އެމްޑީއެންގެ އިސްފަރާތްތައް ހައްޔަރުކުރުމަށް އިސްލާމީ މަރުކަޒުގެ އިމާމު ގޮވާލައްވައިފި

image_6HCR9S10EGAclrd.png

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން އިސްލާމްދީނަށް ފުރައްސާރަކުރީ އޮޅިގެން ނޫންކަމަށާއި އެޖަމިއްޔާގެ އިސްފަރާތްތައް ހިފާ ހައްޔަރުކުރަން ޖެހޭ ކަމަށް ރާއްޖޭގެ މައި މިސްކިތް މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމްގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝައިޚް އިބްރާހިމް ރަޝީދު މިކަމަށް ގޮވާލައްވާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

އިބްރާހިމް ރަޝީދު މިކަމަށް ގޮވާލައްވާފައިވަނީ އޭނާ މިރޭ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައެވެ.

އިބްރާހިމް ރަޝީދު، އިސްލާމީ މަރުކަޒުގެ އިމާމް ކަމަށް ކަނޑައަޅުއްވާފައިވަނީ މި ސަރުކާރުންނެވެ.

އިބްރާހިމް ރަޝީދު ވިދާޅުވިގޮތުގައި އެމްޑީއެމްއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތްކަމަށާއި، މި ޖަމާއަތުގެ އިސްފަރާތްތައް ހައްޔަރުކުރުމަށް ގޮވާލާކަމަށެވެ.

“އެމީހުން (އެމްޑީއެން) އިސްލާމްދީނަށް ކުރާ ފުރައްސާރަ އަކީ އޮޅިގެން ކުރެވުނު ކަމެއްނޫން. އެއީ ދިވެހި ފަސްގަނޑުން އިސްލާމް ދީން ފޮހެލުމަށްޓަކައި ލާދީނީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް” އިބްރާހިމް ރަޝީދު ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައިވާއިރު  މިހާތަނަށް އެމްޑީއެންގެ އިސްފަރާތެއް ފުލުހަށް ހާޒިރުކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތައް އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ “ޚިޔާލީ ވާހަކައެއް”ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.

މި ރިޕޯޓާއެކު އެމްޑީއެންގެ އިސްވެރިނަށް މީސްމީޑިއާގެ އިތުރުން އާއްމުންނާއި، ދީނީ އިލްމުވެރިން ކަންބޮޑުވެ ފާޑުކިޔުން ރައްދުވާން ފެށުމުން ފުލުހުން ވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ އާއްމު ކުރާ މައްސަލަ ބަލަމުން އަންނަކަމަށް ހާމަކުރައްވާފައެވެ. އެކަމަކު އެމްޑީއެމްގެ ރިޕޯޓުގައި ހިމެނިފައިވާ ނަފުރަތު އުފެދޭ ވާހަކަތައް ފުލުހުންގެ ސަމާލުކަމަށް އައިސްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top