މޮޅުކުއްޖަކަށް ވުމަށް އެންމެބޭނުމީ މައިންބަފައިންގެ ބަސްއެހުން –އަސްމާ

DSCN9176.jpg

އަސްމާ އިބްރާހީމް ރަޝީދު . އޭނާވަނީ އޭލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭފާސްހޯދާފައި - ފޮޓޯ :އީވީ

މިއީ 2016 ވަނަ އަހަރުގެ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަޔަރސެކަންޑްރީ ބައިން އެއްވަނަ ހޯދި ބ.ކުޑަރިކިލު ދިރާސާ ، އަސްމާ އިބްރާހީމް ރަޝީދު، އޭނާގެ ކާމިޔާބީގެ ވާހަކަ ދައްކަމުން ފުރަތަމަ ބުނެލި ވާހަކަ އެވެ. އަސްމާވަނީ އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޯލަރޝިޕް ކަށަވަރުކޮށްފައެވެ..

އެއީ އޭނާގެ ތަޖްރިބާއެވެ. އެތަޖްރިބާ އޭދަފުށި ވޮއިސްއާ ހިއްސާ ކުރަމުން ދިޔައިރު އުމުރުން 19 އަހަރުގެ އަސްމާގެ ތައުލީމީ ހަޔާތުގެ ކޮންމެ ބާބަކީވެސް މިއަދުގެ ކިޔަވާކުދިން އަހާލަން ރަނގަޅު ވާހަކައެކެވެ.

” އަބަދުވެސް މައިންބަފައިންގެ ބަސް އަހަންވާނެ. އެކަމަކަށް ނޯންނާނެ ވަކި އުމުރެއް. އަޅުކަންތަކަށް ފަރުވާ ތެރި ވުމަކީ ކިޔެވުމަން ކުރިއަށް ގެންދިއުމާއި އަޚްލާގު ރަނގަޅުވުމަށް ވެސް ލިބޭ ރޫހާނީ ފަރުވާ އެއް. ފުރިހަމަ އަޚްލާގެއް ލިބިގެންނޫނީ ކާމިޔާބު ކިޔަވާކުއްޖަކަށް ނުވެވޭނެ. ހަމައެފަދައިން ވަގުތަށް ކަމޭ ހިތުމާއި ޓީޗަރުންގެ ބަސްއެހުމަކީވެސް އަޅުގަނޑުގެ ތަޖްރިބާއަށް ބަލާއިރު މުހިއްމު ކަމެއް . ”

ތައުލީމީ ރޮނގުގައި ލިބުނު ހުރިހާ ކާމިޔާބެއްގެ ސިއްރަކީ އެއީކަމުގައި އޭނާ ބުންޏެވެ.

ބ. ކުޑަރިކިލަށް އުފަންވެ އެރަށުގެ އެސްކޫލްގެ ގްރޭޑް 9އާ ހަމައަށް އަސްމާ ކިޔަވައި ނިންމާލިއިރު އެހެން ކުދިންނަށް އޭނާ ތައާރަފް ވެފައިވަނީ އެސްކޫލްގައި އަލަށް ތައާރަފްކުރި ބެސްޓް ސްޓޫޑެންޓް އެވޯޑް ގެ ޝަރަފްވެރިޔާގެ ގޮތުގައެވެ.

ތައުލީލީމުގެ އަގު ވަޒަންކުރަން އެނގޭ އަސްމާގެ މައިންބަފައިން އެހިސާބުން ބޭނުންވީ އިތުރަށް ކިޔެވުމަށް ބ.އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުކުރާށެވެ. އަސްމާގެ އެދުމާވެސް އެކުގައެވެ. އެއާއެކު އަސްމާއާއެކު އާއިލާ އެއްކޮށް އޭދަފުށްޓަށް ބަދަލުވީއެވެ. މާބޮޑު އާމްދަނީއެއް ލިބޭތީއެއްނޫނެވެ. ކިޔަވާކުދިންގެ މި މުހިއްމު ދައުރު އެކުދިން އެކަނިވެރިކަމާއެކު ދޫކޮށްލުމަށް ހިތް ނޭދޭތީއެވެ. އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ރަނގަޅުބަދަލުތަކެއް އަންނާނެތީއެވެ.

އެހެންނަމަވެސް ގްރޭޑް 10 ނިމިގެން ދިޔައިރު ސިއްހީ ހާލަތު ތަންނުދިނުމުން އޯލެވެލް ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ.

” އޯލެވެލްގައި އަޅުގަނޑު ބޭނުންވި ހިސާބަކަށް ނުދެވުނު. މައިން ބަފައިން ހިނިތުންކޮށްނުލެވުމުން ވަރަށް ދެރަވި. ބަލިވެއުޅުމާއި ސްކޫލާއެކު ޓީޗަރުންވެސް ބަދަލުވުމުން އާސްކޫލަށް ހޭނުމަށް ވަގުތު ކޮޅެއް ނެގީ. އިނގިރޭސިން ފާސް ނުވިނަމަވެސް ދެމާއްދާއިން އޭ ސްޓާރއާއި އެއް މާއްދާއިން އޭލިބުމުން ކުރިއަށް ދިއުމުގެ ހިތްވަރު ލިބުނު. ”

އަސްމާބުނީ އޭނާގެ ހިތުގައި އަބަދުވެސް ގައުމަށް ބޭނުންތެރި މީހަކަށް ވުމުގެ އަޒުމް އޮންނަކަމުގައެވެ. މައިންބަފައިން ފަޚްރުވެރިވާނެ ދަރިއަކަށްވުމުގެ އަޒުމް އޮވެއެވެ. މިއަޒުމަށް އިތުރު ބާރެއް ލިބެނީ މުޅި އާއިލާ ދެމުން ގެންދާ ކޮޅެއް މިނެއްނެތް، އެކަމަށް ޝުކުރުވެރިވާނެ ދުލެއްވެސް ނެތް ހިތްވަރުގެ ބަސްތަކުންނެވެ.

“ޚާއްސަކޮށް ބައްޕަ އަބަދުވެސް ބުނުއްވާނެ އަސްމާއަށް” ވާނެއޭ، ކުރެވޭނެއޭ” މި މޮޓޯއިން ހިތްވަރު ލިބޭތީވެ އަމިއްލައަށްވެސް ގަބޫލު ކުރެވިފައިއޮވޭ ވާނެކަން. ”

މި ޔަގީންކަމުގައި ހުރިނަމަވެސް އޭލެވެލްގެ ފުރަތަމައަހަރުވެސް ފާއިތުވެގެންދިޔައީ ބޭނުންވި ނަތީޖާއާ ހަމައަށް ނުދެވިއެވެ.

” ފުރަތަމައަހަރު ލިބުނީ ބީ ފާހާއި ސީ ފާސް .”

އެހިސާބުން ބަދަލުވީއެވެ. ނާކާމިޔާބު އޭނާގެ ފަހަތުން އަޅައިގަނެގެން އުޅޭ އުޅުމަށް ނިމުން އައީއެވެ. އެއީ ފާއިތުވި ހުރިހާ ނާކާމިޔާބެއްގެ ސަބަބުން ލިބުނު ޖޯޝާއި “ވާނެ ، ކުރެވޭނެ މޮޓޯ ” އާއެކު ކުރިއަށް ދާން މަސައްކަތް ކުރުމުގެ ނަތީޖާއެވެ.

“އޭގެފަހުން ހަދާ ކޮންމެ ޕޭޕަރަކުން ލިބުނީ މުޅިންވެސް އޭ.  އަސްލު އޯލެވެލްގައި ވަރަށް އުއްމީދު ކުރިން ޓޮޕް 10 އަށް. ނުލިބުނީމާ ފެމިލީ އެންމެންވެސް ވަރަށް ދެރަވި. އެހެންވެ ވަރަށް ބޮޑަށް މަސައްކަތް ކުރީ އޭލެވެލް އިން މީގެބަދަލު ހޯދުމަށް.”

އެއީކިހާ ވަރަކަށް ހެއްޔެވެ؟

“ވަގުތުތައް ބަހާލީ. ޓައިމް ޓޭބަލެއް ހެދީ . ޓެސްޓް ދުވަސްވަރު އަވަހަށް ނިދާފައި ފަތިހު ތިނެއް ޖަހާއިރު ހޭލަން. އަރާމުކުރަން ވަގުތު ހުސްކުރުމާއި އާއިލާއާއެކު ހޭދަކުރުމަށްވެސް ވަކި ވަގުތުތަކެއް ކަނޑައެޅީ . ގްރޫޕް ސްޓަޑީވެސް ކޮންމެވެސް ވަރަކަށް ހެދިން .” އަސްމާ ކިޔައިދިނެވެ.

މިމޭރުމުން ވާހަކަ ދައްކަމުން އޭނާގެ ވާހަކަ ޓިއުޝަނާ ދިމާލަށް ދީލާލިއެވެ.

“ޓިއުޝަން ނެގީ ހަމައެކަނި މެތްސްއިން އެމާއްދާއިން ކުޑަކޮށް ވީކް ވާކަމަށް ފެންނާތީ. އެކަމަކު އެހެން މާއްދާއަކުން ދުވަހަކުވެސް ޓިއުޝަން ނުނަގަން. ޓިއުޝަން ނަގަން ވުމުން އެކުއްޖަކަށް އެނގޭނެ މި މާއްދާއަށް ވީކް ކަން. އެހެން ވެއްޖެނަމަ އެމާއްދާއަކުން ޓިއުޝަން ނަގަންވީ.   ”

އަސްމާގެ ކާމިޔާބާމެދު އޭނާގެ މައިންބަފައިން ތިބީ އުފަލުންނެވެ. ބަސްއަހާ ދަރިއެއްގެ ފަރާތުން އާއިލާއަށާ ގައުމަށް ރީތި ނަމެއް ހޯދައިދެވުނީތީއެވެ. އަދި ކުރިމަގުގައި ގައުމީ ޚިދުމަތަށް ނެރެދެވޭތީއެވެ. އަސްމާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރުއޭނާގެ ކައިރީގައި އިން މަންމަގެ ލޮލުން ފެނުނު އުއްމީދީ ކުލަވަރުތަކާއި މޫނުމަތިން އެކިފަހަރު އެކިގޮތަށް ފެނުނު މަންޒަރުތަކުން އެއީވެސް ލައްކަ ވާހަކަ އޭ ހިތަށް އެރިއެވެ. އެ ވާހަކަތައް ކިޔައިދިނުމަށް އެދުނީމެވެ.

އަސްމާ، މަންމަ އާއެކު- ފޮޓޯ :އީވީ

“އަސްމާއަކީ އަބަދުވެސް ވަރަށް ބަސްއަހާ ކުއްޖެއް. ދުވަހަކުވެސް ބާރަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދޭ.  ހުރިހާ ކަމަކަށް ވުރެ ކިޔެވުމަށް އިސް ކަންދީގެން އަޅުކަންތަކާ ވެސް ދޯޅު ކުއްޖެއް. ގަބޫލު ކުރެވެނީ ބަސް އަހައިގެން ކިޔަވާ ކޮންމެ ކުއްޖަކަށްވެސް މި ނަސީބު މިންވަރު ކުރައްވާނެކަމަށް . ” މަންމަގެ ވާހަކަ ކުރުވެފައި ފޮންޏެވެ.

އަސްމާ މިހާރު އިންތިޒާރު ކުރަމުން އަންނަނީ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނުގެ ތައުބީރަށެވެ. އޭލެވެލް އިން ރާއްޖޭގެ ނިސްބަތުން ހޯދޭނެ އެންމެ ބޮޑު ކާމިޔާބާއެކު މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން މިހާރުވަނީ ފަހިކޮށްދީފައެވެ. އެކައުންޓެންސީގެ ރޮނގުން ކުރިއަށް ދިއުމަށް މިހާރު އޭނާއަކަށް ހުރަހެއް ނެތެވެ.

އެކަމަކު އޭނާއަށް ދިރިއުޅުމުގެ އާމަގެއްގެ އުފާވެރިކަން ލިބުނީ އެތައް ބައެއްގެ ބުރަ މަސައްކަތުންކަން މި ވަގުތުވެސް އޭނާ ހަނދާންނައްތައެއް ނުލައެވެ.

“އެންމެ ފުރަތަމަވެސް މި ފަދަ މަގާމަކާހަމައަށް އާދެވުނީތީވެ  ﷲ އަށް ހަމްދުކުރަން . އެއަށް ފަހު އަޅުގަނޑު ގެ މަންމައާ ބައްޕަ ކޮށްދިން ވަރަށް ބުރަ މަސައްކަތަށް ދަރަނިވެރިވަން. ވަރަށް ބަލިވެ އުޅެމުންވެސް އަޅުގަނޑުގެ ހުރިހާ ކަމެއް ބެލެއްހެއްޓީ މަންމަ. ސްކޫލަށް ގެންދިއުމާ ގެނައުމުގައި ނެތް ގަނޑިން ކައްސާލާފައެއް. ދުވަހަކުވެސް ރުޅިއައިސް ފުސް މޫނެއް ނުދައްކާ. ހިނިތުންވެ ހުރެ އެ ބަލި ހާލުގައި އަޅުގަނޑު ގޮވައިގެން ވަރަށް ބުރަ މަސައްކަތެއް ކޮށްދީފި. ބައްޕަވެސް ވަރަށް ބަލިވެ އުޅެމުންވެސް ރަށުން ބޭރުގައި ބައިތިއްބައިގެން އާމްދަނީ ހޯދުމަށް ބުރަ މަސައްކަތް ތަކެއް މިހާރުވެސް ކުރަމުން އެދަނީ. އެކަންކަމަކީ މިހެން ބުނެލާ އިބާރާތަކުން ޝުކުރު އަދާކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ” މަންމަގެ މޫނަށް ޝުކުރުވެރިކަމާއެކު ބަލާލަމުން އަސްމާ ބުންޏެވެ.

“އަޅުގަނޑުގެ މި ކާމިޔާބުގައި ހިއްސާ ވީ ފަރާތްތައް ނިންމާލެވެން އޮތީ ބޭބެ އިންނާ ދައްތަމެންގެ ފަރާތުން ލިބުނު ހިތްވަރާއި އަދި މަންމަ ފަރާތުގެ އާއިލާވެސް އަޅުގަނޑާމެދު ބަހައްޓަމުން ގެންދިޔަ ދަރިވަންތަކަމާ އިންތިހާ ދަރަޖައިގެ އޯގާތެރިކަން ހަނދާންކުރަމުން އެކަން ފާހަގަ ކުރަން. ”

ހަމައެއާއެކު ސްކޫލްގެ ލޮބުވެތި ޓީޗަރުންނާ ވަރަށް ގިނަ ބައެއްގެ ހެޔޮ ދުއާއާއެކު މިހިސާބަށް އާދެވުނީ. ” އަސްމާ ބުނީ އެއެންމެންނަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާ ކުރާ ކަމުގައެވެ.

ކިޔަވާކުދިންނަށް އަސްމާ ދޭންއޮތީ އެންމެ ނަސޭހަތެކެވެ. މައިން ބަފައިންގެ ބަސްއަހައިގެން ދީނީކަންކަމަށް ސަމާލުކަން ދިނުމާއެކު ރަނގަޅު އަޚްލާގުގައި ޓީޗަރުންގެ އިރުޝާދާއެކު ކިޔެވުން ކުރިއަށް ގެންދާނަމަ ކޮންމެ ކުއްޖަކީވެސް އަސްމާ ފަދަ ކުއްޖަކަށް ވެވިދާނެކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top