ސްކޫލްތައް ބަންދުވުމުގެ ކުރިން ހުރިހާ ކުދިންނަށް ޓެބްލެޓް ލިބޭނެ: އެޑިއުކޭޝަން

34608444_2386175084742361_4186093306725269504_n-800x388-800x388-800x388-800x388.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރުން -އީވީ ފައިލް ފޮޓޯ

ދިރާސީ އަހަރުގެ ކިޔެވުން މިމަހު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓެބްލެޓް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްމާޓް ތައުލީމީ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޓެބްލެޓް މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަހަރު މެދު އިމްތިހާނަށް ފަހު ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް މެދު އިމްތިހާނު ނިމިގެން މިއަދާ ހަމައަށް އައިއިރު އަދިވެސް މަދު ސްކޫލެއްގައި ނޫނީ ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭކަށް ނުފަށައެވެ.

އެޑިއުކޭޝަން މިނިސޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު “އަވަސް” ނިއުސް އަށް ވިދާޅުވީ، ބެލެނިވެރިންނާއި ކުދިން އުންމީދުކުރި ގޮތަށް އެހާ އަވަހަށް ހުރިހާ ކުދިންނަށް ޓެބްލެޓް ހަވާލުނުކުރެވުނީ އޭގެ ކުރިން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަކުރުމަށް ވަގުތު ބޭނުންވުމުން ކަމަށެވެ. އަދި ވިދާޅުވީ، އަލަށް ފަށައިގަންނަ މި ފަދަ ބޮޑު މަޝްރޫއެއް ކުއްލިއަކަށް ފަށައިގަތުމަކީ ގޮންޖެހުން ބޮޑު އުނދަގޫ ކަމަކަށް ވާތީ ދިގުލައިގެން ދިޔައީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުދިންގެ އަތަށް ޓެބްލެޓް ދިން ނަމަވެސް، އެތަކެތި ބޭނުންކުރާ ޝެޑިއުލްއާއި ބޭނުންކުރަންވީގޮތް ނިންމާނީ އެސްކޫލަކުން ކަމުގައެވެ.

“މިހާތަނަށް އައި އިރު ވަރަށް ބައިވަރު މަސައްކަތްތަކެއް މިވަނީ ކުރެވިފަ. ޓީޗަރުން ތަމްރީންކުރި. ހުރިހާ ސްކޫލެއް އެއް ވިއުގައަކުން ގުޅާލެވިއްޖެ. ދިރާގާއެކު އިންޓަނެޓް ގުޅުންތައް ރަނގަޅުކުރަން އެކި ފަހަރު މަތިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ކުއްޖަކު ނުބައި ތަނަކަށް ވަދޭތޯ ބެލުމަށާއި އަމިއްލަ އެޕްލިކޭޝަން ޑައުންލޯޑް ކުރޭތޯ ނުވަތަ އެކަން މަނާ ކުރުމަށާއި ސްކޫލުން ޓެބްލެޓްތަކަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވުން ފަދަ ކަންކަމަށް ފަހިވާގޮތަށް ސޮޕްޓްވެއާއެއް ބިލްޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ. އެމެރިކާގެ ޓެކްނިކަލް އެހީއާއެކު މިހާރު އެ ސޮފްޓްވެއާވެސް ފައްކާކޮށް ނިމިއްޖެ،” ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ އަތޮޅުތެރޭގެ ހުރިހާ ސްކޫލަކަށް އެ ސްކޫލެއްގެ ދަރިވަރުންނަށް ވާވަރަށް ޓެބްލެޓްތައް ވަނީ ފޮނުވާފައި ކަމަށާ މިހާރު ނުދެވި ހުރީ މާލޭގެ ބައެއް ސްކޫލްތަކަށް ކަމުގައެވެ. އެއީ އެންމެ ފަހުގެ ޓެބްލެޓް ޝިޕްމަންޓް މިކޮޅަށް އައުމުގައި ލަސްތަކެއް ދިމާވުމުން ކަމަށް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވިދާޅުވީ، ޓެބްލެޓް ބޭނުންކުރަން ފެށިނަމަވެސް ޓެކްސްޓް ފޮތްތައް ދޫކޮށްނުލާނެ ކަމަށެވެ. ޓެބްލެޓް ބޭނުންކޮށްގެން ކުދިންނަށް ކިޔަވައިދޭން ފަށާނީ ސްކޫލްތަކުން ނިންމާ ދުވަހަކާއި ޝެޑިއުލެއްގެ ދަށުން ކަމަށެވެ.

ރާއްޖޭގައި ސަރުކާރުން ހިންގާ 212 ސްކޫލް ހުރިއިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ. ވޭވޭ ބްރޭންޑްގެ 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖްގައި 16 ޖީބީ ހުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top