ސަލީމް، މިފަހަރުވެސް އޭދަފުށީ ދާއިރާއަށް

DSCN0821.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ގޮޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އޭދަފުއްޓަށް އުފަން އޭދަފުށީ ދެވިނަގޭ އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް ) ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޭތުވެ ދިޔަ ދައުރާ މިހާރު ނިމެމުން މިދާ ދައުރުގައިވެސް އޭދަފުށީ ދާއިރާ އަށް  އިންތިޚާބު ކޮށްފައިވަނީ ސަލީމް އެވެ.

އޭދަފުށީ ވޮއިސް އާ ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ އުފަންރަށް ހިމެނޭ ދާއިރާއަށް ޚިދުމަތް ކުރުމަކީ ލިބިވަޑައިގަންނަވާ ޚާއްސަ އުފަލެއްކަމާ މިދާއިރާގެ ރައްޔިތުން ވޭތުވެދިޔަ ދެ ދައުރުގައިވެސް އެމަނިކުފާނު އިންތިޚާބު ކޮށްފައިވަނީ ދާއިރާއަށް އެކަށީގެންވާ ޚިދުމަތެއް ކޮށްދެވިފައިވާތީ ކަމުގައި ގަބޫލު ކުރެވޭ ކަމުގައެވެ.

“އެއީ އަޅުގަނޑަށް އޮތް ހިތް ހަމަޖެހުމަކީ. ދާއިރާގެ ރައްޔިތުން ދެވަނަ ދައުރަކަށްވެސް އަޅުގަނޑު އިންތިޚާބު ކޮށްފައިވަނީ މަޖިލީހުގައާއި މަޖިލީހުން ބޭރުން ވެސް ދާއިރާގެ ރައްޔިތުން ބޭނުންްވާ ގިނަ ކަންތައްތަކެއް ނުވަތަ ޚިދުމަތް ތަކެއް ކޮށްދެވިއްޖެކަމަށް ގަބޫލު ކުރާތީ ކަމަށް އަޅުގަނޑު ދެކެނީ. އެހެންވެ އަންނަ ދައުރަށްވެސް އަޅުގަނޑުގެ އުފަން ދާއިރާ ޚިޔާރު ކުރީ.”ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަޖިލިސް މެންބަރުކަމަކީ ފަސޭހަ ކަމެއް ނޫންކަމާއި މިއީ ގޮން ޖެހުން ގިނަ މަސްއޫލިއްޔަތުވެސް ބޮޑު މަގާމެއް ކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމަށް މިދާއިރާ އެންމެ ފުރަތަމަވެސް ޚިޔާރު ކުރެއްވީ މަޖިލީހުގައި ބ.އަތޮޅުގެ އަޑު އެއްގޮތަކަށްވެސް ނީވޭތީ އެއީ އެކަން ވާންޖެހޭ ގޮތް ކަމަށް ގަބޫލު ނުކުރެވޭތީއެވެ. އެކަން ހާސިލުވެއްޖެކަމަށް މިއަދު ރައްޔިތުން ގަބޫލު ކޮށްފިކަމާއި މަޖިލީހުގައި މިހާރު މިދާއިރާގެ އަޑު މަޑުނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ ބޭނުންތެރި އަދި ބިނާކުރަނިވި ވާހަކަ ތަކެއްގެ ގޮތުގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމް އިތުރަށް ވިދާޅުވީ އާދައުރަކަށް މަޖިލީހަށް ކުރިމަތިލުމަށް ނިންމީ  ދާއިރާގެ ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށާ ހުރިހާ ބޭފުޅުންގެ އިޚްލާސްތެރި އެދުމަކަށް ވީ އަދިވެސް މިދާއިރާގައި ދެމިހުންނެވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބ.އަތޮޅު ބެހިފައިވަނި ތިން ދާއިރާއަކަށެވެ. އެއީ ކެންދޫ ދާއިރާ އާއި އޭދަފުށީ ދާއިރާގެ އިތުރުން ތުޅާދޫ ދާއިރާ އެވެ.

ސަލީމް އޭދަފުށި ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާ އިރު މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ހިސާން ހުސޭން ވަނީ ކޯލިޝަނުން ތުޅާދޫ ދާއިރާ އެމްޑީޕީއަށް ލިބިއްޖެނަމަ އެ ދާއިރާއަށް ކުރިމަތިލެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު