ކެންދުއަށް ގެންދިޔަ އެކްސްކަވޭޓަރަކަށް ގެއްލުންދީފި

viber_image_2019-10-13_11-12-30.jpg

ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން (ވ) ކުރީ ދައުރުގެކައުންސިލްގެ މެމްބަރުންނާއެކު ފޮޓޯ: ކެންދޫ ކައުންސިލް

ބ.ކެންދޫ ފުޓްބޯޅަ ދަނޑު، ޒަމާނީ ފެންވަރަށް ހެދުމުގެ ގޮތުން ރޯޑް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށަށް ގެންދިޔަ އެކްސްކަވޭޓަރަކަށް ބަޔަކު ގެއްލުން ދީފިއެވެ.

ކެންދޫ ފުޓުބޯޅަ ދަނޑުޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ އާރްޑީސީ އާ އެވެ.

ކެންދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ކެންދޫ ބަނދަރު ސަރަހައްދުގައި ބާއްވާފައި އޮތް މި އެކްސްކަވޭޓަރަށް ގެއްލުން ދިނުމުގެ ގޮތުން މިމަހުގެ 17 ވަނަ ދުވަހުގެރޭ ދަންވަރު ވަގުތެއްގައި އޭގެ ހައިޑްރޯލިކް ޓޭންކް ތެރެއަށް ބަޔަކުވަނީ ވެއްޔާއި ފެން އަޅައި ގެއްލުން ދީފައެވެ.

މި އަމަލު ކުށްވެރިކޮށް ކެންދޫ ކައުންސިލުން ވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ.

ކެންދޫ ކައުންސިލުގެ ރައީސް އިބްރާހީމް އަބްދުއްރަހްމާން ސޮއި ކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެއްލުން ދީފައިވާ އެކްސްކަވޭޓަރަކީ އާރުޑީސީ އާއި ހަވާލުކޮށްގެން ކެންދޫ ފުޓްބޯޅަ ދަނޑުގެ އޮރިއެންޓޭޝަން ބަދަލުކޮށް ޒަމާނީ ފެންވަރުގެ ދަނޑަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެ ކުންފުނީގެ ބެލުމުގެ ދަށުން އެހެން ކުންފުންޏަކުން ގެނެސްފައިވާ އެކްސްކަވޭޓަރެއްކަމަށެވެ.

”އަދި އެކަން ކޮށްފައިވަނީ މަސައްކަތް ހުއްޓުވާލުމުގެ ބޭނުމުގައި އެކްސްކަވޭޓަރުގެ ޓޭންކް މަތި ނެގުމަށްފަހު ޓޭންކަށް ވެއްޔާ ފެން އަޅައިގެންނެވެ. އެފަދަ ނޭއްގާނި ފިނޑި އަމަލު ކައުންސިލުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.” ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

ކެންދޫގައި މިވަގުތު ހިންގާ ޕްރޮޖެކްޓްތަކަކީ ކެންދޫ ރައްޔިތުންގެ އެތައް އާދޭހަކުން މިއަދުގެ ސަރުކާރުން ހިންގާ އަސާސީ އަދި މުހިންމު ހިދުމަތްތަކުގެ ޕްރޮޖެކްޓް ތަކެއްކަން ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށް މިފަދަ ޕްރޮޖެކްޓްތައް ހުއްޓުވަން ބައެއް ފަރާތްތަކުން ކުރަމުންދާ މިފަދަ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބޭނީ ހަމަ ކެންދޫ ރައްޔިތުންނަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެކްކަވޭޓަރުގެ ޓޭންކަށް ވެއްޔާ ފެން އެޅުމުގެސަބަބުން އެކްސްކަވޭޓަރު އޮޕަރޭޓް ކުރުމުގައި މައްސަލަ ތަކެއް ދިމާވެ، ބޮޑެތި ގެންލުންތަކެއް ވަނީ ވެފައެވެ.

ކެންދޫ ކައުންސިލުން ވަނީ ގަސްތުގައި އަނިޔާވެރިވުމާ އަނިޔާ ދިނުމުގެ ނިޔަތުގައި ހިންގި އެ ޖަރީމާގެ މައްސަލަ ބަލައި ތަހުގީގުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައެވެ. އަދި އެފަދަ އަމަލު ހިންގި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އަޅާނެ ކަމަށް ކެންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top