އެޑިޓަރުގެ ނޯޓް: މިއީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ. ވާހަކައިގެ މައިގަނޑާއި ހާދިސާ ހިގާފައިވާގޮތާ މަންޒަރުތައް ގެނެސް ދީފައިވާނީ އަސްލާ ވީހާވެސް އެއްގޮތަށެވެ. ބަދަލު ކޮށްފައިވާނީ މީހުންގެ ނަމާ ބައެއް ރަށްރަށެވެ.
މޫސުން ވަރަށްރީތި ދުވަހެކެވެ.މިއަދަކީ މީލާދީ ސަނަތުން 1965 ވަނައަހަރުގެ މޭމަހުގެ 10ވަނަ ދުވަހެވެ. އޭދަފުށީ ކެލާމާގޭގައި މިއަދަކީވެސް އެހެން ދުވަހެކޭ އެއްފަދައިން ކާރުބާރޫ ބޮޑު ދުވަހެކެވެ. އެގޭ ނޫރާނީ ދޯނި މިހާރު އެއުޅެނީ އިތުރު މަސްދޯންޏެއް ބަނުމަށް ވަޑިން ބަލާ ރ.އަތޮޅު މީދުއަށް ދާން ފުރާށެވެ. ދަތުރަށް ބޭނުންވާނޭ ކާބޯތަކެއްޗާ އެހެނިހެން ސާމާނު ތައްޔާރުކުރުމާ އެތަކެތި ދޯންޏަށް ގެންދިއުމަށް ކޮޅުކޮޅުމައްޗަށް މީހުންތައް ހަރަކާތްތެރިވަމުން ދެއެވެ. މިދަތުރުގައި އޮތް ދެވަނަ ބޭނުމަކީ ވަޑިންނަށް ކައްކައިދޭނެ އަންހެނަކު ހޯދުމެވެ.
ފަޅުވެރިންތިބީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ދޯނީގެ ފުށުވާ މޮހާލާފައި ރިތްތަކުގެ ބާރުގެ ދަށުގައެވެ. ގިނައިރުތަކެއްނުވެ ދޯންޏަށްއަރަން އެއައީ އެގޭ އަހުމަދާއި އޭނަގެ ތިން ހަތަރު އެކުވެރިންނެވެ. ފަޅުވެރިންގެ އިންތިޒާރު ނިމުމަކަށް އައީއެވެ. ހުޅަނގު މޫސުމުގެ ހެޔޮވަރަކަށް ވައިޖެހޭ ރީތި ދުވަހެކެވެ. ދޯނި ނެރުން ނުކުމެގެން މިސްރާބު ޖެހީ ސީދާ ރ.އަތޮޅު މީދޫއާ ދިމާލަށެވެ.
އަހުމަދަކީ އޭދަފުށީ މުހައްމަދު ތަކުރުފާނުގެ ހަތަރު ފިރިހެން ދަރިންގެ ތެރެއިން ތިންވަނައަށް ހަގަށް ހުރި މީހާއެވެ. އޭނާ އޭދަފުށީ ބަހިއްޔާ ސްކޫލުން ކިޔެވެން ހުރިވަރަކަށް ކިޔަވައި ނިންމާފައެވެ. އޭދަފުށީގެ ނިސްބަތުން އެއީ ތައުލީމީ ޒުވާނެކެވެ. އުމުރުން އަށާރަ ފުރުނު ތަނާ ރަށުގައި އިން އެންމެ ރީތި ނަޒީފާއާއި އިނުމަށްފަހު އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި ކައިވެނިބރޫޅުމުން ވައިކުޅަނދުރެއްހެންް މިސްރާބެއް ނެތި އެނބުރެމުން ދަނީއެވެ.
ފަހި ވައިގާ މީދޫއަށް ދެވުނުއިރު އިރުއޮއްސެނީއެވެ. މީދުއަކީ މީހުންނަށް ހެޔޮ އޯގާތެރި ރައްޔިތެއް ދިރިއުޅޭ ޚާއްޞަކޮށް އޭދަފުއްޓާއި ގާތްގުޅުމެއް އޮންނަ ރަށެކެވެ. މީދޫގެ ދަރިން ތައުލީމު ހޯދަން އޭދަފުއްޓަށް އައުމާއި މީދޫވަޑިން އޭދަފުށީގައި ދޯނިފަހަރު ބަނުމަށް އައިސް އުޅުމަކީ ދެރަށުގެ ގުޅުން އިތުރަށް ވަރުގަދަ ވެފައިވާ ސަބަބެކެވެ. އޭދަފުށީ އޮޑިވެރިންވެސް މީދޫވަޑިންލައްވާ ދޯނިފަހަރު ބަނުން ފަޚުރެއްކަމަށް ދެކެއެވެ. ދޯނީގެ ކިއްސަރު ރީތިކަމުންނެވެ. ކަނޑަށް ގަދަކަމުންނެވެ. ދުވެލި ބާރު ކަމުންނެވެ.
އަޙްމަދު މީދުއަށް އެތައް ފަހަރަކު އައިސްފި އެވެ. އޭނާ އެއްވެސް ބީރައްޓެހިކަމެއްނެތި ހިގާލާފައި ގޮސް މާވަޑި ހަސަންފުޅުގެ ގެއަށް ވަނީ އަމިއްލަ ގެއަށް ވަންނަ މީހެއް ފަދައިންނެވެ.
ހަސަންފުޅުގެ އަންހެނުން އައިސާފުޅަކީ ހަސަންފުޅާއެކު ކިތަންމެ ފަހަރަކު އޭދަފުއްޓަށް ގޮސް ކެލާމާގޭ އާއިލީ މީހެންހެން އެގޭގައި އިންނަ އަންހެނެކެވެ. ގާތްކަންބޮޑުކަމުން އައިސާފުޅަށް އެއާއިލާގެ މީހުން ގޮވާލާނީވެސް އައިސާފުޅުއައްތަ ކިޔާފަ އެވެ. މިފަހަރުވެސް ހަސަންފުޅު އޭދަފުއްޓަށް ދާތީ އައިސާފުޅުުއައްތަވެސް ދާންވާނެދޯއޭ އަހްމަދު ބުންޏެވެ. އަހްމަދު އެހެން ބުނުމުގެ ކުރިންވެސް އައިސާފުޅުހުރީ ހަސަންފުޅާއެކު އޭދަފުށްޓަށް ދާން ނިންމައިގެންނެވެ.
ނޫރާނީ ދޯނި މީދޫން ފުރީ އެރަށުގައި އިތުރު އެއްދުވަސް މަޑުކޮށްފަ އެވެ. އަހްމަދު އެދިގެންނެވެ. ވަޑިންނަށް ކައްކައިދޭނެ އަންހެނަކު ހޯދާށެވެ. އެހާ އުނދަގުލެއް ނުވި އެވެ. އައިސާފުޅަށް ބޮޑުދައިތަ ކިޔާ ހައްވާފުޅު އޭދަފުއްޓަށް މިދަނީ އައިސާފުޅުގާތު ބުނެގެން އަމިއްލައަށް އެދިގެންނެވެ. ބޭނުމަކީ މަޝްހޫރު ރަށަކަށްވާތީ އެރަށް ބަލައިލުމެވެ. ޒުވާން ފިރިހެންކުދިންގެ އުދަނގޫތައް ފޯރާތީވެ އެކަމުން ސަލާމަތް ވާން ދުވަސްކޮޅަކު ރަށުން ބޭރުގައި މަޑުކޮށްލުމެވެ. އަށާރަ އަހަރުގެ އުމުރުގައި މީހަކާ އިނދެގެން ޒުވާންކަން ނަގާލަން ބޭނުން ނުވާތީއެވެ. މީހަކާ އިނދެގެން އެހެން ގެއަކަށް ދާއިރު ޚުދު އޭނާގެ އަމިއްލަ ދިރިއުޅުމަށްވެސް އަދި ތައްޔާރު ނުވެވޭތީއެވެ.
އަހްމަދުގެ މީދޫ ދަތުރު ނިމުމާއެކު އެހެން ދަތުރެއް ފެށުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. އެއީ އަހްމަދާއި ހައްވާފުޅުގެ ލޯބީގެ ދަތުރެވެ. ކުރިން އެއްގޮތަކަށްވެސް ގޭގައި ނޫޅޭ އަހްމަދުގެ ވަގުތުތައް ހައްވާފުޅު ފެންނަ ހިސާބުގައި ހޭދަކުރެވެން ފަށައިފިއެވެ. ބަދިގެ ދޮށުގައި ކުރުކާލިކަނޑަމުން ހިނގޭގޮތް ވާން ފަށައިފިއެވެ. ހައްވާފުޅު ގާތު މާގިނައިން ކަންތަކު ކިޔެން ފަށައިފި އެވެ. ބައެއްފަހަރު ސައިތައްޓަކަށެވެ. ބައެއްފަހަރު ޖޫސް ތައްޓަކަށެވެ. އަދި ބައެއްފަހަރު ކަމަކު ނޫނަސް ހަމަހުރެލާފައިވެސް ގޮވާލެވޭގޮތް ވާން ފަށައިފިއެވެ. އަހްމަދުގެ މި ބަދަލުވުން ނުވަތަ ގާތްކަން ހައްވާފުޅަށްވެސް ވީ ގަޔާވާ ކަމަކަށެވެ. އަމިއްލައަށް އެދިގެން ވެސް ސައިތައްޓެއް ބޭނުންތޯ އަހާލެވެނީއެވެ. އެކަމަކު ވަރަށް ސިއްރުންނެވެ. އެފަދަ ވަގުތުތަކުގައި ހައްވާފުޅުގެ އެހުންނަ ލޯބިވެތި ގޮތާ ފަރި ހިނިތުންވުންް އަހްމަދަށް ނިކަން ގަޔާވެއްޖެ އެވެ.
ފުރަތަމަ، ނަޒަރުން ދެެން ހީލުމުން އެއަށްފަހު ވާހަކަދެއްކުމުގެ ސިލްސިލާ އިން ފެށުނު މިލޯބި ތަރައްގީ ވަމުން ދެއެވެ. ދެ ހިތުގައިވެސް ޖަހަނީ އެކަކު އަނެކަކަށް ކުރެވޭ އިންތިޒާރުގެ ވިންދެވެ. އޭގައިވަނީ އެކަކު އަނެކަކަށް ނިހާޔަތަށް އެދޭކަމުގެ ޔަގީންކަމެވެ.
ލޯތްބާ ގޮމަކަސްތޫރިއަކީ ކިތަންމެ ވަރަކަށް ރައްކާކޮށްގެން އުޅުނަސް ސިއްރު ނުވާނެ ދެކަންތަކޭ ބުނެއުޅެއެވެ. އަހްމަދާއި ހައްވާފުޅުގެ ލޯބިވެސް ވީ އެކަހަލަ ގޮތެކެވެ. ވަގުތަށް ވުރެ ކުރިން ފަޅާއަރައިފިއެވެ. ގޭތެރެއިން ނުކުމެގެން ގޮސް ރަށުތެރެއަށް ފެތުރިގެން ދިޔައީ ހިކި ހޯލިތަކަކަށް އަލިފާން ދަނޑިއެއް އެއްލީމާ ވާ ގޮތެވެ. އެމީހުންގެ ހަނދުވަރީ ރޭތަކުގައި ކުލަނުޖެ ހިއުޅެނިކޮށް، ލޯބީގެ ތާޖް މަހަލް ބިނާކޮށް ނުނިމެނީސް ކުއްލިއަކަށް ކައިވެންޏާ ކުރިމަތިލާން ޖެހުމެވެ. ކައިވެންޏަށް ތައްޔާރުނުވެ އުޅެނިކޮށެވެ.
ބައްޕަ ނިޔާވުމަށްފަހު އާއިލާގެ އެންމެ އިސް ބޭބެ އިބްރާހީމް ، ހައްވާފުޅާއި ބައްދަލުކޮށް މިނިންމުމާމެދު ދެކޭގޮތް އޮޅުން ފިލުވިއެވެ. ހައްވާފުޅުގެ ލަދުވެތިކަން އޭނާގެ ދޫ ހަރާކާތް ކުރުމަށް ނުކުޅެދިފައިވާތީ ގިނަ ވާހަކަތަކެއް ނުދެއްކުނެވެ. ހަމައެކަނި ބުނެލެވުނީ “އަޅުގަނޑު ގަބޫލު” އެވެ.
މިވީ ކިހިނެއްހެއްޔެވެ.؟ ކައިވެންޏަށް ފިލަން އައިމީހަކު ގަބޫލޭ އެބުނީ ކައިވެންޏަށެވެ. ދުލުން ބުނެލަން ފަސޭހަ އެވެ. ގަބޫލޭ އެބުނަނީ ބޮޑު ޒިންމާއަކާއެވެ. އާދައިގެ ކަމެއް ނޫނެވެ. ދިރިއުޅުމާ ގުޅިފައިވާ އެންމެ ބޮޑު ސުވާލެވެ. ރަށުގެ ޒުވާނުން ރޮއްވާލާފައި ހައްވާފުޅާ ހެދި މޮޔަވެފައި ތިބި އެ ޒުވާނުންނަށް ގޮންޖަހާފައި އިއްޔެ މެންދުރު ފެނުނު ޒުވާނަކާ ކައިވެނި ކުރާއިރު ކޮންމެވެސް ވަރަކަށް ވިސްނާލާކަށް ނުޖެހޭ ހެއްޔެވެ. އަހްމަދު ކިތަންމެހާ ވެސް ޒުވާނެވެ. ރީއްޗެވެ. އެކަމަކު އެއީ ބޭރުފުށުން ފެންނަ ހިޔަންޏެވެ. އަސްލު ފެންނާނީ އެތެރެފުށް ބަލައިގެންނެވެ. އެކަމަށް ބޭނުންވާނީ ވަގުތެވެ. ވަގުތު އޭނާއަށް އެ ވާހަކަތައް ކިޔައިދޭނެއެވެ. އެކަމަކު ހައްވާފުޅުގެ ޅަ ސިކުނޑިން އެއްވެސް ކަމެއް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ބޮޑުދައިތަ އައިސާފުޅު މިތަނުގައި އެބައިނެވެ. އެކަމަކު ލަފައެއް ނާހައެވެ. އައިސާފުޅަށް ކެތް ނުވެވިގެން އިސްނަގައިގެން އެވާހަކަ ދެއްކިއެވެ. ތިޔަހާ އަވަސް އަރުވާ ނުލިޔަސް ތިޔަކަން ކުރެވިދާނެ ނޫންހޭ ބުންޏެވެ. އަވަސް އަރުވާލައިގެން ކުރެވޭ ކައިވެނި ރޫޅުންވެސް އެހާއަވަސް ވާކަމަށް އައިސާ ފުޅު ބުންޏެވެ. އެހެންނަމަވެސް ހައްވާފުޅު އެއަޑެއް ނޭހި އެވެ. ހައްވާފުޅު ހުރީ އަހްމަދާހެދި ޖާނުން ފިދާވާން ވެސް ތައްޔާރަށް ކަން އައިސާފުޅަށް އެނގުމުން ހަތިޔާރު ބެހެއްޓީއެވެ. އެކަމަކު ހައްވާފުޅުގެ މަންމަ ދުނިޔޭގައި އިން ނަމަ މިކައިވެނި އަވަސް އަރުވާލައިގެން ކުރިޔަކަ ނުދިނީހެވެ.
އޭނާގެ މަންމަ އަބަދުވެސް ދައްކާ ވާހަކަ ހައްވާފުޅަށް ހަނދާން ކޮށްދިނެވެ. މަންމަ ބުނެއެވެ. ކައިވެންޏަކީ އަންހެނަކު ގެއިން ބޭރަށް ދިއުމަށް އަޅާ ފުރަތަމަ ފިޔަވަޅެވެ. ދިރިއުޅުން ބާއްޖަވެރިވުމާއި ނުވުން ހިމެނިފައި އޮންނާނީ މިފިޔަވަޅުއަޅާ ގޮތަކުންނެވެ. ކައްޗަށް އެޅިއްޖެނަމަ ކައްޗަށެވެ.
އޭނާ އޭދަފުށްޓަށް މިއައީ މިޒިންމާ ތަކާދުރަށް ދާން ވެގެންނެވެ. ހަށިގަނޑު އެކަމަށް ތައްޔާރު ވިޔަސް ޒަމީރުއާ އިހްސާސްތައް އަދި މާޅައީ އެވެ. ނަމަވެސް ފިލަން މިއާދެވުނީ ކޮންތަނަކަށް ހެއްޔެވެ؟ އެތަނެއްގާ އޭނާގެ ކައިވެނީގެ މަހެފިލް އޮތް ބިމަށެވެ. އޭނާދެކެނީ މިއީ އޭނާ އާއި މެދު ތަގްދީރުގައި ލިޔެވިފައިވާ ގޮތެވެ.
އެކައިވެނި ކޮށްފިއެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. ލުއިލުއި ހަފްލާއެއް ހަމައެކަނި އާއިލާމީހުން ހިމެނޭ ގޮތަށެވެ. ކިތަންމެ ކުޑަކުޑަގޮތަކަށް ކައިވެނީގެ ވަލީމާ ފާހަގަ ކުރިޔަސް ހައްވާފުޅު ދެކެނީ ދިރިއުޅުމުގެ ހުރިހާ ކަމެއް ފުރިހަމަވީ ކަމަށެވެ. ހައެއާއެކު ބޮޑުސިންގާ ޒިންމާތަކެއްވެސް ބޮލުގައި އެޅިއްޖެ ކަމުގައެވެ.
އާ ކައިވެނީގެ ރޭ ފިނިފެންމަލުން ޖަރީކޮށްފައިވާ އެނދުގައި ދަތްދޮޅީގައި ދެކަކޫ ޖައްސާލައިގެން އޭނާ އިނީ ފިރިމީހާގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ޚިޔާލުތަކުގެ އޮއިވަރާއެކު މާދުރަށް ބެހިގެން ދެވުނީއެވެެ. ފިރިމީހާ އައިސް އެނދުގައި އިށީންކަން ނޭނގުނީ އެހެންވީމަ އެވެ. އެކަމަކު އަހްމަދުގެ ގައިން ދުވާ އެން އިވްނިންގ އިންޕެރިސް ސެންޓްގެ ވަހުން އޭނާ ހޭލައްވާލައިފިއެވެ. (ނުނިމޭ)







