މުވައްޒަފުން އިތުރުކުރީ، މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގަން: ފެނަކަ

large_16461635888EIuH.jpg

ފެނަކައިގެ އެމްޑީ ސައީދު--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ފެނަކަ ހިންގުމަށް މި އަހަރު 700އަަށްވުރެ ގިނަ މުވައްޒަފުން އިތުރުވީ، އަލަށް ގާއިމްކުރެވުނު ސްޓޭޝަންތަކުގައި ޚިދުމަތް ފެށުމަށް ޓަކައި ކަމަށާއި، ދަރަނި އިތުރުވީ ކޮވިޑު ތެރޭގައި ވެސް މަޝްރޫއުތައް ހިންގުމުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން ބޭއްވި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އޮތީ އިންތިޚާބީ ރައީސްގެ އޮފީހުން ފެނަކައާ ގުޅޭގޮތުން އާންމުކުރި މައުލޫމާތުތަކާ ގުޅިގެން އެ ކުންފުނިން ރައްދު ދިނުމެވެ.

އިންތިޚާބީ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް މީގެ ކުރިން ވިދާޅުވީ ފެނަކައިގެ އިދާރީ އަދި މާލީ ހިންގުމުގައި ކަންބޮޑުވާ މިންވަރުގެ ބޮޑެތި ގޯސްތައް ފާހަގަ ވެފައިވާކަމަށެވެ. އެގޮތުން މާޗު މަހުގެ ފަހުން 747 މުވައްޒަފުން އިތުރުވުމަކީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ފިރުޒުލް ސިފަކުރައްވައިފައިވެއެވެ.

އެކަމަށް ރައްދު ދެއްވައި، ސައީދު ވިދާޅުވީ އެ ކުންފުންޏަށް މީހުން ވެއްދުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމަށާއި އެ ކުންފުނިން އެއަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން އެކަން ކުރަމުންދާ ކަމަށެވެ.

“ކަނޑައެޅިގެން ބުހުތާނު ދޮގު. މި ސަރުކާރުން މިހާތަނަށް އައިއިރު ކޮރަޕްޝަންގެ އެއްވެސް ކަމެއް ސާބިތުވެފައެއް ނެތް. އަދި ނުވެސް އޮންނާނެ،” ސައީދު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

ސައީދު ވިދާޅުވީ މި އަހަރު ގިނަ މުވައްޒަފުންތަކެއް ނަގަންޖެހުނީ، ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގުމަށް މުވައްޒަފުން ބޭނުންވާތީ ކަމަށެވެ.

“އެހެންވީމާ ގާނޫނުން ލާޒިމް ކުރާ ގޮތުން ވެސް އަދި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ވެސް ނަގަންޖެހޭ މުވައްޒަފުން އެ ޕީރިއަޑުގައި ނަގާނެ. އެއްވެސް ހާލެއްގައި އެއީ ސިޔާސީ ބޭނުމަކަށް ޓަކައި ނަގައިފައި ތިބި މުވައްޒަފުންނެއް ނޫން. އިއްތިފާގަކަށް ވެދާނެ،” ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތަކީ ގިނަ މުވައްޒަފުން ބޭނުންވާ ޓެކްނިކަލް މަސައްކަތެއްކަމަށެވެ.

ސައީދު ވިދާޅުވީ، ފެނަކައަށް އެއްވެސް ސިޔާސީ ނުފޫޒަކުން މުވައްޒަފުން ވައްދައިފައިނުވާ ކަމަށެވެ. އަދި އެ ފަދަ ކަމެއް ކުރައްވައިފައި ނުވާކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ހަމައެއާއެކު ކޮރަޕްޝަންގެ މައްސަލައެއް މިހާތަނަށް މި ދައުރުގައި އެ ކުންފުންނީގެ މައްޗަށް ސާބިތުކުރެވިފައި ނުވާ ކަމަށާއި ދެންވެސް އެ ފަދަ ކަމެއް ސާބިތު ނުވާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.

ސައީދު ވިދާޅުވީ އިންތިޚާބީ ރައީސްގެ އޮފީހަކީ ސަރުކާރު ހިންގާ އޮފީހެއް ނޫން ކަމަށެވެ. އެއީ އިންތިޚާބީ ރައީސަށް އިދާރާތަކުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމްކޮށްފައި ހުންނަ އޮފީހެއްކަމަށް ސައީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top