ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ :ޢަބްދުﷲ ނަޢީމް އިބްރާހީމް                                            (2 ނޮވެމްބަރ އާއި ގުޅޭ)

ކުޅަދުންވަންތަކަން

1982 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ. އަޅުގަނޑު ހުރީ އެފްރިކާގެ ފަރުބަދަ މަތީ ރަށެއްގައި، ގަހެއްގެ ހިޔަލުގައެވެ. މި ގަހަކީ އަޅުގަނޑަށް މުޅިން އާ ގަހެކެވެ. މީގެ ކުރިން އަޅުގަނޑު ދުވަހަކުވެސް މި ކަހަލަ ގަހެއް ނުދެކެމެވެ.

މި ގަހަކީ ކަލާނގެ ވޮޑިގެންވާ ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. ގަހުގެ ހުރިހާ އެއްޗެއް އަޅުގަނޑަށް ވީ ޢަޖައިބުވާ ކަހަލަ އެއްޗަކަށެވެ. ގަހުގެ ނާޒުކު މަލާއި، މީރު މޭވާއާއި، ފުރިހަމަ ޑިޒައިނަކަށް ހެއްދެވިފައިވާ ފަތްތައް ފެނުނީމާ ހިތަށް ވަންނަނީ މުޅިން ތަފާތު ޚިޔާލެކެވެ. އެ ތަކެތި އަންގައިދެނީ އެއީ އަމިއްލައަށް އުފެދި، ހެދި ބޮޑުވެފައިވާ ގަހެއް ނޫން ކަމެވެ. ކޮންމެވެސް ފަރާތެއްގެ ބާރާއެކީ ހެދިފައިވާ ގަހެއް ކަމެވެ. މި ދުނިޔޭގައި ލައްވާފައިވާ ހުރިހައި ގަހަކުންވެސް އަންގައިދެނީ ހަމަ މި ވާހަކައެވެ. އެއީ ކަލާނގެ ކުޅަދުންވަންތަކަމުގެ ނަމޫނާ ތަކެއް ކަމެވެ. ކުރިންވެސް ދެންނެވި ފަދައިން މިގަހަކީ އަޅުގަނޑަށް މުޅިން އާ ގަހެކެވެ. އެހެންވީމާ އަޅުގަނޑަށް ޢަޖާއިބަކަށް ވީއެވެ.

އެފްރިކާގެ ޢަޖާއިބު ވަނިވި، އަދި ރީތި ގަސް ފެނުމުން އަޅުގަނޑުގެ ދުލުން ބޭ އިޚްތިޔާރުގައި ނުކުތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި ދުނިޔޭގައި ލައްވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައި އެ އެއްޗެއްގައި ލިޔުއްވަނީ މި ފަދައިންނެވެ. “މިއީ ﷲ ހައްދަވާފައިވާ އެއްޗެކެވެ.”

އެހެންނަމަވެސް މި ޢިބާރާތްވަނީ އިންސާނުންގެ ލޯ މައްޗަށް ނުފެންނަ ގޮތް ހައްދަވައިފައެވެ. އެއީ ހައްދަވައިފައިވާ ތަކެތި ފެނުނީމާ، މީހެއްގެ ބުނުމަކާ ނުލައި މީސްތަކުންނަށް އެ ތަކެތި ހެއްދެވި ފަރާތް އެނގޭނޭ ގޮތް ހައްދަވަން ވެގެންނެވެ.

މެޝިނުގެ މާހިރަކަށް މެޝިނެއް ފެނުމާއެކު އެއީ ކޮން ޤައުމެއްގައި އުފެއްދި އެއްޗެއްކަން ދަނެގަނެއެވެ. އެއީ ރޫސީވިލާތުގައި ނުވަތަ އެމެރިކާގައި ނުވަތަ އިނގިރޭސި ވިލާތުގައި ނުވަތަ ޖަޕާނުގައި ހަދާފައިވާ މެޝިނެކޭ ބުނާކަށް ޖެހިލުމެއް ނުވެއެވެ. ކާއިނާތުގެ ހުރިހާ ތަކެއްޗެއްގެ ޙާލުވެސް ހުރީ މިފަދަ ގޮތަކަށެވެ. އަޅުގަނޑުމެން މި އުޅެނީ ޤުދުރަތީ “މެޝިން” ތަކުން ފުރިފައިވާ ދުނިޔެ އެއްގައެވެ. މި ހުރިހާ މެޝިނެއް ބަރާބަރަށް މަސައްކަތް ކުރަމުން ދެއެވެ. އެކަމަކު އެއިން އެއްވެސް މެޝިނެއްގައި ހެއްދެވި ފަރާތުގެ ސިއްކަ ޖަހާފައެއް ނުހުރެއެވެ. މަސައްކަތް ކުރާލެއް ފުރިހަމަ ކަމުންނާއި، ޑިޒައިންގެ ރީތި ކަމުން އެއީ ކޮން ފަރާތެއްގެ އީޖާދެއްކަން އަޅުގަނޑުމެންނަށް އެނގެނީއެވެ. މަޚުލޫޤުންނަށް ޚާލިޤު ފަހުމްވާ ގޮތް ވަނީއެވެ.

ކާއިނާތުގެ އެއްވެސް އެއްޗެއްގައި ހެއްދެވި ފަރާތުގެ ނަމެއް ފާޅުވާހެން ލިޔެވިފައެއް ނޯވެއެވެ. އެހެންނަމަވެސް މަޢުނަވީ ގޮތަކަށް ލިޔެވިފައި އޮވެއެވެ. ބަލާ މީހަކު ފުންކޮށް ވިސްނައިފި ނަމަ މި “ޢިބާރާތް” ރަނގަޅަށް އެނގޭނެއެވެ. “މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އުފެއްދެވުމެކެވެ. އެހެން އެއްވެސް ފަރާތަކަށް މި އުފެއްދުމުގެ ކުޅަދާނަކަން ލިބިފައެއް ނެތެވެ.”

މާހިރުންގެ ޙާލު

ޕްރޮފެސަރ ރާޖް ކްރިޝްނާ (1985-1925) އަކީ އިންޑިއާގެ އެންމެ ޢިލްމުވެރި ފަންސާސް ބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.

ވިޔަފާރީގެ ޢިލްމުން ހޯއްދަވާފައިވާ އާދަޔާ ޚިލާފު މަތީ ދަރަޖައެއްގެ ސަބަބުން އޭނާވަނީ މުޅި ދުނިޔެއަށް މަޝްހޫރު ވެފައެވެ. އުތުރުކަރައިގެ ބޮޑެތި ކުންފުނިތަކުން އޭނާގެ ލަފާ އެކި ކަންކަމުގައި ހޯދާފައިވެއެވެ. ޢުމުރުގެ ފަހުކޮޅު އޭނާ އުޅުއްވީ އެފް.އޭ.އޯ. (ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން) ގެ ޕްރޮޖެކްޓެއްގައި އިޓަލީ ވިލާތުގެ ރޫމުގައެވެ. އޭނާޔާ ޙަވާލުވީ މަސައްކަތް މުޅިން ނުނިމެނީސް 21 މޭ 1985 ގައި ކުއްލިއަކަށް ހިތްހުއްޓިގެން ނިޔާވެއްޖެއެވެ. ނިޔާވީއިރު ޢުމުރަކީ އެންމެ 59 އަހަރެވެ. (ޓައިމްސް އޮފް އިންޑިއާ 22 މޭ 1985)

ޕްރޮފެސަރ ރާޖް ކްރިޝްނާ އަކީ ވިޔަފާރީގެ ރޮނގުގައި ނުވަތަ ވިޔަފާރީގެ ޢިލްމުގެ ރޮނގުގައި މިސާލެއްނެތް ފަދަ މާހިރެކެވެ. އޭނާ މުޠާލަޢާކޮށް ތަޙްޤީޤު ކުރެއްވި މައްސަލަތަކުގެ ތެރޭގައި ތިންވަނަ ދުނިޔޭގެ ފަޤީރު ޙާލަތާއި، ވަޒީފާގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތައް ޙައްލު ކުރަން އަޅާނޭ ފިޔަވަޅުތަކާމެދު އޭނާ އެތައް ތަޙްޤީޤެއް ކުރެއްވިއެވެ.

ދުނިޔޭގެ މައްސަލަތައް ތަޙުޤީޤު ކުރާ މީހުންނަށް ޚުދު ތިމާގެ މައްސަލަތައް ނޭނގޭކަމީ ކިހައި ބޮޑު އަޖާއިބެއްތޯއެވެ؟

މިއީ އިންސާނާގެ ޙާލެވެ. އޭނާއަކަށް މާދަމާ އޭނާގެ ޙާލަތު ބަދަލު ވެގެންދާނޭ ގޮތެއް ނޭނގެއެވެ. އެކަމަކުވެސް ހޭބޯ ނާރާ އެހެން މީހުންގެ ކުރިމަގާބެހޭ ތަޙުޤީޤުތައް ކުރަނީއެވެ.

އިންސާނާވަނީ ފިކުރީ މައްސަލަގަނޑެއްގެ ތެރޭގައި ހައްޔަރުވެފައެވެ. އެކަމަކު އެހެން މީހުންގެ ވިޔަފާރިއާއި، އެހެނިހެން ކަންތައްތައް ކުރިއަށް ގެންދާނޭގޮތް ރާވައިދީ، އެ ރޮނގުން ޢަޖާއިބުވާފަދަ މަތީ މަޤާމްތަކެއް ޙާޞިލުކުރެއެވެ. މައްސަލަތައް ޙައްލު ކުރުމުގެ ރޮނގުގައި އޭނާއަށް މަތީ އިނާމުތައްވެސް ލިބެއެވެ. އެހެންނަމަވެސް ތަޖުރިބާއަށް ބަލާއިރު އޭނާއަށް ޚުދު ތިމާގެ އަމިއްލަ މައްސަލަތަކަކީ ކޮބައިކަމެއްވެސް ނޭނގެއެވެ.

އިންސާނާގެ މި އެނގުމާއި، ނޭނގުމަކީވެސް ވަރުގަދަ ޢަޖާއިބެކެވެ. ވިސްނައިފި މީހަކަށް ޢިބްރަތެކެވެ.

ހިތްހަމަޖެހުން ހޯދުން

ފައިސާވެރިންގެ ވަށައިގެން އެކި ބާވަތްބާވަތުގެ އަގުބޮޑު ތަކެތި ފުނިޖަހާފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. ބަލާބެލުމަށް ފައިސާވެރިންނަކީ ޢާންމު އިންސާނުންނާ ތަފާތު ފެންވަރެއްގައި އުޅޭ ބައެކެވެ. އެހެން ނަމަވެސް މުއްސަނދި މީހާ އެކަނިވެ، ވިސްނައިލާނޭ ފުރުޞަތު ލިބުނީމާ ތިމާއަކީވެސް އެހެން މީހުން ފަދަ އާދައިގެ ބަލިކަށި އިންސާނެއްކަމަށް އިޙްސާސް ކުރެވެއެވެ.

އެމެރިކާގެ މަޝްހޫރު ފޯރޑް ކުންފުނީގެ ވާރިޘް އަލްފްރެޑް ފޯރޑަކީ ވަރަށް މުއްސަނދި މީހެކެވެ. އެހެންނަމަވެސް އޭނާގެ ހިތް ބަދަލަކަށް އެދެމުން ދިޔަ ދުވަސްވަރު އަލްފްރެޑަށް ހަރޭކްރިޝްނާ މޫވްމަންޓްގެ ވާހަކަ އަޑު އިވިއްޖެއެވެ. މި މޫވްމަންޓްގެ މަރުކަޒުތައް އެމެރިކާއާއި، ހުޅަނގުގެ ޤައުމުތަކުގައި ހުރެއެވެ. މިތަނުން ހިތަށް ހަމަޖެހުމެއް ލިބިދާނެއޭ ހީކޮށް އަލްފްރެޑް މި މޫވްމަންޓާ ގުޅިއްޖެއެވެ. އަދި 28 ޑިސެމްބަރ 1984 ގައި އެ މޫވްމަންޓްގައި އުޅޭ ހިންދީ އަންހެންކުއްޖަކާ އިނދެފިއެވެ. ކާވެނީގެ ރަސްމިއްޔާތު އޮތީ އޮސްޓްރޭލިއާގައި ހުންނަ މި މޫވްމަންޓްގެ މަރުކަޒުގައެވެ. 1 ޖެނުއަރީ 1985 ދުވަހު ނުކުތް “ޓައިމްސް އޮފް އިންޑިއާ” ނޫހުގައި އަލްފްރެޑްގެ ފޮޓޯއެއް ޖަހާފައި ހުއްޓެވެ. ސާދޫން ލާ ކަހަލަ ހެދުމެއް ލައިގެން ހުއްޓައެވެ. އެނޫހުގައި އޭނާއާބެހޭ ރިޕޯޓެއްވެސް ޝާއިޢު ކޮށްފައިވެއެވެ. އެ ރިޕޯޓްގައި ވެއެވެ.

“މިސްޓަރ ފޯރޑް (އަލްފްރެޑް) އަކީ ހަމައެކަނި ނަމަކަށް ފޯރޑެކެވެ. “އަހަންނަކީ ކާރެއްނޫނެވެ. އެހެން މީހުންހެން ފުރާނަޔާއެކު ހައްދަވާފައިވާ މީހަކީމެވެ.” އޭނާ ބުންޏެވެ.”

މީހަކަށް ކިތަންމެ ގިނަ ފައިސާއެއް ލިބުނު ކަމުގައި ވިޔަސް އޭނާގެ ވުޖޫދުގެ ބައެއްކަމުގައި އެ ފައިސާ ހިމެނިގެންނެއް ނުދާނެއެވެ. މާއްދީ އުފަލާއި، އަގުބޮޑު މުދަލުގެ ތެރޭގައިވެސް އޭނާއަށް އެކަނިވެރިކަން އިޙުސާސް ކުރެވޭނެއެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރާނީ މި އެކަނިވެރިކަން ފިލުވައިލެވޭ ފަދަ ބައިވެރިއަކު ފެނޭތޯއެވެ. އެ ބައިވެރިއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އިންސާނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހޯދޭނޭ މަގު ނުފެނުމުން، މާއްދީ ތަކެތިން އެކަނިވެރިކަން ފިލުވަން މަސައްކަތް ކުރަނީއެވެ. މިއީ ޙަޤީޤީ ހަމަޖެހުން ހޯދޭނޭ ގޮތެއް ނޫނެވެ.

ކާއިނާތުގެ ކާރުޚާނާ

އިންސާނުން ހަދައިފައިވާ ކާރުޚާނާ އަކަށް ވަނުމާއެކު އެ ކާރުޚާނާގައި ހިނގާ މަސައްކަތްތަކުގެ މަޢުލޫމާތު ދެވެން ފަށައެވެ. ކޮންމެ ތަނެއްގައިވެސް އެ ތަނަކުން ކުރާ މަސައްކަތެއް އެނގޭހެން ލިޔެފައި ހުރެއެވެ. ކޮންމެ ތަނެއްގައި އެތަނަކަށް ޚާއްޞަ މީހަކު ހުރެއެވެ. ކުރާ ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދެއެވެ. މީގެ އިތުރަށް ކާރުޚާނާ އިން އެ ކާރުޚާނާއަކާ ބެހޭލުއި ފޮތެއް ނުވަތަ ލިޔުމެއް ދެއެވެ. އެފޮތުގައި ނުވަތަ ލިޔުމުގައި ކާރުޚާނާއާބެހޭ މުހިންމު މަޢުލޫމާތު ބަޔާން ކުރެވިފައި ހުރެއެވެ.

ކާއިނާތަކީ އިންސާނީ ކާރުޚާނާ ތަކަށް ވުރެ މާ ބޮޑު ކާރުޚާނާއެކެވެ. އެކަމަކު މި ކާރުޚާނާގައި ލިޔުމެއް ނުހުރެއެވެ. ތަންތަން ކިޔައި ދޭނޭ މީހަކު ނުހުރެއެވެ. މި ކާރުޚާނާގައި ތަކެތި އުފައްދައެވެ. ރާވައެވެ. ޕާރުސަލް ކުރެއެވެ. ސަޕްލައި ކުރެއެވެ. މީހުންގެ ބޭނުންތަކަށް ބަލައިގެން ތަކެތި މަދުކޮށް ގިނަ ކުރުމުގެ ނިޒާމުވެސް މި ކާރުޚާނާގައި ޤާއިމު ކުރެވިފައި ވެއެވެ. އެއްފަހަރު ބޭނުން ކޮށްފައި އެއްލައިލާ ތަކެތި ބޭނުން ކޮށްގެން އެހެން އެއްޗެއް އުފެއްދުމުގެ މަސައްކަތްވެސް މި ކާރުޚާނާގައި ކުރިއަށް ދެއެވެ. ވިއްކުމާއި، ހިލޭ ބެހުމާއި، ހިފެހެއްޓުމުގެ ކަންތައްވެސް ބަރާބަރަށް ކުރިއަށް ދެއެވެ. އެކަމަކު މިއިން އެއްވެސް ކަމެއް އިޢުލާނު ކުރާނޭ މީހަކު ނުހުރެއެވެ. އަދި މި ކަންތައްތަކުގެ ވާހަކަ ކިޔައިދޭނޭ މީހަކުވެސް ނުހުރެއެވެ.

ފަރުބަދަ ތަކުގެ އުސް ކުންނު ތަކަކީ މިކާރުޚާނާގެ އިސްޓޭޖެވެ. އެކަމަކު އިސްޓޭޖުގައި ވާހަކަ ދައްކާނޭ މީހެއް ނުހުރެއެވެ. ދޫނި ތަކުގެ ގޮވުން އަޑު އިވުނީމާ އެ ކިޔައި ދެނީ ކޮންމެވެސް ވާހަކައެއްހެން ހީވެއެވެ. އެކަމަކު އެވާހަކަ އެނގޭ މީހެއް ނުވަތަ އޮޅުން ފިލާ މީހެއް ނެތެވެ. ވިދާ ގުގުރާ އަޑު އިވުނީމާ މި ކާރުޚާނާގެ “ސައުންޑް ސިސްޓަމް” މަސައްކަތް ކުރަނީއޭ ހީވެއެވެ. އެކަމަކު އެ އަޑުތައް ތަރުޖަމާ ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނެތެވެ.

މި އަޑުތަކާއި، ޙަރަކާތް ތަކުގެ މާނަ ވިސްނައިގަތުމުގެ ޤާބިލުކަން އިންސާނާއަށް ހޯދައިދެނީ އީމާން ކަމުގެ ބާރުންނެވެ. ކާއިނާތުގެ މި އަރަތުގެ ޙައްލު ފެންނަނީ އީމާން ކަމުގެ ނޫރުންނެވެ. މުއުމިން އާދަމުގެ ދަރިޔާއަކީ ސައިންސްވެރިއެއް ފަދަ މީހެކެވެ. އޭނާ މުޅި ކާއިނާތަށް ފެތުރިފައިވާ ބާރު ތަކުން ޝަމްސީ ނިޒާމުގެ ސިއްރުތައް ހޯދައި ގަނެއެވެ. މާއްދާގައި ފޮރުވިފައިވާ ބާރު ދެނެގަނެއެވެ. އެއްވެސް ދިރުމެއް ނެތް އެކަތައިން “ދިރުން ހުރި” މެޝިންތައް އުފައްދައެވެ.

ހަމަ މި ބީދައިން އޭނާ ފޮރުވިފައިވާ ޢިލްމުން، މީސްތަކުންނަށް ފެންނާނޭ ފަދަ ޢިލްމެއް ދުނިޔެއަށް އުފަން ކުރުވައެވެ. ހެއްދެވި ތަކެތީގެ މައްޗަށް ނަޒަރު ހިންގައިގެން ހެއްދެވި ފަރާތް ދެނެގަނެއެވެ. ލަވަ އަޑު އަހާފައި އެ ލަވަ ހެދި މީހާ ދެނެގަނެއެވެ.

އީމާންކަން އޭގެ އެންމެ މަތީ ހަރުފަތަށް ފޯރުމުން ދީނަށް ގޮވާލުމަށް ބަދަލުވެއެވެ. ދީނަށް ގޮވާލުމަކީ އެއް ގޮތަކުން ބަލާއިރު ކާއިނާތުގެ “ހަމަ ހިމޭން” ލަވަތަކަށް ލަފުޡު ތަކެއްގެ ސިފަ ގެނައުމެވެ. ދީނަށް ގޮވާލާ މީހާ ކުރާ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންގެވުންތައް އަޑު އެހުމަށްފަހު، އެއިން ހިދާޔަތު ލިބިގަތުމަށްފަހު ޢާއްމު އިންސާނުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. ދީނަށް ގޮވާލުމަކީ ﷲ ގެ ދުނިޔޭގައި، ﷲ ގެ ވަޒީފާ އަދާ ކުރުމެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top