ އާޚިރަތް ދުވަހެއް ނެތް ނަމަ، ހަމަހަމަ ކަމާއި އަދާލަތު ގެއްލި އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެން ދިޔުމެވެ. ކީރިތި ޤުރްއާނުގެ ސަބައު ސޫރަތުގެ 25 ވަނަ އާޔަތާއި އަދި 26 ވަނަ އާޔަތް ބައްލަވާލައްވާށެވެ. “ކަލޭގެފާނު (މުހައްމަދުގެފާނު، މައްކާގެ މުޝްރިކުންނާއި މުޚާތަބުކޮށް ވިދާޅުވާށެވެ!) ތިމަންމެން ކުރި ކުށަކާ މެދު ކަލޭމެން މަސްއޫލުވާކަށް ނުޖެހޭނެއެވެ. އަދި ކަލޭމެން އަމަލު ކުރަމުންގެންދާ ގޮތާއި ބެހޭ ގޮތުން ތިމަންމެން މަސްއޫލުވާކަށް ނުޖެހޭނެއެވެ. ކަލޭގެފާނު (އަދިވެސް، އެމީހުންނަށް) ވިދާޅުވާށެވެ. ތިމަންމެންގެ ސާހިބުވަންތަ ރަސްކަލާނގެ ތިމަންމެން ހުރިހާ އެންމެން އެއްކުރައްވައި އެއްތަން ކުރައްވާ ނެތެވެ. ދެން، އެއަށްފަހު، ތިމަންމެންގެ މެދުގައި ހައްގާއި އެއްގޮތަށް (ނިޔާ އިއްވަވައި) ހުކުމް ކުރައްވާނެތެވެ. އެކަލާނގެއީ އެންމެ އަދުލުވެރިގޮތުގައި ހުކުމް ކުރައްވާ އަދި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.” އާދެ، މި ދެ އާޔަތުން ދޭހަވަނީ ކޮންމެ މީހަކުވެސް، ދުނިޔޭގައި، އެމީހަކު ކުރިކަމަކާ މެދު ސުއާލު ކުރެވޭނޭ ކަމެވެ. އޭނާގެ އަމަލުތަކާއި މެދު ކޮންމެ މީހަކުވެސް މަސްއޫލުވާން ޖެހޭނޭ ކަމެވެ. އާޚިރަތް ދުވަސް ނެތްނަމަ މި ފަދަ މަސްއޫލިއްޔަތެއް އުފުލުމެއް ނެތެވެ. އެ މީހަކު ބޭނުން ގޮތަކަށް ދުނިޔޭގައި ކަންކުރަންވީއެވެ. މިއީވެސް ބުއްދި ގަބޫލުކުރާނޭ ކަމެއް ނޫނެވެ.

ދުނިޔޭގައި ހިނގާ އެކި އެކި ޖަރީމާތަކަށް ނިކަން ނަޒަރު ހިންގާ ލައްވައި ވިސްނާލަ ބައްލަވާށެވެ. ބައެއް މީސްމީހުން، ދުނިޔޭގައި ގަތުލް އާއްމު ފަދަ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގައެވެ. މިސާލަކަށް ހިޓްލަރު، ސްޓާލިން އަދި ޕޮލްޕޮޓް ފަދަ މީސްމީހުންނެވެ. އަދި ބައެއް މީހުން، އެމީހުންގެ މުޅި ހަޔާތް، މީހުން މެރުމުގައި އެބަ ހޭދަކޮށްލަ އެވެ. މިސާލަކަށް ޖަނަވާރުގެ ނަމުން މަޝްހޫރު ވެފައިވާ ކޮލަމްބިޔާގެ ލުއީސް ގަރަވީތޯ، ރަޝިޔާގެ އަންޑްރެއި ޗިކަޓިލްކޯ އެމެރިކާގެ ޓެޑް ބަންޑީ، ޗައިނާގެ ޔޭން ޒިންގްހައި އިންޑޮނީޝިޔާގެ އަހުމަދު ސުރާޖީ އަދި އެމެރިކާގެ ރިޗާޑް ކުކްކިލިންސްކީ ފަދަ ގާތިލުންނެވެ. މީގެ ތެރެއިން ބައެއް މީހުން ސަތޭކައަށް ވުރެ ގިނަ މީހުން މެރިއެވެ. މިސާލަކަށް، ރިޗާޑް ކުކްކިލިންސްކީ، 1986ގައި، އޭނާ ހައްޔަރު ކުރެވުމަށް ދާންދެން، އޭނާގެ ރަސްމީ މަސައްކަތަކީ މީހުން މެރުން ކަމުގައި ބަލައި، އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ގޮތުގައި، ސަތޭކައަށް ވުރެ ގިނަ މީހުން މަރާފައިވެއެވެ. (މީނާގެ ހަޔާތުގެ ވާހަކަ ‘ދަ އައިސް މޭން’ މިފޮތުގައި ބަޔާން ކުރެވިފައި ވެއެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ބަސްދީގަތުން ޓީވީގެ ޒަރިއްޔާއިން ދެއްކުނެވެ. އަދި މި ބަސްދީގަތުމުގެ ރެކޯޑު ކުރުންތައް ޔޫޓިއުބުން މިއަދުވެސް ފެންނަން އެބައޮތެވެ. ‘ދަ އައިސް މޭން ޓޭޕްސް’ ބައްލަވާލައްވާށެވެ.) (ނުނިމޭ)

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top