އެއާޕޯޓު މަޝްރޫއު ނިންމަން 1.2 ބިލިއަން ރުފިޔާ ޔޫއޭއީން ހަމަޖައްސައިދީފި

large_169838969440Urwq.jpg

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދީފިއެވެ.

މިފައިސާ ހަމަޖެހިގެން ދިޔައީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަމިއްލަ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީއަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ އެކު ކުރެވުނު މަޝްވަރާތަކުގައެވެ. މުއިއްޒު، ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ޔޫއޭއީ ސަރުކާރުންނެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެއްކޮށް ނިންމައިލާ، އޮޕަރޭޝަނަށް ގެނައުމެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ވީއައީއޭގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މަޝްރޫއު ކަމަށެވެ. އެހެންވެ އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިންމުމަަށް އިންތިހާބީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

އަދި، އެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ދިވެހި ރުފިޔާ ހަމަޖައްސައިދޭން ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

“އެ ފައިސާ ހަމަޖައްސައިދެއްވުމަށް ޔޫއޭއީ ސަރުކާރުގެ އަބޫދާބީ ފަންޑުގައި އެދިވަޑައިގެންފައިވޭ. އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި، އަބޫދާބީ ފަންޑު ފޯ ޑެވިލޮޕްމަންޓް (އޭޑީއެފްޑީ)ން 80 މިލިއަން ޑޮލަރު، އެހެން ގޮތަކަށް ދަންނަވާނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ،” ފިރުޒުލް ވިދާޅުވިއެވެ.

“މި ފައިސާ ހަމަޖެހިގެން ދިއުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ،”

އޭނާ ވިދާޅުވީ، މި އެހީއާ އެކު އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ. އަދި، މި ފައިސާގެ އިތުރުން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ވެސް އެ ގައުމުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ވީއައިއޭގެ މަޝްރޫއު ނިމުމުން އަހަރަކު ގާތްގަނޑަކަށް 7.2 މިލިއަން ފަތުރުވެރިންނަށް އެތަނުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top