ސަލްމާންޚާން އާއި އައިޝްވާރްޔާ ރާއީގެ ލޯބީގެ ހަޔާތަކީ ހަނދާންނެތޭނެ ތާރީޚީ ހާދިސާއެއްނޫނެވެ. އެ ދެމީހުންގެ ފުރިހަމަ ނުކުރެވުނު ލޯބީގެ ވާހަކަ ނިންމާލެވުނީ އުފާވެރި ނިމުމަކުންވެސް ނޫނެވެ. ބޮލީވުޑްގެ އެންމެ އިޝްގީ ޖޯޑުގެ ގޮތުގައިބެލެވެނު މިދެތަރިންގެ ބަދުނަސީބު ލޯބީގެ ސިރީޒް، ވާހަކަ ލިއުންތެރިން ސިފަކޮށްފައިވަނީ ލޯތްބާއި ހިތާމަ އަދި ވޭނާއި ބިރުވެރިކަންވެސް އެކުލެވިގެން ދިޔަ ޑްރާމާއެއްގެ ގޮތުގައެވެ.
ވަރަށް ލޯބިން ގުޅިގެން އުޅުނު މިދެ ސްޕަރސްޓާރގެ ލޯބީގެތަރި އޮއްސިގެން ދިޔަގޮތް ކިޔާލަން ބޭނުންވާ އެތައްހާސް ބަޔަކު އަދިވެސް ތިބޭނެއެވެ. ސްޕަރސްޓާރަކާ ފަތްމިންޏެއްގެ ލޯބީގެ ނިމުން އައި ގޮތުގެ ވާހަކަ ލިއުންތެރިއަކު ކިޔާދީފައިވަނީ މިގޮތަށެވެ
އައިޝްވާރަޔާ (އޭޝް ) އާއްމުކޮށް ސަލްމާންމެންގެ ގެއަށް ގޮސްއުޅެއެވެ. އެގޮތުން އެއާއިލާއާ ގުޅުން ބަދަހި ކުރުމަށް މަސައްކަތްވެސް ކުރަމުން ދިޔައެވެ. އެހެންނަމަވެސް މިއީ އޭޝްގެ މައިން ބަފައިން ގަބޫލުކަމެއް ނޫނެވެ. މީގެ އިތުރުން އޭޝްގެ ބައްޕަ މިގުޅުމަށް އާއެކޭ ބުނަން ބޭނުން ނުވަނީ ސަލްމާންގެ މާޒީ ހުތުރު ކަމުންނެވެ. އެތައް އަންހެން ކުދިންނަކާ ގުޅުން ބާއްވައި އެތައް ކުދިންނަކަށް ލަނޑު ދީފައިވާތީއެވެ. މިއީ ދެމީހުންގެ ގުޅުން އެހާ އޮމާންކޮށް ކުރިއަށް ނުދިޔަ ފުރަތަމަ ސަބަބެވެ.
ދެވަނަ ކަމަކީ ސަލްމާންގެ އަޚްލާގީ މައްސަލަތަކެވެ. ނުވަތަ އޭނާގެ އަޚްލާގީ ފެންވަރު ދަށް ވުމެވެ. ދެމީހުންގެ ދެމެދުގައި އިތުބާރާއި ތެދުވެރިކަން ގާއިމު ވެފައިނުވުމުން އަބަދު ޓެންޝަން ގައި އުޅެން ޖެހުމެވެ. މިކަމުގެ ސަބަބުން އަބަދު އަރާރުން ވުމާއި ތަޅާފޮޅުން އުފެދެން ޖެހުމެވެ.
އެއްރެއެއްގެ ދަންވަރު ސަލްމާން، އޭޝްގެ ގޭގެ ބޭރުގައި މަސްތުގެ ހާލުގައި ހުރެގެން އޭޝްއަށް ގޮވިއެވެ. އެކަމަކު އޭޝް ޖަވާބު ނުދިނުމުން ރުޅިއައިސްގެން 3 ޖަހަންދެން އެތަނުގައި ހަޅޭއްލަވަމުން ގެންދިޔައެވެ. އެގޭގެ ދޮރުގައި ތަޅަމުން އޭޝް އަށް ގޮވަމުން ދިޔައިރު އޭނާގެ އަތް ޒަޚަމްވެ ލޭ އޮހެރެމުން ދިޔައިރުވެސް ހުއްޓާނުލާ އެގޮތަށް ގޮވަމުން ގެންދިޔައެވެ. އެންމެފަހުން އެގޭގެ ފުރާޅު މައްޗަށް އަރައިގެން ހުރެވެސް އައިޝްވާރްޔާ އަށް ގޮވަމުން ދިޔައެވެ.
ތިންވަނައަށް ފާހަގަކުރެވޭ ކަމަކީ ސަލްމާން އޭނާގެ ލޭޑީލަވް ، ވަކި ގޮތަކަށް އުޅުމަށް ބާރު އެޅުމެވެ. އޭޝްގެ ކެރިއަރ އާ އުސްމިންތަކަކަށް ގެންގޮސް ދިނުމަށް ސަލްމާން ހުންނަންޖެހޭނީ ހަރުގަނޑު ހިފަހައްޓައިގެން ކަމަށް ވާއިރު އޭނާގެ އަމަލުތަކުގެ ސަބަބުން އޭޝް، ހަރުގަނޑުން ވެއްޓިގެން ނުވާނެތާއެވެ. އެކަމަކު ސަލްމާން ކަންތައް ކުރީ އެގޮތަކަށް ނޫނެވެ. ނުކުރާ ކަންކަމުގެ ތުހުމަތު އެޅުވުމާއި ބައެއް އެކްޓަރުންނާ އަޅުވާ ކިއުމާ ޝައްކު ކުރުމުގެ ސަބަބުން އޭޝްއަށް ޖެހުނީ ދެވަނަ ވިސްނުމަކަށް ދާށެވެ.
ދެން އޮތް ސަބަބަކީ އޭޝްގެ މައިންބަފައިންނާ މުއާމަލާތު ކުރުމުގައި ސަލްމާނު ގެންގުޅޭ ހުތުރު ގޮތެވެ. މިއީ އެއްގޮތަކަށްވެސް އޭޝްއަށް ގަބޫލުކުރެވޭ އަދިި ބަލައި ގަންނަން ފަސޭހަކަމަކަށް ނުވިއެވެ.
ހަމަ އެފަދައިން އޭޝްއަށް ސިއްރުން ސަލްމާން ކުރިން ރައްޓެހިވެފައިވާ ކުދިންނާ ގުޅުން ބޭއްވުމަކީވެސް މި ގުޅުން ހީނަރުވާން ދިމާވި ސަބަބެކެވެ.
“ސްޓާޑަސްޓް” ބުނާ ގޮތުގައި ސަލްމާންގެ އެކްސް ސޯމީއަަލީގެ ބައްޕަގެ އޮޕަރޭޝަނަކަށް ސަލްމާންގެ ކިބައިން ސޯމީ އެހީއަކަށް އެދުނެވެ. އެހެންނަމަވެސް އޭޝްގެ ގާތު އެވާހަކަ ނުބުނެ ސަލްމާން ޔޫއެސްއޭއަށް ފުރައިގެން ދިޔައީ ސޯމީގެ ބައްޕައަށް އެހީވުމަށެވެ. މިއީ އޭޝް ވަރަށް ބޮޑަށް ސަލްމާން ދެކެ ރުޅިއައި ކަމެއްކަމަށް ވެއެވެ.
ދެންވެސް އޮތީ އޭޝް ވަރަށް މަސައްކަތްކޮށްގެންވެސް އެއާދައެއް ހުއްޓާނުލެވުނު ބަނގުރާ ބުއިމުގެ ނުބައި އާދައެވެ. އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި އޭޝް ބުނެފައިވެއެވެ. “ސަލްމާންގެ އެނުބައި އާދައާ ދުރަށް ގެންދެވޭތޯ އަހަރެން ވަރަށް މަސައްކަތް ކޮށްފީމެވެ. އެހެންނަމަވެސް ސަލްމާން އެގޮތް ބޭނުމެއް ނުވިއެވެ. އެކަމުގައި އަހަރެންވަނީ ނާކާމިޔާބުވެފައެވެ.
އޭޝްގެ ސްޓޭޓްމަންޓް : އޭނާގެ ކުރު ނޫސްބަޔާނުގައި ބުނަނީ މިހެންނެވެ. “އަހަރެން އަހަރެންގެ ފެމިލީއަށް ގަދަރު ކުރަމެވެ. އަހަރެން ސަލްމާންޚާން އާއެކު ދެން އިތުރަށް މަސައްކަތެއް ނުކުރާނަމެވެ. ސަލްމާންގެ ޗެޕްޓަރއަކީ އަހަރެންގެ ދިރިއުޅުމަށްއައި ނައިޓްމެއަރއެކެވެ. އެކަމުން ސަލާމަތްވީތީ އަހަރެން ޝުކުރު ކުރަމެވެ.”