ރައީސް ޔާމީން އަންނަމަހު އޭދަފުއްޓަށް ވަޑައިގަންނަވަނީ

53101_4d5d6c78-f_-768x486.jpg

2014 ވަނަ އަހަރު ރައީސް ޔާމީން އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. އަންނަމަހު ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނެކަމުގެ އަޑުތައް އަނެއްކާވެސް ވަނީ ގަދަވެފައި / ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރަސްމީ ދަތުރުފުޅެއްގައި އަންނަމަހު ބ. އަތޮޅު އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމުގެ ހަބަރުތައް ލިބެން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އާ އީވީން ގުޅާލުމުން ވިދާޅުވީ ތިޔަކަހަލަ އަޑެއް ނުރަސްމީކޮށް ލިބިވަޑައިގެންފައިވާކަމަށާ، އެކަމާބެހޭ ބައެއް ތައްޔާރީތައް ކަމާބެހޭ މިނިސްޓްރީތަކުން ކުރައްވަމުން ގެންދަވާކަންވެސް އެނގިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް ރަސްމީކޮށް މިއީ ކަށަވަރު ހަބަރެއްކަން ދަންނަވަން ދަތިކަމަށް ތޮލާލް ވިދާޅުވިއެވެ

އީވީއަށް އެނގިފައިވާ ގޮތުގައި މިދަތުރާބެހޭ ކަންކަމުގައި ބ. އަތޮޅު ކައުންސިލާއި، އޭދަފުށީގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް މިއަދު ހޯމް މިނިސްޓްރީގެ އިސްބޭޅުންގެ ޓީމެއް އޭދަފުއްޓަށް ޒިޔާރަތް ކުރެއްވިއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅަކީ ރާއްޖޭގެ ވަލިއްޔުލް އަމްރުގެ މަޤާާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔާމީން ބ. އަތޮޅަށް ކުރައްވާ 3ވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅުގައި އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް 2014 އޭޕްރީލްމަހު އޭދަފުއްޓަށް ވަޑައިގަތެވެ. ދެވަނަ ދަތުރުފުޅުގައި 2015ވަނަ އަހަރު ވަޑައިގަތީ ބ. ގޮއިދޫއަށެވެ. އެފަހަރު ގޮއިދޫގައި ޕީޕީއެމް ޖަގަހައެއް ހުޅުއްވައިދެއްވީއެވެ.

ރައީސް ޔާމީން އޭދަފުއްޓާ ތުޅާދުއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް މިދިޔަ އޭޕްރީލް މަހުވެސް ހަމަޖެހުނެވެ. ނަމަވެސް ކަމާބެހޭ ތައްޔާރީތައް ވެ ނިމުނުފަހުން ދަތުރުފުޅު ކެންސަލްވީއެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވަނީ އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ނިމުން ފާހަގަކުރުމަށާއި، އޭދަފުށިގައި ކުރިޔަށްދާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށްޓަކައެވެ. ބައެއް މަސްދަރުތަކުން މައުލޫމާތުދޭގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އޭދަފުށީގައި ތަރައްޤީގެ މަޝްރޫއެއް އިޢްލާންކުރައްވަންވެސް ހަމަޖެހިފައިވެއެވެ.

ރައީސްގެ މިދަތުރުފުޅުގައި މަހާރެހެންދި ފާތިމަތު އިބްރާހީމްވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top