ބ. އޭދަފުށީ ރެސިޑެންޝަލް ލާނިސްގް ސެންޓަރު (ދަނާލު) ގެ މާލިއްޔާއިން ހަލައްކަ ރުފިޔާ ހަރަދުކޮށްގެން އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަނެފިއެވެ.
ދަނާލުގެ އެކައުންޓުން ހަލައްކަ ރުފިޔާގެ ހިއްސާ ގަނެފައިމިވަނީ ދަނާލު ބޯޑުން ހުއްދަ ލިބިގެންކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެއެވެ. އެމަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަދި މީޑިޔާ ކޯޑިނޭޓަރ އަލީ އިމާދު ވިދާޅުވީ މިހަރަދު ދަނާލުގެ އެކައުންޓުން ކުރީ މީގެ ދުވަސްކޮޅެއްކުރިން ކަމަށެވެ.
ދަނާލު ބޯޑު މެމްބަރ ސިދުގީ އަބްދުﷲ ވިދާޅުވީ އުރީދޫގެ ހިއްސާ ގަތުމަށް ދަނާލު ބޯޑުން ނިންމީ ކަމާބެހޭގޮތުން ދިރާސާ ކުރުމަށްފަހު، މިކަމުގެ ސަބަބުން ދަނާލުގެ އެކައުންޓަށް ދުރު މުސްތަގުބަލްގައި އެދެވޭ ފައިދާއެއް ހޯދޭނޭކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދަނާލުގެ ކޭޝްފްލޯ ދަށްވުމުގެ ބިރެއް ނެތްކަމަށެވެ.
“އެއްގޮތަކަށްވެސް މީ ހާސްވާވަރުގެ ކަމެއްނޫން އިނގޭތޯ. އަޅުގަނޑުމެން މި އިންވެސްޓްކުރީ ހަލައްކަ. ދެތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިހަލައްކަ އަނބުރާ ލިބޭނެ ހިއްސާގެ ފައިދާއިން. ދެން ދާނީ ފައިދާ ވަމުން. އެހެންވީމާ ދުރުމުސްތަގްބަލަށް ބަލާއިރު މީ ވަރަށްބޮޑު ފައިދާ ލިބިލިބި ހުންނާނެ ކަމެއްކަމަށް ބޯޑުގެ މެމްބަރުންނަށް އެއްބަސްވެވިގެން މިކަން ނިންމީ” ސިދުގީ ވިދާޅުވިއެވެ.

ދަނާލު ބޯޑު މެމްބަރ ސިދުގީ އަބްދުﷲ. އުރީދޫން ހިއްސާގަތުމަކީ ދުރުމުސްތަގްބަލްގައި ބޮޑުފައިދާއެއް ލިބޭނޭކަމެއްކަމަށް ވިދާޅުވި / ފައިލްފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ދަނާލުގެ ކުއްޔަށް ލިބިފައިވާ ފައިސާއިން މިހާތަނަށް ކުރި ހަރަދުތައް އުނިކޮށްލުމުންވެސް 1.3 މިލިޔަން ރުފިޔާ ފައިދާގެ ގޮތުގައި އެބަހުރިކަމަށެވެ. އަދި ދަނާލު އެކައުންޓުން ތައުލީމީ މަރުކަޒަށް ކޮންމެ އަހަރަކު 2 ސޮކްލަރޝިޕާއި، އަހަރުގެ އެންމެމޮޅު ދަރިވަރުންނަށް ލެޕްޓޮޕް ދެމުންދާކަމަށް އެމަރުކަޒުން ފާހަގަކުރިއެވެ.
ވޯލްޑްބޭންކާ، ޔޫއެންޑީޕީގެ އެހީގައި އިމާރާތްކޮށް 2010 ވަނައަހަރު ހިދްމަތްދޭންފެށި އޭދަފުށީ ދަނާލުގައި 20 އެޕާޓްމެންޓް ހުރެއެވެ. އެއީ 4 ކޮޓަރީގެ 4 އެޕާޓްމެންޓާއި، 3 ކޮޓަރީގެ 16 އެޕާޓްމެންޓެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިވަގުތު ދަނާލުގައި 250 ހެއްހާ މީހުން ދިރިއުޅެމުންދާކަމަށާ، އެތަނުން ކުލީގެ ގޮތުގައި މަހަކު 60 ހާހަށްވުރެ ގިނަ ރުފިޔާ ލިބެމުންދާކަމަށެވެ.