ޝައިޚް މަޖީދުގެ ދަރެސް: މެދުފޮއި ރޯދަ ހިފުން މޮޅުއިތުރީ ކޮންގޮތެއް

majeed.jpg

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ލެއްވީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އިންސާނުން އެކަލާނގެއަށް ތަޤްވާވެރިވުމަށްޓަކައި، އިސްލާމީ އުންމަތާއި، އޭގެ ކުރީގެ ކުރީގެ އުންމަތްތަކުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރްޟު ކުރެއްވިއެވެ. އެގޮތުން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ރޯދަ ހިފުން އިސްލާމީ އުންމަތުގެ ކޮންމެ މުކައްލަފެއްގެ މައްޗަށް ފަރްޟެއްކަމުގައި ލެއްވިއެވެ.

އަދި ހަމައެހެންމެ އަހަރުގެ ވަކި ޚާއްޞަ ދުވަސްތަކެއްގައި ރޯދަހިފުން ސުންނަތެއް ކަމުގައި ލެއްވިއެވެ. އެގޮތުން ބަލާއިރު، ކޮންމެ ހަނދުމަހެއްގެ 13ވަނަ ދުވަހާއި، 14 ވަނަ ދުވަހާއި، އަދި 15 ވަނަ ދުވަހު، ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަމްރުބްނުލްޢާޞްގެ ދަރިކަލުން ޢަބްދުﷲ ގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައިވަނީ “އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރެއްވިއެވެ. “ކޮންމެ (ހަނދުމަހެއްގެ) ތިންދުވަހު ރޯދައަށް ހުރުމަކީ،(އެބަހީ: 13 ، 14 ، އަދި 15 މި ތިން ދުވަހު، ރޯދައަށް ހުރުމަކީ،) މުޅި އަހަރުދުވަހު ރޯދައަށް ހުރުން ފަދަ ކަމެކެވެ.”

އިސްވެދިޔަ ބަސްފުޅުން ދޭހަވަނީ، މެދުފޮއި ރޯދަ ހިފުމުގެ މާތްކަމާއި މަތިވެރިކަމެވެ.

ކޮންމެ ހަނދުމަހެއްގެ 13ވަނަ ދުވަހާއި، 14 ވަނަ ދުވަހާއި ، އަދި 15 ވަނަ ދުވަހު، ރޯދަ ހިފުން،  ސުންނަތްވެގެން ވީނަމަވެސް، ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހު ރޯދަހިފުން ޙަރާމްވާނެއެވެ. އެއީ، ރޯދަހިފުން ޙަރާމްވެގެންވާ، އައްޔާމުއްތަޝްރީޤުގެ 3 ދުވަހުގެތެރޭގައިހިމެނޭ ދުވަހަކަށްވާތީއެވެ. އައްޔާމުއްތަޝްރީޤުގެ ދުވަސްތަކަކީ، ޛުލްޙިއްޖާ މަހުގެ 11ވަނަ ދުވަހާއި، 12ވަނަ ދުވަހާއި، އަދި 13ވަނަ ދުވަހެވެ. މިއީ ރޯދަ ހިފުން ޙަރާމް ދުވަސްތަކެކެވެ.

ސުންނަތްރޯދަތައް ހިފުމަކީ، ﷲ ގެ ދަރުމައާއި ޘަވާބަށް އެދި ކުރާ އަޅުކަމަކަށްވާއިރު، ފިރިމީހާ، އަނބިމީހާއާއެކު ރަށުގައި ހުންނަ ޙާލަތުގައި ސުންނަތްރޯދަ ހިފަންވާނީ، ފިރިމީހާގެ އިޛްނަ ލިބިގެންނެވެ. މިއީ، އަންހެންބޭކަނބަލުން ސަމާލުކަން ދޭންޖެހޭކަމެކެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން، ކީރިތި ރަސޫލާ ޞޢވ ޙަދީޘްކުރެއްވިއެވެ. “ފިރިމީހާ ރަށުގައިހުރެ، އޭނާގެ ހުއްދައާނުލައި އަނބިމީހާ، ސުންނަތްރޯދަ ހިފުމަކީ، ހުއްދަކަމެއްނޫނެވެ. އަދި އޭނާގެ ގެއަށް، (އެބަހީ: ފިރިމީހާގެ ގެއަށް) އޭނާގެ ހުއްދައާނުލައި އެއްވެސް މީހަކު ވަނަދިނުމަކީވެސް، އަނބިމީހާއަށް ހުއްދަވެގެންވާ ކަމެއްނޫނެވެ.” (މި ޙަދީޘް ރިވާކުރެއްވީ އަލްއިމާމުލްބުޚާރީއާއި، އިމާމު މުސްލިމް)

އިސްވެދިޔަ ބަސްފުޅުން އެނގި ޔަޤީންވަނީ، އަނބިމީހާއާއެކު ރަށުގައި ހުރި ފިރިމީހާގެ ހުއްދައާނުލައި ހިފާ ސުންނަތް ރޯދައަކީ، އެ ރޯދަހިފާ މީހާއަށް އެކަމަކުން މަންފާއެއް ކުރާނޭ އަޅުކަމެއްނޫންކަމެވެ. އަޅުކަންތައްތައް ކުރަނީ، އެކަމުން ﷲ ގެ ދަރުމައާއި ޘަވާބު ޙާޞިލުކުރުމަށެވެ. އެހެންކަމުން، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ، އެއަޅުކަމެއް ކުރަން އޮންނަ ރަނގަޅު ގޮތަށް އަޅުކަންތައްތައް ކޮށްއުޅޭ ބަޔަކުކަމުގައި މާތްﷲ މިންވަރުކުރެއްވުމެވެ.

އެޑިޓަރުގެ ނޯޓް: “ޝައިޚް މަޖީދުގެ ދަރެސް” އަކީ ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން އޭދަފުށީ ވޮއިސްގެ ފަރާތުން ގެނެސްދޭ ސިލްސިލާއެކެވެ. މި ސަފްހާ ގައި ލިއުއްވަމުންގެންދަވާނީ ޝައިޚް މަޖީދުއެވެ. 

އޭދަފުށީ ފިނިހިޔާގޭ ޢަބްދުލް މަޖީދު މުހައްމަދު އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރ ސިޓީއިން ޤުރުއާން ތަފްސީރުގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އަމިއްލަފުޅުރަށުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކީރިތި ޤުރުއާންގެ އިމްލު އުނގަންނައި ދެއްވުމަށްމަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ވަޒީފާއަދާކުރައްވަމުން ގެންދަވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އީވީ ގެ ދީނީ ސަފްހާ މުއްސަނދި ކޮށްދެއްވުމަށް ޝައިޚްގެ ދަރުމަވެތި މި އެހީތެރިކަމަށް ޝުކުރުވެރިވަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top